ރާއްޖޭގެ ޚަބަރު

ނާދިރު ފަތުވާ ތަކާއި ދުރުހެލިވާށެވެ!

الحمد لله، والصلاة والسلام على رسول الله. أما بعد:
ދީނީ ކަންކަމުގައި އެއްޗެއް ބުނުމަކީ ބޮޑުކަމެކެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން ބުނެވޭ އެއްޗެއްވީމައެވެ. ދީނުގައި ނާދިރު ނުވަތަ އައު ބަސްބުނުމާއި ފަތުވާ ދިނުމަކީ އަދި އެފަދަ ފަތުވާތަކަށް ތަބާވުމަކީ ސަލަފުންގެ އިލްމުވެރިން ވަރަށްބޮޑަށް އިންކާރު ކުރައްވާ އަދި މަނާކުރައްވާ ކަމެކެވެ. العقيدة الطحاوية ގައި ސުންނަތް ޖަމާއަތުގެ މިމަތިވެރި އުޞޫލު ބަޔާންކުރައްވައި أبو جعفر الطحاوي ވިދާޅުވެފައި ވެއެވެ. ((وَنَتَّبِعُ السُّنَّةَ وَالْجَمَاعَةَ، ونَجْتَنِبُ الشُّذُوْذَ وَالْخِلَافَ وَالْفُرْقَةَ )) [الطحاوية،1/ 70]. “އަދި ތިމަންމެން (ސުންނަތް ޖަމާޢަތުގެ މީހުން) ތަބާވަނީ (ޞައްހަ) ސުންތާއި (ސަލަފުއް ޞާލިހުންގެ) ޖަމާއަތަށެވެ. އަދި ނާދިރު ވިސްނުންތަކާއި، ޚިލާފުވުމާއި ބައިބައިވުމުން ދުރުހެލިވަމެވެ.”
ސަލަފުންނަކީ ފަތުވާ ދެއްވުމާއި ފަތުވާ އަށް ޢަމަލު ކުރެއްވުމުގައި ވަރަށް ރައްކާތެރި ބޭކަލުންނެވެ. ކަންކަމުގައި ފަތުވާ ދިނުމުގައި އަވަސްވެގަތުމާއި ޢިލްމުވެރިންގެ ޖަމާޢަތާއި ޚިލާފު ބަސްތަކާއި ފަތުވާތައް ދިނުމަކީ އެބޭކަލުން މަނާކުރައްވާފައިވާ ކަމެކެވެ. ޖަމާޢަތާއި އިދިކޮޅުވުމާއި ދީނީ ކަންކަމުގައި ބަސްބުނުމުގައި އަވަސްވެގަތުމަކީ ބިދުޢަވެރިންގެ ކަމެކެވެ. އަދި ބިދުޢައިގެ ތެރެއަށް ވެއްޓުމުގެ ނުރައްކާތެރިކަން އޮތް ކަމެކެވެ.
ޢިލްމުވެރިންގެ ޖަމާޢަތާއި ޚިލާފު، ނާދިރު ފަތުވާގެ މިސާލުތައް މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ވަނީ ގިނަވެފައެވެ. އޭގެ ސަބަބަކީ ޢިލްމާއި ނުލައި ނުވަތަ ޢިލްމު މަދު މީހުން ފަތުވާދިނުން ގިނަވުމެވެ. ޢިލްމު މަދު މީހުން ދީނީ މައްސަލަތަކުގައި ބަސް ބުނުން ގިނަވުމަކީ؛ ޚިލާފު ބޮޑުވެ، ބައިބައިވުން ގިނަވެފައި ބިދުޢަ އާންމުވާނެވެ. ނާދިރު އަދި ޢިލްމުވެރިންގެ ޖަމާޢަތާއި ޚިލާފު ފަތުވާ ތަކުގެ ތެރޭގައި ފަތިސްނަމާދުގައި ގުނޫތު ކިޔާ އިމާމުން ނުވަތަ ގުނޫތު ނުކިޔާ އިމާމުންގެ ފަހަތުގައި ނަމާދު ޞައްހަ ނުވާނެކަމުގައި ބުނެވޭ ބުނުން ވެއެވެ. ހަމަ އެފަދައިން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރެމުންދާ އަނެއް އައު ފަތުވާއަކީ؛ ފަޓުލޫނުގައި ކުރާ ނަމާދަކީ ޞައްޙަ ނޫން، ބާޠިލު އެއްޗެއް ކަމުގައި ފެތުރެމުންދާ ބަހެވެ. މިފަތުވާއާއި ހަވާލުވެގެން އުޅޭ މީހަކީ ކުޑަ ދުވަސްކޮޅަކު ދީން ކިޔަވާފައި ހުރި ދިވެއްސަކެވެ.
ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ޔަގީނުން ވެސް އިނގޭނޭ ފަދައިން ފަޓުލޫނަކީ އިއްޔެއަކު ނުވަތަ މިއަދަކު، އަލަށް މީހުން ލާންފެށި އެއްޗެއް ނޫނެވެ. ހަމަ އެފަދައިން، ދީންބާވައިލެއްވުނުތާ ސާދަ ސަތޭކަ އަހަރު ފާއިތުވެ ގޮސްފައިވަނިކޮށް ފަޓުލޫނާއި މެދުގައި އާ ހުކުމެއް ބާވައި ނުލެއްވޭނެކަން ވެސް ކަށަވަރެވެ. އެހެން ވީއިރު ކުށްލިއަކަށް ފަޓުލޫނު ހަރާންކޮށް އަދި އެލައިގެން ކުރާ ނަމާދު ޞައްހަނުވާނެކަމުގައި ބުނެ، މީހަކު ފަތުވާ ދޭންވީ ކީތްވެގެން ބާވައޭ ސުވާލު އުފެދެއެވެ؟! އެއީ ހައްގު ގޮތުގައި ޢިލްމުވެރިންގެ ޖަމާޢަތުގައި ހިނގަން މަސައްކަތް ކުރާ ބައެއް ބާއެވެ!؟ ނުވަތަ އެ ޖަމާޢަތާއި ތަފާތު ވެގަތުމަށްޓަކައި އައު ކަންތައްތަކެއް އީޖާދު ކުރާ ބައެއް ބާވައެވެ!؟ އެހެންނަމަ ކީރިތި ރަސޫލާގެ ބަސްފުޅު ހަނދުމަކޮށްދެމެވެ. ((وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ)) [سنن أبى داود]. “އަދި ތިޔަބައިމީހުން ދީނުގައި އައު ކަންތައްތަކުން ރައްކާތެރިވެ ތިބޭށެވެ! ފަހެ ހަމަކަށަވަރުން ކޮންމެ އައުކަމަކީ ބިދުޢަތެކެވެ. އަދި ކޮންމެ ބިދުޢަތަކީ ފުރެދުމެކެވެ.” ސަލަފުން ވިދާޅުވެއެވެ. “އައުކަމެއް އުފެއްދުމުގައި އިޖުތިހާދު ކުރުމަށްވުރެ ސައްހަ ސުންނަތަކަށް ޢަމަލު ކުރުން މާ ހެޔޮވެގެން ވެއެވެ.” އަދި މިފަދަ މީހުންނަކީ އިޖުތިހާދުގެ އަހުލުވެރިންނެއް ނޫނެވެ.
