އަރަބިއްޔާ ސްކޫލުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަސައްކަތް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް އިން ފަށާފައިވާ ކަމަށް މިއަދު އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް އަހުމަދު ރިލްވާން މިއަދު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ކުދިންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާގުޅިގެން އެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަމިއްލަ ފަރާތަކުން ވެސް އަރަބިއްޔާ ސްކޫލުގެ މައްސަލަ އެޗްއާރުސީއެމް އަށް ހުށަހަޅާފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލާއި އަދިވެސް އިދާރީ ބައެއް ބޭފުޅުންނާއި އެ ސްކޫލުގެ ބެލެނިވެރިންނާއި އަދި ވެސް ކަމާ ބެހޭ ފަރާތްތަކާ އެޗްއާރުސީއެމުން ބައްދަލުކޮށް މަޝްވަރާކުރަމުން ގެންދާނެ ކަމަށް ރިލްވާން ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތް ކުރިން ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ބަދަލުގައި އަރަބިއްޔާ ސްކޫލު ކުދިން ކުރީގެ އީޕީއެއްސް ސްކޫލަށް ބަދަލުކުރުމުގެ ސަބަބުން އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ ރައްޔިތުންތަކެއް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މީގެ އިތުރުން އެޑިއުކޭޝަނުން ދަނީ މިއަންނަ އަހަރު އެސުކޫލަށް ވަދެވޭނީވެސް 30 ކުދިން ކަމަށް ބުނަމުންނެވެ. މިކަމާ ގުޅިގެން އެ ސުކޫލުގެ ގިނަ ބެލެނިވެރިންނާއި ސިޔާސީ ޕާޓީތަކުން ބުނަމުން ދަނީ ސަރުކާރުން އެ ކުރި ކަމަކީ އިސްލާމީ ތަޢުލީމު ހަނިކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ ބިމުގެ މައްސަލަ އާއި އެ ސްކޫލުގެ ދަރިވަރުންގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކުލަވާލައްވާފައިވާ ކޮމެޓީން ގޮތެއް ނުނިންމަވަނީސް އަރަބިއްޔާގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވެން ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...