"ވެރިކަން ފޭރިގަނެގެން ތިބި ބޭފުޅުންނަށް ދަންނަވަން އޮތީ މިތިބީ ތިބޭފުޅުންނާއި ކުރިމަތިލާން ކެރިގެން ފިސާރި ތައްޔާރަށް" ތިބިކަމަށް ކުރީގެ ރައީސް ނަޝީދު އިންޒާރުދީފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ ރޭ ނިއުޒިލޭންޑުން މާލެ ވަޑައިގެންނެވި ގޮތަށް ފައިމަގުގައި ހިންގަވާފައި އުސްފަސްގަނޑަށް ވަޑައިގެން ނެވެ. "ބާޣީ އަބްދުﷲ ރިޔާޒާއި، ބާޣީ ވަހީދަށްވެސް އަދި މިރާއްޖޭގައި ބަޣާވާތުން ވެރިކަން ފޭރިގަނެގެން ތިބި އެންމެ ބޭފުޅުންނަށް ދަންނަވަން އޮތީ އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއި ކުރިމަތިލާން ކެރިގެން ފިސާރި ތައްޔާރަށް. އަޅުގަނޑުމެން ނުކުންނާނަން. ރާއްޖޭގެ ރައްޔިތުންގެ އަމާޒަކީ މިރާއްޖޭގައި އަވަސް އިންތިޚާބެއް ހޯދުން. މިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރަންދެން މަގުމައްޗަށް ނުކުންނާނަން. މިވެރިކަމަށް ބޯލަނބައިގެނެއް އަޅުގަނޑުމެނެއް ނުތިބޭނަން. ވެރިކަމުން ވައްޓާލަން ނުކުންނާނަން. އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް ހައްޔަރެއް ނުކުރެވޭނެ، އޭގެ ކުރިން ތިބޭފުޅުން ހައްޔަރުވާނެ. އޭގެ މާކުރީގާ ތިޔަބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވާނެ."ކަމަށް ނަޝީދު ބުނެފައިވެއެވެ.
ނަޝީދު މިފަދައިން ބުނެފައިވާއިރު ރޭ އުސްފަގަނޑުގައި ބޭއްވި ޖަލްސާގައި މިފަދަ އެހެން އިންޒާރެއް ވަނީ ދީފައެވެ. އެމްޑީޕީގެ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ބުނެފައިވަނީ "މިރާއްޖެއަށް ޚިދުމަތްކުރެއްވި ރައީސް ނަޝީދުގެ ފަހަތުގައި ދެމި ތިބޭނެ ކަމަށާއި ބާޣީ ހުރިހާ ސިފައިންނާއި ހުރިހާ ފުލުހުންނަށް އަޅުގަނޑު މިއަންގަނީ ހަމަ މިއަންގަނީ ކަލޭމެން މައިތިރި ވާށޭ، އެހެންނޫނީ އަޅުގަނޑު މެންނަށް ޖެހޭނީ އަޅުގަނޑުމެންގެ ސައިޒު ކަލޭމެންނަށް ދައްކާށޭ." ކަމަށެވެ

ކޮމެންޓް (0)
ލޯޑް ކުރަމުން...