ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ އެކު އެއީ އެ އިލްމުވެރިޔާއާ ދީނީ ގޮތުން ޚިޔާލު ތަފާތުވާ ދީނީ ބަޔަކު ކުރި ކަމެއް ކަމަށް އަޑު ފެތުރިފައި ވިޔަސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން އިއްޔަ ބޭއްވި ނިއުސް ބްރީފިން އެއްގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެނީ އެ އަނިޔާވެރި ޖަރީމާ ހިންގީ ސިޔާސީ ބޭނުމެއްގައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ.
"މިއީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބަޔަކު ކުރި ކަމެއް ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ބެލިބެލުމުން ލިބިފައެއް ނެތް. ލިބިފައި ހުރި ހުރިހާ މައުލޫމާތެއް އަޅުގަނޑުމެންނަށް އައިސްފައި ހުރީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ރޭވުން ހިންގި މީހުން ވެސް އަދި މި އަމަލު ހިންގި މީހުންގެ ފަރާތުން ވެސް އަދި އަޅުގަނޑުމެންނަށް ލިބިފައި ހުރި އެހެނިހެން މައުލޫމާތުގެ އަލީގައި ވެސް އަޅުގަނޑުމެންނަށް މިކަން ބޮޑަށް ބުރަވެފައި މި އޮތީ ސިޔާސީ ބަޔަކު މީގެ އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި ސިޔާސީ ވިސްނުމެއްގައި ހިންގާފައިވާ އަމަލެއްކަން، ޖަރީމާއެއްކަން،" ރިޔާޒު ވިދާޅުވި އެވެ.
މިމައްސަލަ ތަޙުޤީޤު ކުރުމަށް މިހާތަނަށް 500 އަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖާއި ކްރައިމް ސީން އަދި މައްސަލައާ ގުޅޭގޮތުން 200 އައިޓަމް އެވިޑެންސްގެ ގޮތުގައި ނެގި އެނަލައިސް ކުރެވިފައިވާކަމަށާއި މީގެތެރޭގައި ފޮރެންސިކް ޑިޖިޓަލް އަދި އެހެނިހެން ބާވަތުގެ އެވިޑެންސް ހިމެނޭ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙްޤީޤު ޓީމުގައި އެފް.ބީ.އައި ގެ 2 ކޮންސަލްޓެންޓެއްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް ގެ 80 އަށް ވުރެ ގިނަ ފުލުހުން ޙަރަކާތްތެރިވަމުންދެއެވެ. މިހާތަނަށް މި މައްސަލައާ ގުޅިގެން 11 މީހުން ހައްޔަރުކުރެވިފައިވާއިރު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 6 މީހުންނެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އޭނާއާ ޚިޔާލު ތަފާތުވެފައިވާ ބައެއްކަމަށް ހެއްކެއް ލިބިފައިނުވޭ: ފުލުހުން
ކޮމެންޓް (0)
ލޯޑް ކުރަމުން...