ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ބެހެއްޓިފައިހުރި އެހެން ދީންތަކުގެ ޝިއާރުތައް ހިމެނޭ ބުދުތަކުން މިބިން ޠާޙިރުކުރުމަކީ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމަށާއި، ދައުލަތުގެ ފަރާތުން އެކަން ނުކޮށްފިނަމަ، އެފަދަ ތަކެތިން މިބިން ޠާހިރުކުރުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބެއް ކަމަށް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަހީމް މިހެން ވިދާޅުވީ މަސްޖިދުލް ސުލްތާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) ގައި ރޭ ދެއްވި ޚާއްޞަ ދަރުސްގައެވެ.
ސާކް ސަމިޓާ ދިމާކޮށް ކަމަށް ބުނެ ދިވެހި ސަރުކާރުން އައްޑޫ ސިޓީގައި ބެހެއްޓި ޣައިރުދީންތަކުގެ އަޅުކަންކުރާ ބުދުތައް ހިމެނޭ ބިނާތަކުގެ މައްސަލައިގައި ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ބޭއްވި މިދަރުސްގައި ޝަހީމް ވިދާޅުވީ ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި މިދައުލަތުގެ ރަށްރަށުގައި އެހެންދީންތަކަށް އަޅުކަންކުރަން ގެންގުޅޭ ޝިއާރުތައް ފާޅުގައި ފެންނަން ހުރުމަކީ އިސްލާމްދީނުގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
"ވެރިކަމުގެ ފަރާތުން އެކަން ނުކުރާ ކަމުގައިވާނަމަ މިޤައުމުގެ ރައްޔިތުންގެ މައްޗަށް ވާޖިބެއް އެކަން ކުރުމަކީ. އެތަކެތިން މިބިން ޠާހިރުކުރުމަކީ އެއީ އިސްލާމީ ވެރިކަމުގެ އިސްލާމީ ރައްޔިތެއްގެ މައްޗަށް ވާޖިބެއް. އެތަކެތިން މިބިން ޠާހިރުކުރުން އެއީ އިސްލާމީ ދައުލަތެއްގެ މައްޗަށް އޮތް އެންމެ އިސް ވާޖިބަކީ. ވެރިކަމުގެ ފަރާތުން އެކަން ނުކުރާ ކަމަށްވަންޏާ މިޤައުމުގެ ރައްޔިތުންގެ މައްޗަށް ވާޖިބެއްއެއީ އެތަކެތިން މިބިން ޠާހިރުކުރުން. އެއީ އަޅުގަނޑުމެންނަށް ރަޞޫލުﷲ ޞައްލަﷲ އަލައިހިވައްސަލަމަ ދަސްކޮށްދެއްވި މަންހަޖަކީ" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ދައުލަތެއްނަމަ، ދީން ހިމާޔަތްކުރުމާއި ﷲ ސުބްހާނަޙޫ ވަތަޢާލާގެ އެއްކައުވަންތަކަން ދެމެހެއްޓުމަކީ އެދައުލަތެއްގެ ވަލިއްޔުލް ޢަމުރުގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށެވެ.
"އިސްލާމީ އުސޫލުތައް ޤާއިމްކޮށް ތައުހީދުގެ އަސާސްތަކާއި ދިދަ އުފުލުމަކީ ދައުލަތުގެ ވަލިއްޔުލް ޢަމުރުގެ އެންމެ މަތިވެރި މަސްޢޫލިއްޔަތު އެއީ. އަދި އެންމެ އިސްވާޖިބަކީ އެއީ" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ތައުހީދުގެ ކަލިމަފުޅު އުފުއްލެވުމުގައި މުއުމިނުން ބައިބައިވެ ދެބަސްވެގެން ނުވާނެ ކަމަށާއި، އެއީ މާތް ﷲ އިންސާނުން އުފެއްދެވުމުގެ އެންމެ މަތިވެރި މަޤްޞަދު އަދި އެންމެ މަތިވެރި އަސާސް ކަމަށެވެ.
"ﷲ ނޫން އެހެން ފަރާތަކަށް ޙައްޤުގޮތުގައި އަޅުކަންކުރެވޭ އެހެން ފަރާތެއް ނެތޭ. ރަސޫލުބޭކަލުން ފޮނުއްވުމުގެ މަޤްޞަދަކީ އެއީ. ފޮތް ބާވައިލެއްވުނު މަޤްޞަދަކީ އެއީ. ނަރަކަ އާއި ސުވަރުގެ ލެއްވިގެންވުމުގެ މަޤްޞަދަކީ އެއީ. ޤިބްލައެއް ލެއްވުމުގެ މަޤްޞަދަކީ އެއީ. ﷲ އެއްކައުވަންތަކުރުން. އެހެންވީމާ، އެއާ ފުށޫއަރާ އެންމެހާ ކަންތައްތަކުން މުސްލިމުން ބަރީއަވާން ޖެހޭނެ. އެންމެހާ އިންސާނުންގެ މައްޗަށް ވެސް ލާޒިމްވެގެން ވަނީ އެރިސާލަތަށް ތަބާވުން." ޝައިޚް ޝަހީމް ވިދާޅުވިއެވެ.
