ދާދިފަހުން މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ 'މިސްކިތް ފަންޑު' ޓެލެތޯންއަށް 1 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާގެ އެހީ އެއް ފަރާތަކުން ލިބިފައިވާއިރު އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ 'ކުޑަކުދިން'ގެ ފަރާތުން ލިބިފައިވާ ތަރުހީބެވެ. 6 ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ މިސްކިތު ފަންޑު ޓެލެތޯންގެ ތެރެއިން ފަންޑު ފޮށިތަކުގެ ކައިރިން ފެނުނު މަންޒަރުތަކުން ތުއްތު ކުދިންގެ މައުސޫމުކަމުގެ އިތުރުން އެކުދިންގެ 'ހެޔޮ'ކަމާއި މެދު ހައިރާންވާންޖެހެއެވެ.
އޭގެ ތެރެއިން އެއް ހާދިސާއަށް ބަލާލަމާތޯއެވެ.
5 ނުވަތަ 6 އަހަރުގެ ކުޑަކުއްޖަކު މަންމައާއި އެކު އިސްލާމީ މަރުކަޒުގެ ތެރެއަށް ވަދެގެން އައިއިރު އަތުގައި ކޮންމެވެސް ކޮތަޅެއް އޮތެވެ. ބަރު އެއްޗެއްކަން އެނގެނީ އެކުޑަކުއްޖާގެ ހިނގުމުގައި 'ބަރު' ގޮތެއް ހުރީމައެވެ. އަދި އެކުއްޖާގެ މަންމަ އެގޮތަޅު 'މަންމަ އަތައް ދޭށޭ' ބުނާކަހަލަ ގޮތަކަށް އަމަލު ހުރުމާއި އެކުއްޖާ އެޔާއި ވިއްދައިގެން 'ބޯ ހޫރާލުމުން' ކޮންމެވެސް ދެބަސްވުމެއް އުޅޭކަން ޔަގީންވިއެވެ. ކޮންމެވެސް ގޯހެއް އުޅޭހެން ހީވެގެން ފަންޑު ފޮއްޓާ އަޅުގަނޑު ކައިރިވެލީ ވާނުވާ އިތުރަށް އެންގެން ބޭނުންވާތީއެވެ. އެކުއްޖާއައިސް މިސްކިތު ފަންޑު މަތީ އެއްކަލަ ކޮތަޅު ބެހެއްޓިއެވެ. އަދި ކޮތަޅުން ވަކިލާރި އަޅާފައިވާ ފުޅިއެއްގެ ޒާތުގެ އެއްޗެއް ނަގާ ފަހަރަކު ވަކިލާރިއެއް ފޮއްޓަށް އަޅަން ފެށިއެވެ. 'މަންމާ ހާދަ ބޮޑު ކަމެކޭ މީ' ކުޑައިރުކޮޅެއް ފަހުން އެކުއްޖާ ކުޑަކޮށް ޝަކުވާ ކޮށްލިއެވެ. އެންމެފަހުން އެތައް އިރެއްފަހުން ހުރިހާ ލާރިއެއް މިސްކިތު ފަންޑަށް އަޅާ މުޅިން ހުސްކޮށްލިއެވެ.
މިދެންނެވި ހާދިސާގެ 'ނޭނގޭ' ވާހަކަ ހޯދުމަށް އަޅުގަނޑު އިތުރަށް ޝައުގުވެރިވީ އެކުއްޖާ އެލާރިތައް ފޮއްޓަށް އެޅުމުގައި 'ގަޓު' ގޮތެއް ހުރުމުގެ ސަބަބުންނެވެ. އެންމެ ލާރިއެއްވެސް އެހެންމީހަކަށް ލުމުގެ ހުއްދައެއް އެކުއްޖާ ނުދިނުމުގެ ސަބަބުން އެ ވަކި ލާރިތައް ލިބުނު ގޮތާއި މެދު އިތުރަށް އޮޅުން ފިލުވަން ބޭނުންވީއެވެ.
