"އިލްޔާސްމެންވެސް ޕާޓީގެ ފަރާތުން އައިސް ދަރުސް ދޭތީއޭ މައްސަލަ މިޖެހެނީ. ސިޔާސީ ބަޔަކު އައިސް ދީނީ ދަރުސް ދޭތީ. ނިކަން އާދެބަލަ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިލްޔާސްމެން ދަރުސް ދޭން. ކައުންސިލުން މަރުހަބާ ކިޔާނެ. އަދި އެކަން ވާނެ." މިއީ ދާދިފަހުން ގާތް ރަށު ކައުންސިލަރަކު އަޅުގަނޑު ކައިރީ ދެއްކި ވާހަކަތަކުން ބަޔެކެވެ. އޭނާގެ ވާހަކައިން 'ސިޔާސީ ނޫންގޮތެއްގައި ދަރުސް ދޭން އައިސްފިނަމަ އެކަމަށް މަރުހަބާ ކިޔާނެ'އެވެ. އޭރު އަޅުގަނޑުވެސް އެވާހަކަ ގަބޫލުކުރީ ޝެއީޚް އިލްޔާސްމެންފަދަ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާ ބޭފުޅަކަށްވެފައި އެބޭފުޅާގެ ދަރުސްތަކަށް ހުރަސް އަޅަމުން ދަނީ ހަމައެކަނި 'ސިޔާސީ މަގުސަދެއް' އޮވެގެން ކަމަށެވެ.
އެހެނަސް އޭގެ އެއްދުވަސް ފަހުން ފެނިގެން ދިޔައީ ކުރިން މިދެންނެވި ކައުންސިލަރު ބުނެފައިވާ ބަސް ޖައްވަށް ފަޒާއަށް ބުރައިގެންދިޔަ ހާދިސާއެކެވެ. ބ. ތުޅާދޫ އާއި އެއަތޮޅު ހިތާދޫއަށް ދަރުސް ދެއްވަން އާދައިގެ މަތިން ދެ ޝެއިހަކު ވަޑައިގަތެވެ. އެއީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ ޢިލްމުވެރިއަކާއި ޤައުމީ ޔުނިވާސިޓީގެ އިލްމްވެރިއެކެވެ. އެބޭފުޅުން ވަޑައިގަތީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދީނީ ދަރުސް ދެއްވުމަށާއި ވޯކްޝޮޕެއް ހިންގުމަށެވެ. އެހެނަސް ސިޔާސީ މީހުން ވަނީ އެބޭފުޅުން ދަރުސް ދިނުމަށާއި ވޯކްޝޮޕް ހިންގުމަށް ހުރަސް އަޅާފައެވެ. އެންމެފަހުން ދަރުސް ނުދެވިގެން ވަޑައިގަތީ 'ރަށުގެ މަސްލަހަތައް ޓަކަ'އެވެ. ދަރުސް ހުރަސް އެޅުމަށް ހަމައެކަނި މުޒާހަރާ ކުރީކީ ނޫނެވެ. ގިނަ ރަށްތަކުގައި ދަރުސް ދެމުންދާ ވަގުތު އަޑުގަދަ ކުރާ އިން ލަވަޖަހައެވެ. އަދި "ބާގީ ބާގީ" ދިޔައީ އަޑުގަދަ ކޮށް ގޮވަމުންނެވެ. މިދަރުސްތަކުގައި އެއްވެސް ގޮތަކަށް ސިޔާސީ ޕޯޑިއަމްތަކުގައި އުޅޭ ޝެއިޚުން ބައިވެރިވެފައިނުވާކަން ފާހަގަކުރެވެއެވެ.
ދީނީ ދަރުސް ދެއްވުމުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ ރަނގަޅު ވާހަކައެކެވެ. "ދަރުސްތަކަށް ހުރަސް އަޅަމުންދަނީ ސިޔާސީ ސަބަބުތަކެއް އޮވެގެންނެއް ނޫން. މިވެގެން އުޅޭ ގޮތަކީ ދީނާއި މެދު ބަޔަކު ރުޅިއަރުވާ ސިޔާސީ ކަންކަން ހަތިޔާރަކަށް ހަދައިގެން ދީނަށް ފުރައްސާރަ ކުރަނީ. ކުރިން ސިޔާސީ ސަބަބެއް އޮވެގެން ނަމަވެސް ނުކެރޭނެ މިސްކިތްތަކުގައި ޗުއްޕުވެސް ބުނެލަން. އެހެނަސް މިހާރު އެކަން ވަނީ ހައްދުން ނައްޓާ. މީގައި ފާހަގަ ކޮއްލަން ޖެހޭ ކަމަކީ މިފަދަ ފުރައްސާރަތައް ކުރިމަތިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށްތަކުން ކަން." އެބޭފުޅާ ޖޯޝާއި ފޯރިގައި މިވަހަކަތައް ދެންނެވީ ސިޔާސީ މީހުން މިސްކިތްތައް ކައިރީ ސިޔާސީ ވެގެން އުޅޭ ގޮތާއިމެދު ހިތާމަ ކުރާ ހާލުގައެވެ.
