މަރަށް މަރު ހިފުމޭ ހަމަ ބުނާއިރަށް ހުޅަނގުގެ ބާރު ތަކުން ތެޅި ފޮޅި ގަނެއެވެ. ހީވަނީ ހުޅަނގު ފަރާތުން އިރު އަރަން އުޅެނީ ހެންނެވެ. މިމީހުންނަށް މަރަށް މަރު ހިފުމޭ ބުނާއިރު އެކަން މި ބޮޑުވަނީ އިސްލާމީ ޤައުމަކުން އެކަން ކުރަން އުޅޭ ނަމައެވެ. ހުޅަނގުގެ ކާރަފު ޤައުމު ތަކުގައި ވެސް މަރަށް މަރު ހިފަމުން ގެންދާއިރު މި ބައިމީހުންނަށް މިއީ މާބޮޑު ކަމަކަށް ނުވެއެވެ. އަދި މިއީ ޒަމާނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤު ތަކާއި ޚިލާފު ކަމަކަށް ވެސް ނުވެއެވެ.
ދިވެހި ރާއްޖޭގައި ވެސް މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ މަރަށް މަރު ހިފުމުގެ ވާހަކަ އެވެ. މި ވާހަކަ އަކީ އަޅުގަނޑު މެންނަށް އާ ވާހަކަ އަކަށް ނުވި ނަމަވެސް މިފަހަރު މި ވާހަކަ މި އައީ މުޅިން ތަފާތު ގޮތަކަށެވެ. މުޅިން ތަފާތު ބޭފުޅެއްގެ ދޫފުޅުން ނެވެ.
ދިވެހި ރާއްޖޭގައި މަރަށް މަރު ހިފެން އޮތީ ޤާނޫނެއްގެ ތެރެއިން ކަމަށާއި ކުރިޔަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަރަށް މަރު ހިފުމާއި ބެހޭ ޤާނޫނެއް އެކުލަވާ ލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރާޢްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅު ވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ މިކަން މި އިޢުލާނު ކުރެއްވީ ދިވެހި ރާއްޖޭގެ ކަމާގުޅުން ހުރި އެންމެ އިސް މުއައްސަސާ ތަކުގެ އެންމެ އިސް ވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ މިކަން ވެދާނެ ބާއެވެ؟ މި ސުވާލުގެ ޖަވާބުވެސް އެހާ ސާފެވެ. އާއެކެވެ. މިކަން ވެދާނެ އެވެ. އެހެން ނަމަވެސް މިކަން ވުމުން ނޫނީ މިއީ ވެދާނެ ކަމެއް ކަމަށް ދިވެހިން މިއަދު ޤަބޫލެއް ނުކުރާނެ އެވެ. އަޅުގަނޑުމެންގެ ތެރެއިން ކުށެއްނެތި ފުރާނައެއް ގެއްލިގެންދާ ކޮންމެ ފަހަރަކުވެސް މިވާހަކަ މިގޮތަށް ދެކެވެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެކެވެ. އިސާހިތަކު ހަނދާން ނެތިހިނގައިދާނެ އެވެ.
މަރަށް މަރު ހިފުމާއި ބެހޭ ޤާނޫނެއް އަޅުގަނޑުމެންނާއި ހަމައިގައި މިހާރުވެސް އެބަ އޮތެވެ. އެ ޤާނޫނަށް ވަނީ އަޅުގަނޑުމެންގެ ޤާނޫނު އަސާސީން ވަރަށް މަތިވެރި ދަރަޖަ އަކަށް ބާރުވެސް ދެވިފަ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ޖެހިގެން މިއުޅޭ މައްސަލަ އަކީ އެ ޤާނޫނު ތަންފީޒު ނުކުރެވުމެވެ. ބައެއް ބޭބޭފުޅުން އަޑަށް ބާރު ލައްވާފައި އެ ޤާނޫނު ތަންފީޒު ކުރާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް މީގެ ސާދަ ސަތޭކަ އަހަރު ކުރިން ބާވާލެއްވި އިލާހީ އެ ޤާނޫނު އަޅުގަނޑު މެންނާއި ހަމައަށް ފޮނުއްވި ފަރާތުން ވަނީ އެ ޤާނޫނު ތަންފީޒު ކުރާނެ ގޮތް ވެސް ވަރަށް ތަފްޞީލު ކޮށް ހާމަކޮށް ދެއްވާފައެވެ. މަރަށް މަރު ހިފުމޭ މިއަދު ބުނާއިރު، އިސްލާމީ ޝަރީޢަތުގައި އޮންނަ ޤިޞާސް ހިފުމަކީ ހަމައެކަނި މީހަކު މަރާލާ މީހަކު މަރަށް ހުކުމް ކޮށް އެމީހަކު މަރާލުމެއް ނޫނެވެ. އެ ޙުކުމްފުޅު އެއަށްވުރެ މާ ހަރުދަނާ ވެފައި އޭގެ ދާއިރާ މާ ފުޅަލެވެ. މި ގޮތުން ޤިސޯސް ހިފެނީ ނުވަތަ މަރަށް މަރު ހިފެނީ ޝަރީޢަތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޤާތިލަކީ ކާކު ކަން ސާބިތު ވުމުން ނެވެ. ޙާކިމާ އެމީހާ މަރަން ޙުކުމް ކުރި ނަމަވެސް ވާރިސުން ބޭނުން ނަމަ އޭނާ މަރާ ނުލާ މަރުގެ ދިޔަ އަކުން ފުއްދާ ލެވެއެވެ. ނުވަތަ މަރުގެ ދިޔަ ދިނުމާއި އެކު މަޢާފް ކުރެވެއެވެ. ނުވަތަ އޭނާގެ އަތުން މަރުގެ ދިޔަ ނެގުމަކާއި ނުލާ މަޢާފް ކުރެވެއެވެ.
