ސިޔާސީ ހިޔާލުތަފާތުވުންތަކާ ހެދި ބައިބައިވެގެން ނުދިޔުމަށް ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.
ފިތުރު ޢީދު ނަމާދުގެ ޚުތުބާ ގައި އިސްލާމިކް ސްޓޭޓް މިނިސްޓަރު ޝައިޚު ޝަހީމް އަލީ ސައީދު ވިދާޅުވީ "މީ އަޅުގަނޑުމެންގެ ގައުމު. މި ގައުމުގައި ދިރިއުޅެނީ ހަމަ އަޅުގަނޑުމެން. އަދި ދިރިއުޅޭނީ ވެސް މާތްﷲ އިރާދަކުރެއްވިއްޔާމު އަޅުގަނޑުމެންގެ ދަރިން. ސިޔާސީ ތަފާތު ފިކުރުތަކުގެ ސަބަބުން ކިލަނބުވެފައިވާ ހިތްތައް ސާފު ކޮށްލައްވާ. އެކުވެރިކަމާ އެކު އެކަކު އަނެކަކަށް ހިނިތުންވެލައްވާ. ހިޔާލުތަފާތުވުންތަކުގެ ސަބަބުން އަދާވާތްތެރިވެ ނުލައްވާ"ށެވެ. ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޢީދު ނަމާދުގެ ޚުތުބާގައި ޚަތީބު އިތުރަށް ވިދާޅުވީ މިފަދަ ދުވަހެއްގައި ހެޔޮ ވިސްނުން ކުރިއަށް ނެރުމަށާއި ވުމަށާއި ގައުމާއި ދީނާއި ވަތަންގެ ހައްގުގައި ﷲގެ މަތިން ހަނދުމަކޮށް މުސްތަގުބަލަށްޓަކައި އެންމެން އެއްބައެއްގެ ގޮތުގައި ތިބުމަށް އިލްތިމާސްކުރެއްވިއެވެ.
މިހާތަނަށް އިސްލާމީ މަރުކަޒުގައި އޮތް އެންމެ ބޮޑު ޖަމާއަތުގައި ޚުތުބާ ދެއްވަމުން ޚަތީބު ވަނީ ވޭތުވެ ދިޔަ ރަމަޟާން މަހުގައި މުސްލިމުން ދެއްކި ނަމޫނާ ދެމިގެންދާނެގޮތަކަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި މާދަމާ ގުރުއާނުގެ މުސްހަފްތަކެއް އެންދުމަށް އެމެރިކާގެ ފައްޅިއަކުން ރާވާފައިވާ ހަރަކާތާ ގުޅުވައިގެން ހަރުކަށި އަމަލެއް ހިންގުން ރަނގަޅު ނޫންކަމަށްވެސް ޝެއިހް ޝަހީމުވަނީ ނަސޭހަތްތެރިވެފައެވެ.
މިއަދުގެ ޢީދު ނަމާދުގައި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ބައިވެރިވެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...