އައްޑޫގެ މިސްކިތްތަކުގައި އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ދީނީ އެކިއެކި ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް(ސޯބެ) ވިދާޅުވެއްޖެ އެވެ.
ސާދިގް މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފައިވާތީ، މިސްކިތްތަކުގައި ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީ އަށް ޖަވާބުދާރީވާން ޖެހޭނީ ކައުންސިލުން ކަމަށެވެ.
ކޮންމެ މިސްކިތެއްގައި ދީނީ ކޮންމެ ހަރަކާތެއް ހިންގި ނަމަވެސް އެކަން ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި މަސްލަހަތު އޮތް ގޮތަކީ ވެސް އެއީ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެންމެ ކުރިން ވެސް އެކަން ކުރަމުން އައި އުސޫލަކީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކުރުން ކަމަށެވެ.
ސޯބެ ވިދާޅުވީ ޤުރުއާން ކުލާސްތަކާއި ދީނީ ވަރަށް ގިނަ ހަރަކާތްތައް މިސްކިތް ތަކުގައި ކުރާކަން ވަރަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިސްކިތްތަކުގައި ހަރަކާތް ހިންގަނިކޮށް މާޗް މަހުގެ ތެރޭގައި ފާހަގަ ކުރެވުނު ލަންކާގެ މިޝަންއަކާ ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދި ކަމަށް އެ މިޝަނުން ބުނި ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ބަލާލި އިރު އެއީ މިނިސްޓްރީ އަށް އެނގިފައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކަށް ޖަވާބުދާރީ ވާން ޖެހޭ ފަރާތްތަކެއް ހުންނާތީ މިސްކިތްތަކުގައި ކުރަނީ ކޮންކޮން ކަންތައްތަކެއްތޯ ބެލުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށް ވާތީ އެފަދަ އެއްވެސް ކަމެއް މިސްކިތްތަކުގައި ނުކުރެވޭނެ އަދި އެކަމަށް ފުރުސަތެއް ވެސް ނުދެވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ކައުންސިލުން ބުނީ މީތަފާތު ހިޔާލުތައް ވެސް ގެންގުޅޭ ޒަމާނަށްވުމާ އެކު މިސްކިތްތަކުގައި ހިންގޭ ހަރަކާތްތައް ކައުންސިލުން ވަރަށް ގާތުން ބަލަމުން އަންނާނެ ކަމަށާއި އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ކައުންސިލާ ހަވާލުކޮށްފައި ވަނީ ބަޖެޓާ އެކު ވެސް ކަމަށްވާތީ މިސްކިތްތައް ވީހާ ވެސް ރަނގަޅަކަށް ބެލެހެއްޓުމަށް ކައުންސިލުން ވަރަށް ބޮޑަށް އެކަމަށް އިސްކަން ދޭނެ ކަމަށެވެ.
ކައުންސިލުން އަދި ބުނީ ދީނީ އައްޑޫގައި ދީނީ ނަސޭހަތް ދޭ ޝެއިހުންގެ ދަފުތަރެއް ކައުންސިލުގައި އޮންނަ ކަމަށެވެ. އަދި އޭގައި އެ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ދީ، ސޮއި ކުރަން ޖެހޭ ގޮތަށް އޮތް ނަމަވެސް ބައެއް ފަރާތްތަކުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށް ވެސް ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
" މިއީ އެއްވެސް ހާލެއްގައި ބަޔަކު ކުރާ ކަމެއް ހުއްޓުވާކަށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން. ގާނޫނާއި ގަވައިދުތަކެއް ހެދިފައި ހުރި އިރު، އެ އުސޫލްތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް އަމަލު ކުރުމަށް ބާރު އެޅުން މީގެ އެންމެ ބޮޑު މަދުސަދަކީ،" މޭޔަރު ވިދާޅުވި އެވެ.
އަދި އެކަމަކީ ބަޔަކަށް ދަތިކުރަން ހަމަޖައްސައިފައި އޮތް އުސޫލެއް ނޫން ކަމަށް ވެސް ސާދިޤް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...