އިސްލާމީ ޝަރީޢަތުގައި މަރަށް މަރު ހިފުމަކީ މިހާ ފުރިހަމަ ކޮށް އޮންނަ ކަމެކެވެ. މި ޙުކުމަކަށް ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ހޯމް މިނިސްޓަރަށް މަޢާފެއް ނުދެވެއެވެ. އެހެން ނަމަވެސް ވާރިސުން ނަށް މަޢާފް ދެވިދާނެ އެވެ. މާތް ﷲގެ ޙުކުމް ފުޅަށް ގޮންޖެހުމަށް ފަހު ހުޅަނގުގެ ކާފަރުން ވެސް ވަނީ މި ޙުކުމް ފުޅުގެ އަސްލާއި އެއްގޮތް ވަލޮޢީ ޤާނޫނު ތަކެއް ހަދާ މަރަށް މަރު ހިފަން ފަށާފަ އެވެ. އެހެން ނަމަވެސް އެބައި މީހުންގެ ތެރޭގައި އޮންނަ ނިޒާމު ތަކަކީ ދެބަޔަކު އެކައްޗެއް ކިޔާ ނިޒާމެއް ނޫނެވެ. އެބައިމީހުންގެ ތެރޭގައި އަދިވެސް ބަޙުސް ކުރެވެނީ މަރަށް މަރު ހިފާނީ ޤާތިލު އެއްބަސް ވުމުން ތޯ ނުވަތަ ނޫން ތޯ އެވެ. އެބައިމީހުންގެ ތެރޭގައި މިއަދު އެންމެ ހޫނު ވެފައިވާ އެއްބަހުސަކީ ޤާތިލަށް މަރުގެ އަދަބު ދޭނީ ފާޅުގައި ނުވަތަ ސިއްރުން ތޯއެވެ. ޤާތިލަށް އެނގިގެން ނުވަތަ ނޫން ތޯއެވެ. ޤާތިލުގެ ރުހުމުގައި ނުވަތަ ނުރުހުމުގައި ތޯ އެވެ؟ ވިހަ އިންޖެކްޝަން ޖަހައިގެން ތޯ ނުވަތަ ޤަތުލު ކޮށްގެންތޯ އެވެ؟ މިފަދަ ކިތަންމެ ބައިވަރު ސުވާލެކެވެ. މި ސުވާލު ތަކަށް މިބައިމީހުންގެ މޮޅު ޑިމޮކްރަސީގެ ތެރެއިން ވެސް މިއަދު ފުރިހަމަ ޖަވާބެއް ނުލިބުނު ނަމަވެސް މީގެ ސާދަ ސަތޭކަ އަހަރަށްވުރެ ކުރިން މި ސުވާލު ތަކުގެ ޖަވާބު އަޅުގަނޑުމެންނަށް ވަނީ ލިބިފަ އެވެ. ދެން މިކަން ނުވެގެން މިއުޅެނީ ކީއްވެގެން ތޯއެވެ. އޮތީ ހަމަ އެންމެ ޖަވާބެކެވެ. އީމާން ތެރި ކަމާއި އިޚުލާސް ތެރިކަމެއް ނެތުމުން ނެވެ.