ލިބާހަކީ އާދަކާދައެއް ކަމާއި، އާދަކާދައިގައި އަސްލަކީ ހަލާލު ނުވަތަ ހުއްދަވުން ކަމާއި، މުސްލިމުން އެކި ގައުމުތަކުގައި އާންމުކޮށް ލައިއުޅޭ؛ ޖުއްބާ، ފޮށާ، އަދި ހަރުވާޅު ގަމީސް ފަދަ ހުރިހައި ލިބާހަކީ އޭގައި ނަމާދު ޞައްޙަ އެއްޗެއް ކަމާއި މެދުގައި ޢިލްމުވެރިން ދެބަސްވެފައެއް ނުވެއެވެ. އެހެނީ، އެއްޗެއްގެ މަށްޗަށް ހުކުމް ކުރެވެނީ އެއެއްޗަކަށް ކިޔޭ ނަމުގެ ސަބަބުން ނޫނެވެ. އޭގެ ހަގީގަތަށް ބަލާފައެވެ. ތިރިން ލާ އެއްޗިހި ދެފައި ނުވަތަ ދެފައިކުރި ވަކިވާ ގޮތަށް ފަހާފައި ހުންނަ ދިވެހިބަހުން ނަމަ ހަރުވާޅު އަދި އަރަބި ބަހުން ނަމަ ސަރުވާލަކީ އިތުރު އެކަލޭގެފާނުންގެ ޒަމާނުއްސުރެ މުސްލިމުން ލައި އުޅުނު ލިބާހެކެވެ. ފަޓުލޫނަކީ ވެސް ހަރުވާޅު ނުވަތަ ސަރުވާލާއި އެއްވަތަރަކަށް ފަހާފައި ހުންނަ އެއްޗެކެވެ. ތަފާތަކީ؛ ނަމާއި، އެކި ޘަޤާފަތުގައި އެކި ޒަމާނުގައި އޭގެ މެޓީރިއަލަށާއި ވައްތަރަށް އަންނަ ކުޑަ ތަފާތެކެވެ. އެހެންވެ އަރަބިބަހުން ސަރުވާލުގެ ނަމުގައި ފަޓުލޫ ސިފަކުރެވެއެވެ. އެ ހަރުވާޅު އަދި ސަރުވާލު ނުވަތަ ފަޓުލޫނުގެ ފޮތި ތުނިކަމުން އައުރަ ނުފެންނަ ކަމުގައި ވާނަމަ ނުވަތަ ބާރު ކަމުން އައުރަ (ބޮޑު ޢައުރަ) ސިފަވެ، ފާޅު ނުވާ ނަމަ އެލިބާހުގައި ނަމާދު ޞައްހަވާނެކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚީލާފެއް، ދެބަސްވުމެއް ނުވެއެވެ. އެހެންވެ، ފަޓުލޫނު ނަމަކަށް މިކިޔާ ހަރުވާޅުގެ ބާވަތުގެ އުމުރުން ހަތަރު ވަރަކަށް ގަރުނު ވެފައި ވީ އިރުގައވެސްި އެއީ އައުރަ ނިވާ ނުވާ އެއްޗެއް ކަމުގައި އަދި ފަޓުލޫނު ލައިގެން ނަމާދު ޞައްހަ ނުވާނެ ކަމުގައި އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައެއް ނުވެއެވެ. އަދިކިޔެއް، ފަޓުލޫނުގެ ގިނަ ސްޓައިލްތައް އުފެދި، އޭގެ ތެރެއިން އެދެވިގެން ނުވާހައި ބާރުކޮށް، ނުވަތަ ޓައިޓްކޮށް ހުންނަ ފަޓުލޫނު އާންމުވާން ފެށުމުން އެފަދަ ފަޓުލޫނާއި މެދުގައި ސުވާލު އުފެދިފައިވެއެވެ. އަޢުރައިގެ ގުނަވަން ބަޔާންވެ، ފާޅުވާ ފަދަ ގަޔަށް ބާރު ފަޓުލޫނުގައި ކުރާ ނަމާދު ޞައްހަ ނުވާނެ ކަމުގައި ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވާ އިރު، އެފަދަ ލިބާހުގައި ނަމާދު ކުރުމުން ފާފަވެރި ވީ ނަމަވެސް ނަމާދު އޭގެ ޛާތުގައި ޞައްޙަ ވާނޭ ކަމާ، ބާޠިލު ނުވާނެ ކަމުގައި ސުންނަތުގެ ޢިލްމުވެރިންގެ ގިނަ ބޭފުޅުން ފަތުވާ ދެއްވައިފައިވެއެވެ.
މިމައްސަލައިގެ ޢިލްމީ ހަގީގަތަށް ބަލާ އިރު، ފަޓުލޫނު ނުވަތަ ހަރުވާޅު ފަދަ ތަކެތި ނުވަތަ ލައިގެން ހުރި ލިބާސް ގައިގައި ޖެހި، ފަޔާއި ފިނދުކިބައަށް ބާރުވުމަކީ ނަމާދު ބާޠިލު ނުވާނެ ކަމެއް ކަމުގައި ހަތަރު މަޛުހަބުގެ ޢިލްމުވެރިން ނައްސުކުރައްވާފައި ވެއެވެ. އޭގެ ތެރެއިން ބައެއް އިލްމުވެރި އިމާމުންގެ ބަސްފުޅު މިސާލަކަށްޓަކައި ޒިކުރުކޮށްލާނަމެވެ.