ދީނީ ދަރުސްތަކަށް ހުރަސްއެޅުމުގެ ސިލްސިލާ ކުރިއަށްދާއިރު އެކަން ކުރަމުންދާ އެމްޑީޕީ މީހުންގެ ވާހަކަތައް އެކި އިރު ތަފާތެވެ. ބައެއް ފަހަރު ސިޔާސީ މީހުންނަށް ދަރުސް ދެވިގެން ނުވާނެކަމަށް ބުނާއިރު އެކަން މަނާ ކުރާނެ ގަވައިދެއް ގާނޫނެއްވެސް ނެތެވެ. އެއީ "ސިޔާސީ މީހުންނޭ" ބުނާއިރު ޝެއިޚް އިލްޔާސް އެބުނާ ގޮޅިއަށް ފެތިދާނެއެވެ. އެހެނީ ޝެއިޚް އިލްޔާސް އަކީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ބޭފުޅެކެވެ. އަދި 'ވަތަން އެދޭގޮތައް' ކެމްޕޭންގައި އެމްޑީޕީ މީހުންނަށާއި އިދިކޮޅު އެހެން ފަރާތްތަކުން އުސްފަސްގަނޑުގައި ކުރަމުން ދިޔަ އަސަރު ގަދަ ދުޢާތައް ލައިދެއްވީވެސް ޝެއިޚް އިލްޔާސްއެވެ. އޭރު އެބޭފުޅުންނަށް އެވަރުގެ ބޭފުޅެއް ނެތެވެ. އަދި ވެރިކަން ބަދަލުވެގެން ދިޔައިރު އެއްވެސް މަގާމެއް ހަވާލުނުވެ ހަވާސާއިން ބޭރުގައި ހުންނެވީ އަދާލަތު ޕާޓީވެސް ހިމެނޭ ސަރުކާރަށް ފާރައަށެވެ. ގޯސް އަތަކަށް އަޅާނަމަ އެކަން ފާހަގަ ކުރާށެވެ. މިކަން އިދިކޮޅު ފަރާތްތަކަށް ހަޖަމްކުރާކަށް މާ ފަސޭހައެއް ނުވިއެވެ. ދެން ފެށީ ޝެއިޚް އިލްޔާސްއަށް ފުރައްސާރަ ކުރުމުގެ ސިލްސިލާއެވެ. މަޑުމަޑުން މިކަން ބޮޑުވަމުން އައިސް އޭރުގެ ސަރުކާރަށް އިންތިހާއަށް ފާޑު ކިޔަން ފެށުމުން އޭރު ސަރުކާރުގެ ސަޕޯޓަރުން ވަނީ ޝެއިޚް އިލްޔާސް 'ބްލެކް ލިސްޓް' ކޮށްފައެވެ.
ދެން އޮތީ 'ދީނާ ސިޔާސަތު' ވަކި ކުރަން ބަޔަކު ފޫގަޅާފައިވާކަމެވެ. ހަގީގަތުގައި ސިޔާސަތަކީ ދީނުގެ ތެރެއިން ވާ އެއްޗެކެވެ. ބަޔަކު ދީނާއި ސިޔާސަތަކީ ވަކި އެއްޗަކަށް ހަދަން ކިތައްމެ މަސައްކަތެއް ކުރިއަސް އެކަމެއް ކާމިޔާބެއް ނުވާނެކަމަށް އެތައް ދަރުސްއެއްގައި ޝެއިޚުންވަނީ ވިދާޅުވެފައެވެ. ފުރަތަމަ މައްސަލައަކީ ދީނާއި ސިޔާސަތު ވަކި ކުރަން އުޅޭ ސިޔާސީ މީހުންނަށް 'ދީނީ' ވާހަކަ ދައްކާ ދިނީ މައްސަލަތަކާއި ބެހެވެއެވެ. އެމީހުން ރުޅިއަންނަނީ ދީނީ ޝެއިޚުން ސިޔާސީ ކަންކަމަށް ބަސް ބުނާތީއެވެ. އެމީހުންގެ ނަޒަރުގައި ޝެއިޚުންގެ ދައުރު އޮންނަންވާނީ މިސްތުގެ ފާރު އެތެރޭގައެވެ.
މައްސަލައިގެ ތާރީހަށް ބަލާއިރު މިމައްސަލައާއި މެދު ގިނަ ބަޔަކު ބުނަމުން ދަނީ 'ދަރުސްތަކަށް ހުރަސް އަޅަމުންދާ މައްސަލައަކީ ސިޔާސީ ކަމެއްކަމަށް ބުނެވޭނީ ސިޔާސީ މަޝްރަހުގައި އުޅޭ ބޭފުޅުންނަށް އެކަނި ދިމާކުރާނަމައެވެ.' އެހެނަސް މަންޒަރު ފެނިގެންދަނީ އެހެންނެއް ނޫނެވެ. ސިޔާސީ ދާއިރާގައި ދުވަހަކު އުޅެފައި ނުވިޔަސް އެޝެއިޚު ކުރިން ފެނިފައި ނެތަސް އެމީހަކު 'ބާޣީ'އަކަށްވެ ދަރުސް ދިނުމަށް ހުރަސް އަޅަމުންދެއެވެ. މިފަދަ ގޮތައް ކަންހިނގާނަމަ ދެން މީހުން ދެކޭނީ އެހެން ނަޒަރަކުންކަން ޔަގީނެވެ. 'ތިޔަހެނެއް ނުކިޔޭނެއޭ!" ކިތަންމެ ވަރަކަށް ބުންޏަސް ބަޔަކަށް ކެތް ކުރެވޭނީ ވަކިވަރަކަށެވެ. އަމިއްލަ އަމަލާއި ބަހުން އެކަން ސާބިތު ކޮށްދޭނަމަ 'އެހެންވެސް މިހެންވެސް ކިޔޭނެ'އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...