އެކުއްޖާ އެވަކިލާރިތައް 'ސޭވް' ކުރާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އެކުއްޖާ ކޮންމެވެސް ހާއްސަ އެއްޗެއް ގަންނަ އެއްކުރާ ވަކި ލާރިތައް ކަމަށް އަހާލުމުން އެނގުނެވެ. އެހެނަސް އެދުވަހު މިސްކިތު ފަންޑަށް އެފައިސާތައް ހަދިޔާ ކުރަން ބޭނުންވީކަމަށާއި އެކަން އެކުއްޖާ ކުރީ 'ވަރަށް ބޭނުން' ވެގެންކަމަށްވެސް އުފަލުން ހުރެ ބުނެލިއެވެ.
އެހެން ވާހަކައެކެވެ.
އަޅުގަނޑު ދަންނަ ރައްޓެއްސެއް ފަންޑު ފޮށި ހުރިތައް ނޭނގިގެން އިސްލާމީ މަރުކަޒު ގޯތި ތެރޭގައި އުޅެނިކޮން ދިމާވިއެވެ. އޭނާ ހުރީ އޭނާގެ ކުޑަ އަންހެން ދަރި ގޮވައިގެންނެވެ. އެކުއްޖާ އުފަލުން ހުރީ 'ފަސް ސަތޭކަ' ރުފިޔާ އަތުން ހިފައިގެންނެވެ. އެކުއްޖާ ބައްޕަ ބުނި ގޮތުގައި އެކުއްޖާ އެފައިސާ ފަންޑު ފޮއްޓަށް ލާން ބޭނުންވަނީ 'ސުވަރުގޭން ގަނޑުވަރެއް ލިބެން' ބޭނުންވާތީއެވެ. އަދި ފަންޑު ފޮއްޓަށް އެފައިސާ ހަދިޔާ ކުރުމަށްފަހުގައިވެސް މަރުކަޒުގެ ތެރެއިން ދިމާއެވެ. އޭރު އެކުއްޖާގެ މަންމައަށް ގުޅާފައި އުފަލުން އެވާހާކަ ބުނަން ފޯނުގައި ނަންބަރު ޖަހާފައި ވަނީ ގުޅާފައެވެ، އެކަމު އަޅުގަނޑު ފެނުމުން ލަދުން މަންމަ ގުޅާފައިޥާ ފޯނުން ވާހަކަ ދައްކާކަށް ނުކެރުނެވެ.
މިފަދަ ފަންޑުތަކަށް ފައިސާ ހަދިޔާ ކުރުމުގައި ކުޑަކުދިން ތިބެނީ އަބަދުވެސް ކުރީގައެވެ. މައިންބަފައިންވެސް އެކުދިންނަށް ފައިސާ ހަދިޔާ ކުރުމުގެ ޝަރަފު ދިނުމަށް ތިބެނީ އަބަދުވެސް ބޭނުންވެފައެވެ. އެކުދިންގެ މުސްތަގުބަލުގައި އެއީ އެކުދިންނަށް ދައްކައިދޭ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. މިއަދު އެކުދިން ލައްވާ އެފަދަ ރަނގަޅު އަމަލު ކުރުމަށް ބާރުއަޅާނަމަ މާދަމާ އޭގެ ފައިދާ ފެނިގެންދާނެއެވެ. އަދި މީގެ އިތުރުން ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ބަޔަކީ ކުޑަކުދިންގެ ތެރެއިން އަމިއްލައަށް ފެނިގެން މައިންބަފައިންނާވެސް ދެކޮޅަށް 'މުޅި ސޭވިންގ' މިފަދަ ފަންޑުތަކަށް ހަދިޔާ ކުރާ ލޯބިލޯބި ތުއްތު ކުދިންނެވެ. މާތްﷲ އެކުދިންގެ އެއަމަލުގައި ބަރަކާތް ލައްވާ އެކުދިންނަށް ސުވަރުގޭގެގައި ގަނޑުވަރެއް ދެއްވާންދޭވެ. 1 ރުފިޔާއިން ފެށިގެން 1 މިއަލިއަން ރުފިޔާއާއި ހަމައަށް މިސްކިތު ފަންޑަށް ހަދިޔާ ކުރި މީހުންނަށް އެމީހުންނަށް ހައްޤުވެގެންވާ އަޖުރު ދެއްވާށިއެވެ. އާމީން!

ކޮމެންޓް (0)
ލޯޑް ކުރަމުން...