الشافعي މަޛުހަބުގެ މަޝްހޫރު އިމާމެއްކަމުގައިވާ النووي رحمه الله އެބޭފުޅާގެ “المجموع (3/176) ގައި ވިދާޅުވިއެވެ. ” فَلَو سَتَرَ اللَّونَ ووَصَفَ حَجْمَ البَشْرَةِ كَالرُّكْبَةِ وَالأِلْيَةِ وَنَحْوِها صَحَّتِ الصَّلَاةُ فِيْهِ لِوُجُودِ السِّتْرِ، وحكي الدارمي وصاحب البيان وجهاً أنه لا يصح إذا وصف الحجم، وَهُوَ غَلَطٌ ظَاهِرٌ ” اهـ. މާނައީ: “ކުލަ ނިވާވެފައި، ހަށިގަނޑުގެ ސައިޒް؛ ކަކުލާއި ފިނދުކިބަ ފަދަ ތަންތަން ސިފަ ވީނަމަވެސް ނިވާވެފައި ވާކަމަށްޓަކައި ނަމާދު ޞައްޙަވާނެއެވެ. ސިފަ އިނގޭނަމަ ނަމާދު ޞައްހަ ނުވާނެ ކަމުގައި އައްދާރަމީ އާއި ޞާހިބުލް ބަޔާން ގެނެސްފައިވާ ބަހަކީ ކުށް ބަހެއްކަން ސާފުކޮށް އެނގެއެވެ.”
ހަންބަލީ މަޛުހަބުގެ އިމާމެއްކަމުގައިވާ ابن قدامة رحمه الله އެބޭފުޅާގެ “المغني” (2/287) ގައި ވިދާޅުވެފައި ވެއެވެ. ” وَإِنْ كَانَ يَسْتُرُ لَوْنَهَا وَيَصِفُ الْخِلْقَةَ جَازَتِ الصَّلَاةُ ، لِأَنَّ هَذَا لَا يُمْكِنُ التَّحَرُّزْ مِنْهُ ” اهـ. މާނައީ: “ހަމުގެ ކުލަ ނިވާވެފައި، ގުނަވަން (ފަޔާއި ފިނދުކިބަ ފަދަ ތަންތަން) ސިފަވާ ނަމަވެސް ނަމާދު ހުއްދަވެގެންވެއެވެ. އެހެނީ؛ އެމިންވަރު ނިވާކުރުމަކީ ނުވާނެ ކަމެކެވެ.” މުންޑު ނުވަތަ ޖުއްބާ ފަދަ ލިބާސް ލައިގެން އުޅޭ އިރުވެސް ބައެއް ހާލަތުގައި މިސާލަކަށް ރުކޫޢު ނުވަތަ ސަޖިދައިގެ ހާލަތުގައި އެލިބާސް ފަޔާއި ފިނދުކިބަޔާއި ދިމާއިން ބާރުވެއެވެ. އެދިމާލުން ގައިގައި ނުޖެހޭ ގޮތެއް ނުވާނެއެވެ. ހަމަ އެފަދައިން އިށީންދެ އިންނަ އިނުމުގައި ފައިގެ ފަލަމަސްގަނޑުގެ ސިފަވެސް ނޭންގޭނެ ގޮތަކީ ނެތް ގޮތެކެވެ. އެހެން ނޫނީ ޖެހޭނީ ފޮށްޓެއްގެ ތެރެއަށް އެރި ހުންނާށެވެ. އެއީ މާތް ﷲ އަޅުތަކުންނަށް ޖައްސަވާފައިވާ ތަކުލީފެއް ނޫނެވެ.
ކަނޑައެޅިގެން އައުރައަށް ބާރު ލިބާސް ލުމަކީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ފަޓުލޫނާއި ހަރުވާޅާއި މުންޑުފަދަ އާންމުކޮށް މުސްލިމުން ލައިއުޅޭ ހުރިހައި ލިބާހަކީ އިސްވެދިޔަ ފަދައިން ފިގުހުވެރިންގެ އިތްތިފާގުން ހަލާލު އަދި އޭގައި އަޅުކަން ޞައްހަވެގެންވާ ލިބާހެކެވެ. ނަމާދަށްޓަކައި ގައިގައި ނުޖެހޭ ގޮތަކަށް، އާދައާއި ޚިލާފު ލިބާހެއް ލާކަށް ނުޖެހެއެވެ. އެއީ ސަލަފުންގެ އަރިހުން ސާބިތު ކަމެއް ނޫނެވެ. އަދިކިޔެއް، އާންމުކޮށް ގައުމުގެ އާދަކާދައާއި ޚިލާފު ނުވާ، ޠާހިރު އަދި ޢައުރަ ނިވާވާ ކޮންމެ ލިބާހަކީ ރީތި، ރަނގަޅު ލިބާހެކެވެ.
