ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި "ނަރަކަ"އަށް ގޮސްފައި އަނބުރާ އަންނަން ޖެހުނަސް އެކަން ކުރާނެ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބުނެފިއެވެ.
ނަޝީދު މިހާރު އިންޑިއާއަށް ކުރަމުންގެންދާ ދަތުރުގައި "އިންޑިއަން އެކްސްޕްރެސް" ނޫހަށްދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ [ވެރިކަން ބަދަލުވި ގޮތް] ބުނެދިނުމަށް ނޭޕާލަށާއި ބޫޓާނަށާއި ޕާކިސްތާނަށާއި ހުރިހާ ތަނަކަށްވެސް ދާނެ ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި "ނަރަކަ"އަށް ގޮސްފައި އަނބުރާ އަންނަން ޖެހުނަސް [ކިތަންމެ ދަތިއުނދަގުލަކާ ކުރިމަތިލާން ޖެހުނަސް އެދަތިތަކާ ކުރިމަތިލައިގެންވިޔަސް] އެކަން ކުރާނެ ކަމަށެވެ.
އަދި ރާއްޖެ ހަމަމަގަށް އަޅުވައި އަލުން ޑިމޮކްރަސީ ގާއިމުކުރަން ޖެހޭ ކަމަށް ނަޝީދު ބުނެފައިވެއެވެ. އޭގެ އިތުރުން އަވަސް އިންތިޚާބެއް ނުބޭއްވިއްޖެ ނަމަ ވެރިކަމުގައި ތިބި ފަރާތްތަކުގެ ބާރު ގަދަވާނެ ކަމަށާއި "ސިފައިންނާއި ފުލުހުން އިދިކޮޅު ފަރާތްތަކުގެ ދުވަސް ދުއްވާލާނެ" ކަމަށްވެސް ނަޝީދުގެ ބަސްދީގަތުމުގައި ބުނެފައިވެއެވެ.
އެބަސްދީގަތުމުގައި ނަޝިދު ބުނެފައިވަނީ "ހަރަކާތެއްގެ ގޮތުގައި އިސްލާމް ދީނުގައި ހައްދު ފަހަނައަޅާ ދިއުން ރާއްޖޭގައި ހިނގަން ފަށާފައިވަނީ ވަރަށް ކުރީގައި. ހާއްސަކޮށް ހުދުމުހުތާރު ވެރިކަންތަކުގެ ދުވަސްވަރު. އެމީހުންނަކީ މިސްކިތްތަކަށް އެއްވާ މީހުން. ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނުމުގެ ފުރުސަތު ލިބެނީ ހަމައެކަނި އެގްރޫޕްތަކުގެ ތެރެއިން. އެމީހުންނަކީ އަންޑަ ގްރައުންޑްކޮށް މަސައްކަތް ކުރަން މޮޅު ބައެއް. އެހެންވީމާ ސަރުކާރަށް ގޮންޖަހަން ބޭނުންވާ ކޮންމެ މީހަކުވެސް ގުޅެނެނީ އެމީހުންނާ." ކަމަށެވެ.
ފަހަކަށް އައިސް ބޭރުގެ މީޑިއާތަކަށް ނަޝީދު ދެއްވާ އިންޓަވިއުތަކުގައި މިފަދަ އެތައް ވާހަކަ ތަކެއް ދަނީ ދައްކަމުންނެވެ. އަދި މިފަދަ ވާހަކަތަކުން ގިނަ ބަޔަކު ފޭސްބުކްފަދަ ސޯޝަލް ނެޓްވޯކްތަކުގައި ދަނީ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ.
ޚަބަރާ ގުޅޭ :
http://www.indianexpress.com/news/i-will-go-to-hell-and-back-to-bring-democracy-back-to-maldives/939814/0

ކޮމެންޓް (0)
ލޯޑް ކުރަމުން...