ރާއްޖޭގެ ޚަބަރު މީހުން މެރުން ހުއްޓުވޭނީ އެ އަމަލު ހިންގާ މީހުންނަށް މަރުގެ އަދަބު ދެވިގެންކަމަށް މަޖިލިސް ބައެއް މެމްބަރުން ގޮވާލައިފި

މީހުން މެރުން ހުއްޓުވޭނީ އެ އަމަލު ހިންގާ މީހުންނަށް މަރުގެ އަދަބު ދެވިގެންކަމަށް މަޖިލިސް ބައެއް މެމްބަރުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މީހުން މެރުން ހުއްޓުވޭނީ އެ އަމަލު ހިންގާ މީހުންނަށް މަރުގެ އަދަބު ދެވިގެންކަމަށް މަޖިލިސް ބައެއް މެމްބަރުން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން މިފަދަ މޭރުމަކުން ގޮވާލާފައިވަނީ ހޯރަފުށީގައި ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ މީހެއްގެ މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު މަޖިލީހުގައި ވިދާޅުވެފައިވަނީ "މީހުން މެރުން ހުއްޓުވޭނީ އެ އަމަލު ހިންގާ މީހުންނަށް މަރުގެ އަދަބު ދެވިގެން ކަމަށާއި އެފަދަ ކުށްވެރިންނަށް މާފު ނުދެވޭނެ ގޮތާއި ޕެރޯލް ނިޒާމުގެ ދަށުން ދޫނުކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅުއްވާނެ" ކަމަށެވެ. އަދި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ "މަރުގެ މައްސަލައިގެ ފަހަތުގައި ތިބި ބަޔަކަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ގޮވާލާ ކަމަށާއި އެނޫން ގޮތަކަށް މިކަން ހައްލެއް ނުވާނެ. މި ކަންތައްތައް މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން،" ކަމަށެވެ. މީގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބު ވިދާޅުވަނީ، " އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ގައުމުގައި އެންމެ މީހަކު މަރާލާއިރަށް ދެން މީހަކު މަރާނެ މީހަކު ނުވާނެ. މި ގައުމުގައި އެންމެ މީހެއްގެ އަތް ކަނޑާލާއިރަށް ދެން ވައްކަން ކުރާ މީހަކު ނުވާނެ."ކަމަށެވެ.

މަޖިލީހުގައި 'މަރަށް މަރު' ހިފުމުގެ ވާހަކަ ފޯރީގައި ދެކެވުމުން ދިޔައިރު ބައެއް ބޭފުޅުން މަޑުމަޑުން ތިއްބެވިކަންވެސް ފާހަގަކުރެވެއެވެ. ޤާނޫނު ހައްދަވާ ބޭފުޅުން މަޖިލީހުގައި ތިއްބަވައިގެން މީގެ އެތައް ސަތޭކަ އަހަރު ކުރިން ހަދާފައިވާ ޤާނޫނު ތަންފީޒު ކުރުމަށް ގޮވަމުންދާއިރު ބައެއް ފަރާތްތަކުން އެކަމާ ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.