ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ދައްކާ ވާހަކައަކީ ބުއްދި ޤަބޫލު ކުރާ ވާހަކައެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
''ދެން މި ބުނަނީ ދިގު މުއްދަތަކަށް މުހައްމަދު ނަޝީދު ޖަލަށް ލާނަމޭ. ނުލެވޭނެ އިނގޭތޯ. އެއީ މި ހަދާފައިއޮތް ގާނޫނު އަސާސީ އޮތް ގޮތުން މިއުޅެނީ ތިރީސް އަހަރު އެކަން (ވެރިކަން) ކޮށްފައި ހުރި މީހަކު ޖަލަށް ނުލެވިގެން، ދެން ކިހިނެތްތޯ ތިން އަހަރު ވެރިކަން ކޮށްފައި ހުރި މީހަކު ޖަލަށް ލެވޭނީ. އެއީ ބުއްދި ޤަބޫލު ކުރާވާހަކަ އެއްނޫން.'' އެމްޑީޕީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ ރައީސް ޖަލަށް ލާނަމަ ޖަލަށް ލާން ތިބި މީހުން ވަރަށް ގިނަ ކަމަށެވެ. އަދި ޖަލަކީ އެމްޑީޕީ މީހުންނަށް އާތަނަކަށް ނުވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
''އެ ޖަލަށް ލަންޏާ ޖަލަށް ލާންތިބި މީހުން ވަރަށް ގިނަ. އަނެއްކާ އެމްޑީޕީގެ އާންމު މެންބަރުނަކީ ޖަލު އާ ބައެއްނޫން.."
ޑީއާރްޕީ ގައި ހުންނަވައިގެން މިއަދު ގެ ސަރުކާރަށް އަދި ރައީސް ނަޝީދައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވާ އަލީ ވަހީދު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޖަލަށް ލާނެކަމަށް ބުނި ނަމަވެސް އެމަނިކުފާނު ޖަލަށް ނުލެވޭނެ ކަމަށެވެ.
މިއަދުގެ ވެރިކަން ފަސޭހައިން ވައްޓާނުލެވޭނެ ކަމަށާއި އެވަރުގެ ގާބިލުކަމެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށްވެސް ރޭގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު މިހެން ބުނެފައިވާއިރު ޑރ ޖަމީލު ރޭ ވިދާޅުވީ މިހާ ހިސާބުން ރައީސް ނަޝީދުގެ ވެރިކަން ނިމޭ ހިސާބު ފެށުނީ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...