މިފަހުގެ ބޮޑު ހަދީޘް ޢިލްމުވެރިއެއް ކަމުގައިވާ محمد ناصر الدين الألباني رحمه الله ފަޓުލޫނާއި މެދު އެއީ ކާފަރުންގެ ލިބާހެއް ކަމާ، ގަޔަށް ބާރު، ސަޖިދަ ކުރުމަށް އުނދަގޫ، އަޢުރަ ސިފަވާ އެއްޗެއް ކަމުގައި ވިދާޅުފައިވެއެވެ. ޝައްކެއް ނެއް ގޮތުގައި އެއީ ގަޔަށް ބާރު، ޓައިޓު ފަޓުލޫނުގެ ވާހަކައެވެ. ހުރިހައި ފަޓުލޫނަކީ އެފަދަ އެއްޗެއް ނޫނެވެ. އެވާހަކައިގައި އާދައިގެ، ގަޔަށް ދޫ ފަޓުލޫނުގައި ކުރެވޭ ނަމާދު ޞައްހަ ނުވާނެ ކަމުގައި އެއްވެސް އިޝާރާތެއް ނުވެއެވެ. ބާރުކަމުން އައުރަ ގުނަވަން ސާފުކޮށް ފާޅު ނުވާ، ދޫ ކޮންމެ ލިބާހެއްގައި ނަމާދު ޞައްހަ ކަމާއި މެދުގައި އިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ.
ތިންހަތަރު ސަތޭކަ އަހަރުން ފެށިގެން މީހުން ލަމުން އައިސްފައިވާ ފަޓުލޫނަކީ ކާފަރުންނަށް ޚާއްސަ ލިބާހެއް ނޫންކަމާ، އެއީ ޢައުރަ ނިވާ ވާ އަދި އެލައިގެން ކުރާ ނަމާދު ޞައްހަވާނެ އެއްޗެއް ކަމުގައި ހަތަރު މަޛުހަބުގެ އިލްމުވެރިންގެ ބަސްފުޅުތަކުން ޚިލާފެއް ނެތި ސާފުކޮށް ބަޔާންވެ އިނގޭ އިރު، ހަމައެފަދައިން، ފަޓުލޫނު ލައިގެން ކުރާ ނަމާދު ޞައްހަ ވާނެކަމުގައި ފަހުގެ ބޮޑެތި ޢިލްމުވެރިންނާއި ސަޢޫދީ ޢަރަބިޔާގެ “فتاوى اللجنة الدائمة للبحوث العلمية والإفتاء” (24/38). އިން ފަތުވާ ދެއްވާފައި ވެއެވެ.
الشيخ سيد سابق رحمه الله އެބޭފުޅާގެ “فقه السنة” ގައި ވިދާޅުވެފައިވެއެވެ. “الوَاجِبُ مِنَ الثِّيَابِ مَا يَسْتُرُ العَوْرَةَ وَإِنْ كَانَ السَاتِرُ ضَيِّقًا يُحَدِّدُ الْعَوْرَةَ” اهـ . “ލިބާހުގެ ތެރެއިން ވާޖިބު މިންވަރަކީ: ޢައުރަ ނިވާވާ މިންވަރެވެ. އަދި އެލިބާސް ބާރުވެފައި ޢައުރައާއި ދިމާ ވަކިވެ، ފާހަގަވީ ނަމަވެސް (ނަމާދު ޞައްހަވާނެއެވެ.)” އައުރައިގެ ގުނަވަން ފާޅުވާ ވަރުގެ، ގަޔަށް ބާރު ލިބާސް ލުމަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ހުއްދަ ކަމެއް ނޫނެވެ. އަދި އަންހެނުންނަށް ވަކިން ފާފަ ބޮޑުވެގެން ވެއެވެ. އެކަމަކު ފާފަވެރިވުމާއި އެކުގައިވެސް އެފަދަ ހެދުމެއްގައި ކުރާ ނަމާދު އޭގެ ޛާތުގައި ޞައްހަވާނެ ކަމުގައި فضيلة الشيخ صالح الفوزان ފަތުވާ ދެއްވާފައިވެއެވެ. (المنتقى من فتاوى الشيخ صالح الفوزان، 3/454).
