މިހިނގާ އޭޕްރީލް 5، 6 އަދި 7 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޒުވާނުންގެ މަރުކަޒާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖާނީއާއި ގުޅިގެން ގޭންގް ވައިލެންސާއި ޗައިލްޑް އެބިއުސާއި ޑްރަގްސް މިމައުޟޫއުތަކަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަމުގެ ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީގެ ސްޕޯކްސްޕާސަން އައްޝައިޚް މޫސާ އަންވަރު ހަސަން ވިދާޅުވި ގޮތުގައި މިޕްރޮގުރާމަކީ ރާއްޖޭގެ ޒުވާނުން ދީނީ ގޮތުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން ދީނާއި ދުނިޔެ ޝާމިލް ވާގޮތުގެ މަތިން ކުރިއަށް ދާނެ ކަމަށް ޝައިޚް މޫސާ އަންވަރު ވިދާޅުވިއެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރިގައި ނަން ނޯޓް ކުރުމަށް އެމިނިސްޓްރީން އެދެއެވެ.
މޫސާ އަންވަރު ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އަތޮޅުތަކަށް ކުރާދަތުރުގެ ސިލްސިލާގެ ދަށުން އަންނަ ހަފުތާ ތެރޭގައި ބ. އަތޮޅަށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
މިދިޔަ މަހު 21 ން 24 ށް މ. އަތޮޅުގެ ރަށްރަށުގެ ސްކޫލް ކުދިންނަށާއި ރައްޔިތުންނަށް އަމާޒުކޮށްގެން "ތަހުޒީބް އަޚްލާޤީ މުޖްތަމައަކަށް" މިޝިޢާރުގެ ދަށުން ރިވެތި އަޚްލާޤާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި މއަތޮޅު ކައުންސިލާއި ގުޅިގެން ޚާއްޞަ ޕްރޮގްރާމެއް ހިންގާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...