ރާއްޖޭގެ ހާލަތު މިހާރު ވެއްޓިފައިވާ ނާޒުކު ފައްތަރުން ސަލާމަތް ކުރުމަށްޓަކައި ހަތް މެމްބަރުންގެ ކޮމިޓީއެއް އަދާލަތުން އެކުލަވާލައިފިއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން އެކުލަވާލި ހަތް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޝެއިޚް އިލްޔާސް ހުސެއިނާއި ޝެއިޚް މުހައްމަދު ޝަހީމް އަލީ ސަޢީދާއި، މުހައްމަދު އަހުމަދާއި، މުހައްމަދު މުއްތޮލިބާއި ހުސެއިން ވަފީރުގެ އިތުރުން އަސަދުﷲ ޝާފީއީއެވެ.
ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސް ކޮށްގެން އެކުލަވާލި މި ކޮމިޓީއިން ގައުމުގެ ހާލަތު ދިރާސާކޮށް ޕާޓީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅާ، އެ ފިޔަވަޅުތައް އަޅަމުންދާނެކަމަށް އަދާލަތު ޕާޓީން ހާމަކުރައްވައެވެ.
އިސްލާމްދީނާއި ގަނޫނު އަސާސީގެ އިމުގެ ތެރެއިން ޚުދުމުހުތާރު ކަމާއެކު ގާނޫނަށް ބޯ ނުލަނބައި އަނިޔާވެރި ސަރުކާރު ހަމަ މަގަށް އެޅުމަށްޓަކައި ކުރާ ކޮންމެ ކަމެއްގައި އަދާލަތު ޕާޓީން ފުރިހަމައަށް ތާއިދުކޮށް އެއްބާރުލުން ދޭނެކަމަށް އެ ޕާޓީން ބުނެއެވެ.
ގާނޫނު އަސާސީ އާ ޚިލާފަށް ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ.ޖަމީލާއި ސަންދާން އަހައްމައިދީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުން ގައުމު މިހާރުވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...