ރާއްޖޭގެ ޚަބަރު އޭ އުޚްތާއެވެ! މިއީ ޢިލްމާއި ފަންނުގެ ދީނެވެ.

އޭ އުޚްތާއެވެ! މިއީ ޢިލްމާއި ފަންނުގެ ދީނެވެ.

އޭ އުޚްތާއެވެ! މިއީ ޢިލްމާއި ފަންނުގެ ދީނެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނަކީ ޢިލްމާއި، ފަންނުގެ ދީނެވެ. މިދީން ގޮވާލަނީ ވިސްނާ ފިކުރު ކުރުމަށެވެ. އަންހެނުންނާއި ފިރިހެނުން ތަފާތުކުރުމެއް ނެތި، ވިސްނާ ފިކުރު ކުރުމަށް، ސައިންސީ ހޯދުންތަކަށް، ކީރިތި ޤުރުއާނުގެ 700 އަށްވުރެ ގިނަ އާޔަތުގައި ގޮވާލައްވާފައިވެއެވެ. މިސާލެއްގެ ގޮތުން ސޫރަތުއް ޠާރިޤް ގެ ފަސްވަނަ އާޔަތް ބައްލަވާށެވެ. އެއާޔަތުގެ މާނައީ "ފަހެ އިންސާނާ، އޭނާ ހައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލާފާހުށިކަމެވެ!" ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތުގައިވެސް ޢަމުރު ވެވިގެންވަނީ ކިޔެވުމަށެވެ. އެއާޔަތުގެ މާނާގައިވަނީ "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ." (سورة العلق 1)

އިސްލާމްދީނަކީ، މުސްލިމް އަންހެން ކަނބަލުން ޢިލްމު އުނގެނުމުގެ ފުރުޞަތު ހަނިކުރާ، ވިސްނާ ފިކުރު ކުރުމުން އެއްކިބާ ކުރުވާ ދީނެއް ކަމަށް މިފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ސިފަކުރެއެވެ. މިފަދަ މީހުންނީ މުސްތަޝްރިޤުންގެ ޝިކާރަޔަކަށްވެ، ސިކުނޑި ދޮވެވިފައިތިބި މީހުންނެވެ. އިސްލާމްދީނުގެ ސައްޚަ މަޢުލޫމާތު ފިލާ ސާފުނުވެ ތިބި ބައެކެވެ. ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އިސްލާމްދީނާމެދު ޝައްކާއި ވަހުމް އުފައްދަން މަސައްކަތްކުރާ ބައެކެވެ.

އިސްލާމްދީން އައުމުގެ ކުރިން، ޖާހިލިއްޔަ ޒަމާނުގައި އަންހެނުން ތިބީ ވަރަށްވެސް ނިކަމެތި ޙާލެއްގައެވެ. އަންހެން ދަރީން ލިބުމީ ބަދުނަޞީބެއް ކަމުގައި އެއުރެން ދެކި އުޅުނެވެ. އެއުރެން ދިޔައީ ދިރިތިއްބާ އަންހެން ދަރީން ވަޅުލަމުންނެވެ. މީލާދީން ފައްސަތޭކައިގެ އަހަރުތަކުގައި، ފުރާންސްގައި އުޅުނު ނަޞާރާއިން އެންމެ ގިނައިން ބަޙުސްކޮށް އުޅުނު އެއް މައުޟޫއަކީވެސް "އަންހެނުންނަކީ އިންސާނުންތޯ ނުވަތަ އެއަށްވުރެ ދަށްފަންތީގެ ބައެއްތޯ" މި މައިގަނޑު މައުޟޫއެވެ. ނަމަވެސް އިސްލާމްދީން ވަނީ އަންހެނުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނާގައި ހޯދައިދީފައެވެ. ވަކީން ޚާއްސަކޮށް އުނގެނުމާއި އުނގަންނައި ދިނުމުގެ މައިދާނުގައެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. "ކޮންމެ މުސްލިމެއްގެ މައްޗަށް ޢިލްމު ޙާސިލްކުރުން ފަރުޟުވެގެންވެއެވެ." އިތުރު ސާޙިބާގެ މި ޙަދީޘް ބަސްފުޅުގައި އަންހެނުން އިސްތިސްނާ ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން މި އުއްމަތުގެ މާތް ޞަޙާބިއްޔާއިން ޢިލްމުގެ މައިދާނުގައި ނުހަނު މަތިވެރި މަޤާމާއި ޝަރަފު ހޯއްދެވިއެވެ. މިގޮތުން އަބޫ ހުރައިރާ ފިޔަވައި އެންމެ ގިނަ ޙަދީޘް ރިވާކުރެއްވީވެސް އަންހެން ބޭކަނބަލެކެވެ. އާދެ! އައީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. މިމަގުން ޢިލްމުގެ މައިދާނުގައި މިއުއްމަތުގެ އެތައް އެތައް އަންހެން ބޭކަނބަލުންނެއް ވަނީ ކުރިއަރާ ގޮސްފައެވެ.

އިމާމް އަބޫޙަނީފާ ދީނީ ކަންކަމުގައި ފަތުވާދެއްވާއިރު، ކުށެއް ވިދާޅުވެވިއްޖެނަމަ އެކަލޭގެފާނުގެ މަންމާފުޅު އެކުށް އިސްލާޙް ކޮށްދެއްވާކަމީ ތާރީޚުގެ ތެރެއިން ފާޅުވެ ފެންނާން ހުރި ޙަޤީޤަތްތަކެވެ. މިފަދަ ކަންކަމުން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅަކީ ޢިލްމުގެ މައިދާނުގައި، އުނގަންނައިދިނުމާ، އުނގެނުމުގެ ޙައްޤަކީ މުސްލިމް އަންހެނާއަށްވެސް ލިބިދޭ ޙައްޤެއްކަމެވެ.

އިސްލާމްދީނުގައި އަންހެނުންނީ ޖީލެއް ބިނާކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ ފަރާތެވެ. ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ދެމަފިރީންގެ ތެރެއިން ވަކީން ޚާއްސަކޮށް މަންމަގެ ދައުރު ބޮޑެވެ. މި ސަބަބައްޓަކައި މަންމަގެ މަޤާމް ވަނީ ބައްޕަޔަށްވުރެ ތިން ދަރަޖަ މަތީގައެވެ. ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވޭނީ މަންމަގެ ކިބާގައި ޢިލްމާއި، ފަންނު ހުރެގެންނެވެ. އެންމެ ފުރަތަމަ މަދުރަސާއަކީ މަންމަގެ އުނގު ކަމުގައި ވީހިނދު އެމަދުރަސާގެ މުދައްރިސާއަކީ ޢިލްމީ ފަރާތަކަށް ވާންޖެހެއެވެ. މި ސަބަބައްޓަކައި، ފިރިހެނުންނަށްވުރެވެސް އަންހެނުން، ޢިލްމުވެރިވުން މުހިއްމު ކަމުގައި ޢިލްމުވެރިން ދެކިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.