ރާއްޖޭގެ ޚަބަރު ދިވެހިރާއްޖޭގައި ޣައިރު މުސްލިމުންނަށް ކައިވެނި ކުރުމުގެ ފުރުޞަތު ދީގެން ނުވާނެ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގައި ޣައިރު މުސްލިމުންނަށް ކައިވެނި ކުރުމުގެ ފުރުޞަތު ދީގެން ނުވާނެ: އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ދިވެހިރާއްޖޭގައި ޣައިރު މުސްލިމުންނަށް ކައިވެނި ކުރުމުގެ ފުރުޞަތު ދީގެން ނުވާނެކަމަށް އިސްލާމިކް އެފެއަރޒުން  ބުނެފިއެވެ.

އެމިނިސްޓްރީގެ އިސްބޭފުޅެއް ކަމަށްވާ އައްޝެއިޚް ޢަލީ ޒާހިރު ވިދާޅުވީ ރަމްޒީގޮތުން ވެސް އަދި އެނޫން ގޮތަކުންވެސް ޣައިރު މުސްލިމުންނަށް ދިވެހިރާއްޖޭގައި ކައިވެނި ކުރެވެން އޮތުމަކީ އެމިނިސްޓްރީން ދެކޮޅު ހަދާކަމެއްކަމަށެވެ. މިގޮތުން އެމިނިސްޓަރީ އެކަމާ ދެކޮޅު ހަދާ އެންމެ ބޮޑު އެއްސަބަބަކީ އެފަދަ ކަމެއް ކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުން ތަންނުދޭތީކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެގޮތަށް ރާއްޖޭގައި ކައިވެނިކުރަން ބޭނުންވާ ޣައިރު މުސްލިމު ފަތުރުވެރިން އެބައިމީހުންގެ ދީނީ އުސޫލުތަކާއެއްގޮތަށް ކައިވެނިކުރަން ޑިމާންޑުކޮށް އެކަންތައްތައް ރިސޯޓުތަކުގައި ހިނގުމުގެ ފުރުޞަތުވެސް އޮތްކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

މިފަދަ ކައިވެނިތައް ކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުކަމަކަށް ވީނަމަވެސް ދިވެހިރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުގައި މިފަދަ ކައިވެނިތައް ބޮޑުތި އަގުތައް ނަގައިގެން ކުރެވެމުންދެއެވެ. އަދި މިދޭތެރެއަކުން ވިލުރީފް ރިސޯޓުގައި އިސްލާމްދީނަށާއި ދިވެހި ޘަޤާފަތަށް ހަޖޫޖަހާފައި، ޣައިރު މުސްލިމު ދެމީހަކަށް މިފަދަ ކައިވެންޏެއް ކޮށްދިން މަންޒަރު ޔޫޓިއުބުގެ ޒަރީޢާއިން ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށްވަނީ ހާމަވެގެން ގޮސްފައެވެ. މިކަމުގައި ސަރުކާރާއި، ރިސޯޓުގެ ފަރާތުން ޣައިރު މުސްލިމު އެދެމަފިރިންގެ ކިބައިން މާފަށް އެދި ފައިސާގެ ބަދަލު ދޭނެކަމަށް ބުނަމުންދެއެވެ. އިސްލާމްދީނަށާއި ދިވެހި ޘަޤާފަތަށް މިވަރުގެ ފުރައްސާރައެއް ކުރެވުނުއިރު ދިވެހިންނާއި އެންމެހައި މުސްލިމުންގެ ކިބައިން މާފަށް އެދޭނެ މީހަކު ނުވިއެވެ.

ވިލުރީފްގެ ކައިވެނި ވީޑިޔޯ ހާމަވުމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވަނީ، މިފަދަ ކައިވެނިތައް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސުވާލަކީ އިސްލާމިކް މިނިސްޓްރީން މިކަމާ ދެކޮޅު ހަދަމުން ގެންދަނިކޮށް އެފަދަ ނިޒާމެއް ނުވަތަ ޤަވާޢިދެއް ހަދައިފާނެކަމާމެދުގައެވެ.

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.