
ފުލުހުން އިއްޔެ އާއި ރޭ އަތުލައިގަތް ވަގު ޑޮލަރުތައް ނޫސްވެރިންނަށް މިއަދު ދައްކާލަނީ – ފޮޓޯ : ހަވީރު ނޫސް
އިއްޔެގެ ވަގުތެއްގައި މިލިއަނަކަށްވުރެ ގިނަ ޑޮލަރާއެކު ދެމީހަކު މާލެއިން އަތުލައިގެންފިއެވެ.
ފުލުހުން ހައްޔަރުކުރި ދެމީހުންނަކީ ރ.މަޑުއްވަރީ ބަނބުކެޔޮގަސްދޮށުގޭ އުމަރު އަޙްމަދު ފުޅާއި ގއ.ކޮލަމާފުށީ ތަރިވިދާގޭ އަޙްމަދު މުނައްވަރު ކަމަށް މިއަދު މެންދުރު ފުލުހުންގެ މައި އިމާރާތުގައި ބޭއްވި ނޫސްކޮންފަރެއްސްގައި ސުޕްރިޓެންޑެންޓް އޮފް ފޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވިއެވެ.
އަތުލައިގަނެވިފައިވާ ހުރިހާ ނޫޓްތަކަކީވެސް 100 ޑޮލަރުގެ ނޫޓްތަކެއްކަމަށް މިނޫސްކޮންފަރެންސްގައި ރިޔާޒު ވަނީ ހާމަކުރައްވާފައެވެ. އޭނާ ހާމަކުރިގޮތުގައި ހައްޔަރުކުރެވުނު ދެމީހުންގެތެރެއިން އުމަރު އަޙްމަދުފުޅު އަތުލައިގަތީ ހަތްލައްކައެއްހާ ޑޮލަރާއެކު ބެންކެއް ކައިރިންނެވެ. އަދި އަޙުމަދު މުނައްވަރު އަތުލައިގަތީ މާފަންނުކޮޅުގައި ހުންނަ ހާބަރު ކަޑަތަކުގެތެރެއިން ކަޑައަކުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ކަޅު ބާޒާރުގައި ބޮޑެތި އަގުތަކުގައި ޑޮލަރު ވިއްކުމާއި ވަގު ޑޮލަރު ގެންގުޅުމަކީ ގިނަބަޔަކަށް އޭގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މައްސަލައެކެވެ. މިފަހަރު އަތުލައިގަނެވުނު ހުރިހާ ޑޮލަރެއްގައިވެސް ޖަހާފައިވަނީ 4 ސީރިއަލް ނަންބަރެއްކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...