އިސްވެދިޔަ ފަތުވާތަކުގެ އަލީގައި މިޒަމާނުގައި މީހުން ލައި އުޅޭ ފަޓުލޫނާއި ޖީންސް ލައިގެން ކުރާ ނަމާދު އެއްވެސް ޝައްކަކާއި ނުލައި ޞައްހަ ވާނެކަން ސާފުކޮށް އިނގެއެވެ. އަދި ވަކިން ޚާއްސަކޮށް، ޒަމާނުގެ ފަޓުލޫނާއި ޖީންސްގެ ތެރެއިން ބޯ ފޮތީގައި، ގަޔަށް ދޫކޮށް ފަހާފައި ހުންނަ ފަޓުލޫނާއި ޖީންސް ފަދަ ލިބާހަކީ ޝަރުޢީ ހަމަތަކާއި އެއްގޮތް، ރަނގަޅު ލިބާހެވެ. އެފަދަ ލިބާހުގެ މަތިން ނުވަތަ ދަށުން އިތުރު ހެދުމެއް ލާކަށް ވެސް ނުޖެހޭނެއެވެ. މިސާލަކަށް؛ ފަޓުލޫނު މަތިން މުންޑެއް އަންނާކަށް ނުޖެހޭނެއެވެ. އަދިކިޔެއް އެއްމެ ލިބާހެއްގައިވެސް ނަމާދު ޞައްހަ ވާނެއެވެ. أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم ގެ އަރިހު ސުވާކުރިއެވެ. (( أَيُصَلِّي أَحَدُنَا فِي ثَوْبٍ وَاحِدٍ )) “ތިމަންމެން އެއްމެ ހެދުމެއްގައި (އެއް ފޭރާމުގައި) ނަމާދު ކުރުން ކިހިނެއްތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ((أَوَ كُلُّكُمْ يَجِدُ ثَوْبَيْنِ)) (البخاري ومسلم). “ތިޔަބައިމީހުން ކޮންމެ މީހެއްގެ އަތުގައި ދެ ފޭރާން (ދެފޭލި) އޮވޭހެއްޔެވެ!؟” މާނައަކީ: އެއްމެ ފޭއްޔެއް އޮޅައިގެން ނަމާދު ޞައްހައެވެ. އަދިވެސް البخاري އާއި مسلم ރިވާކުރައްވާފައިވެއެވެ. عُمَرَ بْنِ أَبِي سَلَمَةَ ވިދާޅުވިއެވެ. ((رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي فِي ثَوْبٍ وَاحِدٍ مُلْتَحِفًا مُخَالِفًا بَيْنَ طَرَفَيْهِ )) މާނައަކީ: ” رسول الله صلى الله عليه وسلم އެއް ފޭރާން ކޮޅުގައި، އެފޭލި ހަށިކޮޅުގައި އޮޅުއްވައިގެން ފޭލީގެ ދެކަންގަޑު ދެކޮނޑުފުޅަށް އެއްލައްވައިގެން ނަމާދު ކުރައްވަނިކޮށް ތިމަންނާ ދެކުނީމެވެ.” މިއީވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރި ކަމެއް ނޫނެވެ.
އެއްމެ އެއްޗެއް ލައިގެން ހުންނަ އިރު ޢައުރަ ފާޅުވާލެއް މާ ބޮޑުވާނެކަން ޔަގީނެވެ. އެއާއި ޚިލާފަށް މިޒަމާނުގައި އާންމުކޮށް މީހުން ލިބާސް ލައި އުޅެނީ ފަޓުލޫނު ނުވަތަ ޖީންސް ނުވަތަ ހަރުވާޅުގެ ދަށުން ބޮކްސާ ނުވަތަ ޖަނގިޔާ ވެސް ލައިގެންނެވެ. އެގޮތަށް ދެއެތި މަތިމަތިން ލައިފައި ހުންނަ އިރު އާންމުކޮށް މީހުން ލައި އުޅޭ ފަޓުލޫނާއި ޖީންސަކީ ރަނގަޅަށް ޢައުރަ ނިވާވާ އެއްޗެއް ކަމާއި މެދުގައި ވަސްވާހެއް ނެތެވެ. މިއަށްފަހުގައިވެސް ތިބާގެ ގޮތް ދޫނުކުރާނީ ނުވަތަ އިދިކޮޅު ހަދާނީ ބޮޑާކަމާއި ގޮތް ދޫނުކުމުގެ ސަބަބު ން ކަމުގައި ބިރު ގަނެއެވެ.
