މަސްޖިދުލް މުހައްމަދު ބިން އަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގައި އިއްޔެ ލޯފަން ބޭފުޅަކު، އިމާމުވެ ހުކުރު ކުރައްވައިފިއެވެ.
އިއްޔެ އިމާމުވެ ހުކުރު ކުރެއްވީ ށ.ފޭދޫ ވަވަތި، އުމުރުން 40 އަހަރުގެ އަބްދުރަޝީދު މުޙައްމަދެވެ. އަބްދުރަޝީދަކީ ށ.ފޭދޫ ހުކުރު މިސްކިތުގައިވެސް އިމާމުވެ ހުކުރު ކުރައްވާ ބޭފުޅެއްކަމަށް ދި އިސްލާމަށް ވަނީ މައުޟޫމާތު ލިބިފައެވެ. ކީރިތި ޤުރުއާން އެއްކޮށް ހިތުން ދަސްކުރަށްވާފައިވާ އަބްދުއް ރަޝީދު މުޙައްމަދަކީ ކީރިތި ޤުރުއާނުގެ ތަރުޖަމާވެސް ހިތުން އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.
އިއްޔެ ވިޔަފާރިވެރިންގެ މިސްކިތަށް ހުކުރަށް ވަޑައިގެންނެވި ގިނަ ބަޔަކު ހައިރާންކުރުވަނިވި ގޮތަކަށް ހުކުރު ޙުތުބާ ދެއްވި އަބްދުއްރަޝީދު މުޙައްމަދު، ހުކުރު ކުރަން ހަމަޖެހިފައިވާތީ ވަރަށް ގިނަ ބަޔަކުވަނީ ވިޔަފާރިވެރިންގެ މިސްކިތަށް ހުކުރު ނަމާދަށް ގޮސްފައެވެ. އަބްދުއް ރަޝީދު މުޙައްމަދު ވިދާޅުވެފައިވަނީ، އިސްލާމިކް އެފެއާޒުން ދެއްވާފައިވާ ޚުތުބާ ހިތުން ދަސްކުރަށްވައިގެންނެވެ. ހުކުރު ނަމާދަށްފަހު ގިނަ އަދަދެއްގެ މީހުންވަނީ އަބްދުއްރަޝީދު މުޙައްމަދާ ސަލާމްކޮށް މަރުޚަބާ ކިޔާފައެވެ.
މިއީ މާލޭގެ މިސްކިތެއްގައި، ލޯފަން ބޭފުޅަކު އިމާމުވެ ހުކުރު ނަމާދު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ޚުތުބާގެ ރެކޯޑިން ރާއްޖޭގެ މަޝްހޫރު ދީނީ ވީޑިއޯ ވެބްސައިޓު، ދަރުސްލައިވަށް އަޕްލޯޑުކުރެވޭނެކަމަށް ދި އިސްލާމަށް ވަނީ ޚަބަރު ލިބިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...