ދުނިޔޭގައި ޝިރުކު އުފެދިގެން އައި ގޮތުގެ މައްޗަށް ނަޒަރު ހިންގަވާލައްވަމުން ޝައިޚް ޝަހީމް ބަޔާންކުރެއްވި ގޮތުގައި ސައްޔިދުނާ ނޫހް އަލައިހިއްސަލާމްގެ ޒަމާނުގައި ދުނިޔޭގައި އުޅުނު ޞާލިޙް އަޅުންތަކެއް އެމީހުން މަރުވެ ދިޔުމުން އެމީހުންގެ ބުދުތައް ހަދައި އެއަށް އިޙްތިރާމް ކުރެވުނެވެ. އަދި ޖީލަކަށް ފަހު ޖީލަކަށް އެކަންތައްތައް އެއާދަ ވާރުތަވަމުން ގޮސް، އެންމެ ފަހުން އެތަކެއްޗަށް އަޅުކަން ކުރަން ފެށުނު ކަމަށް ޝައިޚް ބަޔާންކުރެއްވިއެވެ.
"ނޫހުގެފާނުގެ ރިސާލަތާ ފުށުއަރާ ކަންތައްތަކެއް މިކަންތައްތަކަކީ އެއީ. އެމީހުންގެ އިލާހުންތައް ކަމުގައި މި ޞާލިޙް އަޅުންތައް ހަދައިގެން އަޅުކަން ކުރަން ފެށުނު. ބިންމަތީގައި ޝިރުކު އުފެދިގެންދިޔަ ހާދިޘާ އަކީ އެއީ." ޝައިޚް ޝަހީމް ވިދާޅުވިއެވެ.
މި ދަރުސްގައި ސައްޔިދުނާ އިބްރާހީމް އަލައިހިއްސަލާމް ކުރެއްވި އެންމެ މާތް އެންމެ މަތިވެރި ދުޢާ ޝައިޚް ބަޔާކުރެއްވިއެވެ. އެ ދުޢާގެ މާނައިގައި ވަނީ: "އޭ ﷲ އެވެ. ބުދުތަކުން ތިމަން ކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ދަރިފަސްކޮޅު ރައްކާތެރިކުރައްވާނދޭވެ. އެއިން ދުރުކުރައްވާނދޭވެ. އެ ބުދުތަކަކީ އެތައް އިންސާނުންނެއް މަގުފުރައްދާފައިވާ އެއްޗެކެވެ. ތިމަން ކަލޭގެފާނުގެ މިއްލަތަށް ތަބަޢަވެއްޖެ މީހަކީ ތިމަން ކަލޭގެފާނުގެ މީހެކެވެ. އަދި ތިމަން ކަލޭގެފާނަށް ނުކިޔަމަންތެރިވެ، އިބަ ﷲ ގެ މަގުން އެއްކިބާވެ، ތައުހީދާ ދުރަށް ދިޔަ މީހަކު އިބަ ﷲ އާއި ޙަވާލެވެ. ފާފަ ފުއްސެއްވުމަށް އެންމެ ރަހީމްވަންތަ އިލާހަކީ އިބަ ﷲ އެވެ."
ޝަހީމް ވިދާޅުވީ ރާއްޖޭގައި ޣައިރު މުސްލިމުން ޓީޗަރުންނާއި ޑޮކުޓަރުން އުޅޭ ކަމަށާއި، އެމީހުންގެ އަމިއްލަ ގޭތެރޭގައި އެމީހުންގެ ދީނަށް އަޅުކަންކުރިކަމަށް ވިޔަސް، ފާޅުގައި އަޅުކަންކުރާތަކެތި ގެންގުޅުމަކީ މަނާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި ޣައިރު މުސްލިމުން އައިސް އެބައުޅޭ އަޅުގަނޑުމެންގެ ފުރިހަމަ އިޙްތިރާމާއި ޤަދަރު މިއޮތްހާ ޒަމާނުގައިވެސް އެމީހުންނަށްދީގެން މިއުޅުނީ ޓީޗަރުންނާއި ޑޮކުޓަރުންނާއި ހުރިހާ އެންމެން އެމީހުންގެ އަމިއްލަ ގޭތެރޭގައި އެމީހުންގެ ދީނުގެ އަޅުކަންތައްވެސް ކުރާނެ .އަޅުގަނޑުމެން އެކަންތައްތަކަކާ ނުބެހެން. އިސްލާމީ މުޖުތަމައުގައި އެމީހުން އަޅުކަންކުރަން ގެންގުޅޭތަކެތި ފާޅުގައި ގެންގުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް. ހުއްދަކުރާ ކަމެއްނޫން އެއީކީ. މާތް ﷲ އަށް ޝަރީކު ކުރުމަށް ގެންގުޅޭ ވަސީލަތްތައް އިސްލާމީ މުޖުތަމަޢުން ފެނިގެންނުވާނެ" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މުސްލިމުންގެ މައްޗަށް ވާޖިބްވެގެން ވަނީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ޣައިރު މުސްލިމުންނަށް ވެސް އިސްލާމްދީނުގައި އޮންނަ ރިވެތި އަޚްލާޤާއި މިކަންކަން ބަޔާންކޮށްދީ އިސްލާމްދީނަށް ގޮވާލާ އެމީހުންނަކީ ވެސް މުސްލިމުންކަމުގައި ހެދުން ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...