ކަން މިހެން ހުރި އިރު، ދުނިޔޭގެ ގިނަ މުސްލިމުން ލައި އުޅޭ ލިބާހަކީ ހަރުވާޅު ސްޓައިލްގެ ފަޓުލޫނާއި ޓްރެކްސޫޓު ފަދަ ތަކެތިކަމުގައި ވާ އިރު، އަދި ޢިލްމީ ހަމަތަކާއި އުންމަތުގެ ބޮޑެތި ޢިލްމުވެރި އިމާމުންގެ ބަސްފުޅުތަކަށް ބަލައިލުމެއް ވިސްނައިލުމެއް ނެތި، ޖެހިލުން ކުޑަ ކަމާއި އެކުގައި މުޅި އުންމަތުގެ މައްޗަށް، އެބައިމީހުންގެ ރެއާއި ދުވާލު އަދާ ކުރެވޭ މަތިވެރި ޝަޢީރު، ނަމާދުގެ އަޅުކަން ބާޠިލުވާނެ ކަމުގައި ބުނެ، ﷲ އާއި ރަސޫލާގެ ފަރާތުން ސޮއެކޮށް، ފަތުވާއެއް ބޭރު ކޮށްލުމަކީ؛ ﮃ… ﮖ ﮗ ﮘ ﮙ ﮚ ﮛ ﮜ ﮝ ﮂ الأعراف. ނުދަނެ ހުރެ ﷲ ގެ މައްޗަށް ބަސްބުނުން ކަމުގައި ނުވާނީ ކިހިނަކުން ހެއްޔެވެ!؟ އިތުރު އެކަލޭގެފާނު ހަދީޘް ކުރައްވާފައި ވެއެވެ. ((وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ لَا يُلْقِي لَهَا بَالًا يَهْوِي بِهَا فِي جَهَنَّمَ)) (صحيح البخاري) “އަދި ހަމަކަށަވަރުން އަޅާ ސަމާލުކަމެއް ނެތި، މާ ބޮޑުކަމެކޭ ހީނުކޮށް، މާތް ﷲ ނުރުއްސަވާ ބަހެއް ބުނެ އެފަދަ ވާހަކައެއް ދެއްކުމުގެ ސަބަބުން ޖަހަންނަމައިގެ ތެރެއަށް އެނާ ވެއްޓި ދެއެވެ.” އަޅާއާއި އެއްމެހައި މުސްލިމުން އެ ނަރަކައިން މިންޖު ކުރައްވާށި! އަދި މުސްލިމުންގެ ޖަމާޢަތުގައި ގަދަޔަށް ހިފަހަށްޓައިގެން ތިބި، ވަކިވަކިވުމާއި ބައިބައިވުންތަކާއި، ބަހުގައާއި އަމަލުގެ އެއްމެ ހައި ބިދުޢަތަކުން ދުރުހެލިވެގެންވާ ބައެއްކަމުގައި މާތް ﷲ އަޅަމެން ލައްވާށި! އާމީން!
والله أعلم وصلى الله على محمد وآله وسلم

ގުޅުންހުރި

3 ޚިޔާލު

  1. =މިފަހުގެ ބޮޑު ހަދީޘް ޢިލްމުވެރިއެއް ކަމުގައިވާ محمد ناصر الدين الألباني رحمه الله ފަޓުލޫނާއި މެދު އެއީ ކާފަރުންގެ ލިބާހެއް ކަމާ، ގަޔަށް ބާރު، ސަޖިދަ ކުރުމަށް އުނދަގޫ، އަޢުރަ ސިފަވާ އެއްޗެއް ކަމުގައި ވިދާޅުފައިވެއެވެ.=
    އަޚާ ﷲ އަށްބިރުވެތިވޭ.މިއީ ބޮޑު ފަރުބަދައެއްފަދަ އިލްމު ވެރިއެއްގެ ބަސް،.