މިއަދު މަރަށް މަރު ހިފުމުގެ ވާހަކަ ދެކެވޭ އިރު ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ފަދައިން އެމަނިކުފާނުގެ ޕާޓީގެ މެންބަރަކު މަޖިލީހުގައި ނެތް ނަމަވެސް ކޯލިޝަން ޕާޓީތައް މެދުވެރިކޮށް ތިންހަފްތާގެ ތެރޭގައި ޤާނޫނެއް މަޖިލީހަށް ވެއްދި ދާނެ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ތެރެއިން ފާސްވެގެން އޭތި އަވަހަށް ނުކުމެދާނެ ތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޢިއްޒަތްތެރި މެންބަރުންނަށް މިކަމުގެ ފުރިހަމަ މަޢުލޫމާތު ލިބިވަޑައިގެންފައި ވޭތޯ އެވެ. މަޖިލީހުގައި ދެން ފެށިދާނެ އަނެއް ބަހުސަކީ މި ޤާނޫނު ފާސް ކޮށްފި ނަމަ ހުޅަނގުން އެހީ ނުލިބި ދާނެ ކަމުގެ ބަހުސެވެ. ހުޅަނގުގެ އެމްނެސްޓީ ފަދަ ޖަމާޢަތްތަކުން ރުޅި އަތުވެދާނެ ކަމުގެ ވާހަކަ ތަކެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިއަދު ހެއްދެވި ފަރާތުގެ ކޯފާ އަށްވުރެ ބޮޑަށް އެމްނެސްޓީ ފަދަ ޖަމާޢަތްތައް ދެކެ ބިރުގަންނަ އިރު، މިފަދަ ޖަމާޢަތް ތަކުގެ ފަތިފުށް ބަލާލުން ރަނގަޅެވެ. މިބައި މީހުންނަކީ ދީނުގެ މިނިވަން ކަމަށާއި، އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަން ކަމަށް ގޮވާލަމުން ދާ މީހުންނެވެ. އަޅުގަނޑުމެންގެ އިލާހީ ޤާނޫނު ބުނާ ގޮތުން އެމީހުން އުޅޭ ގޮތަށް ނުވަތަ އެމީހުން ބުނާ ގޮތަށް އެމީހުންގެ ދީނަށް އަޅުގަނޑުމެން ރުހިއްޖައުމަށް ދާންދެން އެބައި މީހުން އަޅުގަނޑުމެންނަކާ ނުރުހޭނެ އެވެ. ހުޅަނގުގެ ޤައުމު ތަކުގައި ކުށެއް ސާބިތު ނުވެ ކިތަންމެ ބަޔަކު މެރި ނަމަވެސް މިބައި މީހުނަކަށް އެކަން ބޮޑެއް ނުވާނެ އެވެ. އެހެން ނަމަވެސް އިސްލާމީ ޤައުމެއްގައި ޤިސޯސް ހިފާ ވާހަކަ ބުނެފި ނަމަ އެމީހުން ކަން ބޮޑުވާނެ އެވެ. މި ޤައުމުގައި ވެސް ޙައްޤަކާ ނުލާ މަގުމަތިން މީހުން މަރާ މީހުން ކަތިލާ ހެދި ނަމަވެސް އެމީހުންނަކަށް އެކަން ބޮޑެއް ނުވާނެ އެވެ. އެކަމަކާ ބަހެއްވެސް ނުކިޔާނެ އެވެ. އެހެން ނަމަވެސް ދުވާލުގެ މެންދުރު އެންމެންގެ ކުރިމަތީގައި އެފަދަ މުޑުދާރު ޖަރީމާއެއް ހިންގި ފަރާތަކަށް މަރުގެ އަދަބު ދޭވާހަކަ ބުނާއިރަށް އެމީހުން ކަންބޮޑު ވާނެއެވެ. ބަޔާން ތައް ނެރޭނެ އެވެ. ފިއްތުން ތައް ފިއްތާނެ އެވެ. އޮއްބުން ތައް އޮއްބާނެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ނަށް މި ކުޅިން މޮޅު ވެވޭނީ ފިއްތިހާ ގޮތަކަށް ނުފިތިއޮއްބިހާ ގޮތަކަށް ނު އޮބި ތިބެވިއްޖެ ނަމައެވެ. އެހެން އެކަން ނުވާނަމަ ހަމަ ކޮންމެ ކަމަކަށް ވެސް ފިއްތި ގިތެޔޮ މިރުހެއްވެސް ހަމަ ވަރި ހަމަ ނޫން ތޯއެވެ؟

ކޮމެންޓް (0)
ލޯޑް ކުރަމުން...