ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެކް ފޮތް ދޫކުރާ މިހާރުގެ އުސާލަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން އެ ބޭންކުން ނިންމައިފިއެވެ. އަދި އެ އުސޫލަށް މާދަމާއިން ފެށިގެން އަމަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި އުސޫލުގެ ސަބަބުން މާލެއިން ޗެކް ފޮތަށް އެދޭނަމަ ޗެކް ފޮތް ދޫކުރެވޭނީ ފަސް ދުވަހުގެ ތެރޭގައި ކަމަށް ވާއިރު، އަތޮޅުތަކުގެ ބްރާންޗްތަކުން ނަމަ ޗެކް ފޮތް ލިބޭނީ 10- 20 ދުވަހުގެ މުއްދަތެއްގައި ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.
ކަރަންޓް އެކައުންޓް ގެންގުޅޭ ފަރާތްތަކަށް އަހަރަކު 100 ޗެކް ހިލޭ ލިބޭއިރު އިތުރަށް ދޫކުރެވޭ ޗެކް ފޮތަށް އަގުތަށް ނަގާނެ ރޭޓްތައް ވެސް ވަނީ މި އުސޫލުގައި ކަނޑައަޅާފައެވެ. މީގެ އިތުރުން ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓަށް ވެސް އެއް ފަހަރާ އެންމެ ގިނަވެގެން ދޫކުރާނީ 100 ޗެކްގެ ޗެކް ފޮތެއް ކަމަށް ވެސް ބީއެމްއެލް ވަނީ ނިންމައިފަ އެވެ.
ރުފިޔާ ކަރަންޓް އެކައުންޓް ގެންގުޅޭ ފަރާތްތަކަށް ފަސް ޗެކުގެ ޗެކް ފޮތެއް 5ރ. އަށް ދޫކުރަން ނިންމާފައިވާ އިރު 20 ޗެކުގެ ފޮތެއް 20ރ. އަދި 50 ޗެކުގެ ފޮތެއް ދޫކުރާނީ 50ރ. އަށެވެ.
އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން ޑޮލަރު ސޭވިން އެކައުންޓް ގެންގުޅޭ ފަރާތްތަކަށް ފަސް ޗެކުގެ ފޮތެއް 1 ޑޮލަރަށް ދޫކުރަން ނިންމާފައިވާ އިރު 20 ޗެކުގެ ޗެކް ފޮތެއް ދޫކުރާނީ 2 ޑޮލަރަށެވެ.
މީގެއިތުރުންވެސް ފައިސާ ނެތި ފަސް ޗެކް ދޫކޮށްފިނަމަ އެ ކަސްޓަމަރެއްގެ އެކައުންޓް ބަންދުކުރެވޭނެކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ. އަދި މިގޮތަށް މިކަން ހަމަޖައްސަިފައިވަނީ އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުން އިތުރުވަމުން ދާތީ އާއި އެކަމަކީ ގާނޫނީ ގޮތުން ވެސް މަނާ ކަމަކަށްވުމާ އެކު، އެކަން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުންކަމަށެވެ.
މި އުސޫލުގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުން ޗެކް ފޮތް ގެންގުޅުމާއި ޗެކް ދޫކުރުމުގައި އިތުރަށް ޒިންމާދާރު ވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...