  2. މިލިޔުން ކިޔާލުމުން އެބަދޭހަވޭ ބާރުއެއްޗެތި ލުމަކީ ފާފަވެރިވާނެކަމެއް ކަމަށް އެހެންވީމަ ﷲގެ ހަޒްރަތަށް އެންމެ ކުއްތަންވާވަގުތު ފާފައެއްމަތީގަ ހުންނާކަށް އެކަލާނގެއަށް ތަޤުވާވެރިވާ އަޅަކު ބޭނުމެއްނުވާނެ.އެންމެންނަށް ވެސް އިގޭނެފަދައިން ހަރުވާޅަށް ފަޓޫލޫނޭ ނުކިޔަނީ ކިވޭކަން ފަޓުލޫނޭކިޔަނީ ވަކިގޮތަކަށް ފަހާފަ ހުންނައެއްޗިއްސައް.އަދި މިލިޔުމުގަ އެއީ މަދު ދުވަސް ކޮޅަކު އިލްމު ހާސިލް ކުރިމީހެކޭބުނާއިރު އޭނަ އަތުގަވެސް ރާއްޖޭގަމިއުޅޭ ގިނަޝޭޙުން ނެކޭ އެއްފަދައިން މަދީނާއިން ޑިގްރީ ޙާސިލް ކުރިކަމުގެ ސެޓްފިކެޓް އޮވޭ.ނާދިރު ފަތުވާއަކަށްވަނީ އަހަރުމެއްނަށް އެއީ ނާދިރު ކަމަށް ވީމަތަށް ނޫނީ މިއީ ޝަރީއަތުގަ ނާދިރުކަމަކަށް ވީމަތަށް.ފަޓުލޫން ލައިގެން ނަމާދުކުރާމީހުން ގޭގަނަމާދު ކުރާއިރު އަންހެނުންކައީ ބުނެބަލަ ސަޖިދައިގަ އޮންއިރު ވީޑިއޯކޮށްލާފަ ދައްކަބަލާށޭ ، އޭނާއަށް އެތަން ފެނުނީމަ އިގޭނީ އޮނަގޮތް.މަސްޙޫރު ހަސަން ސަލްމާންގެ ނަމާދުގަހެދޭ ކުއްތަކާބެހޭގޮތުން ލިޔެފަވަ ފޮތުގަ “ކްލަރިފައިޑް އޮފް މިސްޓޭކް ޑަން އިން ސަލާތް ” މިފޮތުގަ ފުރަތަމައިނުން ވެސް ފާހަގަކޮށްފަ އިންނާނީ ބާރު އެއްޗެތިލައިގެން ނަމާދުކުރުމާބެހޭގޮތުން،މިފޮތް މިހާރު މާލޭންވެސް ލިބެން ހުންނާނެ ކިޔާލީމަ އިގޭނެ ނާދިރީ ކޮންބަޔަކައްކަން.

  3. http://dhisalafiyyah.net/?p=7053 މި ލިޔުންވެސް ވިދާޅުވެއްދެއްވުން އެދެން. އަދި މިތަނުގައި ދަންނަވާލަންބޭނުންވަނީ، ކީރިތި ރަސޫލުއް الله ސައްލައް الله ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ކަމަށް، އިސްލާމްދީން ފެށީގެންއައީ ބީރަށްޓެހި ގޮތެއްގައި ކަމާއި، އަދި ނިމިގެންދާނީވެސް ބީރަށްޓެހި ގޮތެއްގައިކަން. އެހެންވީމާ، ދުނިޔޭގައި ގިނަމީހުން ފަޓުލޫނު ލައި އުޅެ، އޭތި މުސްލިމުންގެ ތެރޭގައިވެސް ޢާއްމުވުމަކީ، އެއަށް ރައްދުވާ ބުނުންތައް ނުވަތަ ނާދިރު ފަތުވާތަކޭ ބުނެ ރައްދުދިނުމަށްފަހު ސުރުޚީގައި ލިޔެވުން އެއްމެ އެކަށީގެންވާ ކަމެއްނޫނެވެ.

Your email address will not be published. Required fields are marked *