ދިއިސްލާމް "އުޟުޙިޔާގެ ނަމުގައި ފައިސާ ނެގުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއްނޫން" - ޝައިޚް ޙަސަން މޫސާ ފިކުރީ

"އުޟުޙިޔާގެ ނަމުގައި ފައިސާ ނެގުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއްނޫން" - ޝައިޚް ޙަސަން މޫސާ ފިކުރީ

"އުޟުޙިޔާގެ ނަމުގައި ފައިސާ ނެގުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއްނޫން" - ޝައިޚް ޙަސަން މޫސާ ފިކުރީ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް ޙަސަން މޫސާ ފިކުރީ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ – ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް

މީސްތަކުންގެ އަތުން ފައިސާ ނަގައިގެން، އޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް އުޟްހިޔާގެ ގޮތުގައި ބަކަރިއެއް ކަތިލުމަކީ ބައެއްގެ މުދާ އެއްކޮށްގެން ކެއުން ކަމަށާއި، އަޅުކަމަކަށްޓަކައި އޮޅުވާލައިގެން މަކަރާއި ހީލަތް ހަދައިގެން އެކަން ކުރުމަކީ ބޮޑު ފާފަ ލިބޭނެ ކަމެއް ކަމުގައި އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރ ޝައިޚް ފިކުރީ މިހެން ވިދާޅުވީ ރޭ ސަން އެފްއެމް އިން ފޮނުވި ޚާއްޞަ ޕްރޮގްރާމެއްގައި އުޟްހިޔާ ކަތިލުމަށްޓަކައި މީހުންގެ އަތުން ފައިސާ އެއްކުރުމާ ބެހޭގޮތުން ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝައިޚް ވިދާޅުވީ އުޟްހިޔާގައި ބައިވެރިވެވޭނަމަ ބައިވެރިވުން ހުއްދަވެގެން ވަނީ ގެރިއެއްގައި ނުވަތަ ޖަމަލެއްގައި ކަމަށާއި، ވަކިން އެކަކު ކަތިލާ ކަމުގައިވާނަމަ އޭނަގެ ފަރާތުން ހުއްދަވެގެން ވަނީ އަދި ޝަރުޢުގައި ކަނޑައެޅިފައި ވަނީ އެއް ބަކަރި ކަމަށެވެ. އަދި އެއް ބަކަރީގައި ބައިވެރިވެވޭނެ މީހުންނަކީ މީހެއްގެ އަމިއްލަ ޚަރާދާއި ބެލުމުގެ ދަށުގައިވާ އޭނަގެ ބެލެހެއްޓުމުގެ ދަށުގައިވާ އަނބިދަރިން ކަމަށެވެ.

"ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޒަމާނުގައި އުޟްހިޔާ ކަތިލެވޭ ގޮތާބެހޭ ގޮތުން އަޠާ ބުން ޔަސާރު ރަޟިޔަﷲ އަންހުގެ ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު ވިދާޅުވި: "ތިމަންނަ އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ އަންހުގެ އަރިހުގައި ސުވާލުކުރީމޭ، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޒަމާނުގައި އުޟްހިޔާ ކަތިލެވޭ ގޮތަކީ ކޮބައި ހެއްޔޭ؟" އެހިނދު ވިދާޅުވި "އެކަލޭގެފާނުގެ ޒަމާނުގައި މީހަކު އޭނައަށާއި، އޭނަގެ އަނބިދަރިންގެ ކިބައިން ކަތިލަނީ އެއް ބަކަރިއޭ. އަދި އޭގެއިން ކައި އެހެން މީހުންނަށް ކާންދީ ހަދައޭ." އޭގެ މާނައަކީ އޭނަގެ އަނބިދަރިންގެ މަތިން މީހަކު އޭނަގެ އަމިއްލަ ޚަރަދުގައި ކަތިލުމުން އެއެންމެންނަށް ވެސް އޭގެ ޘަވާބު ލިބިގެންދާނެއޭ.  އެނޫންގޮތަކަށް ބައިވެރިވާނަމަ މިސާލަކަށް ވަކި ދެޢާއިލާއެއް ކަމުގައި ވިޔަސް އަދި ވަކިވަކިން މީހުންގެ އަތުން ފައިސާ ނަގާ ކަމުގައި ވިޔަސް ކޮންމެ ފަރުދެއްގެ އަތުން އެއް ބަކަރީގެ ފައިސާ ނަގަން ޖެހޭނީ." މިކަމުގެ ދަލީލު ދައްކަވަމުން ޝައިޚް ފިކުރީ ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ރާއްޖޭގައި މިވަގުތު ބަކަރީގެ އަގު އުޅޭ ވަރުންނަމަ 1,000 ރުފިޔާ އަށް ވުރެ މަދުނުވާނެ ކަމަށާއި، ރާއްޖޭގައި އާއްމު އަގަކީ 3,000 ރުފިޔާ އާއި 4,000 ރުފިޔާއާ ދެމެދުގެ އަގެއް ކަމަށެވެ.

"އެހެންވެއްޖެ ނަމަ އެއް ބަކަރި އަށް މީހަކު ފައިސާ ދައްކަން ޖެހޭނެ 3,000 ރުފިޔާ ގާތްގަނޑަކަށް. އަދި ގެރިއެއް ނުވަތަ ޖަމަލެއްގައި ބައިވެރިވާ ނަމަވެސް އެހާވަރު އަރާނެ. އެއީ ބަކަރިއަކަށް ވުރެ ހަތް ގުނަ ބޮޑުވެގެންވޭ ޖަމަލެއްގެ އަގު ނުވަތަ ގެރިއެއްގެ އަގު ބާޒާރުގައި. އެހެންވީމާ އެއަށްވުރެ މަދުން ދެއްކޭނެ އެއްވެސް ޙާލަތެއް ނޯންނާނެ. ދެމީހަކު ވެގެން ބަކަރިއެއް ގަނެގެން އުޟްހިޔާގެ ގޮތުގައި ކަތިލުން އުޟްހިޔާގެ ގޮތުގައި ފުދިގެން ނުވޭ. ދެންމެ އިޝާރާތް ކުރި ތަންކޮޅު ފިޔަވައި. މީހަކު އޭނަގެ އަނބިދަރިންގެ ކިބައިން އޭނަ އަމިއްލަ އަށް ޚަރަދުކޮށްގެން ކާންދީ ބޯންދީ ފެނާއި ކަރަންޓާއި ތިބުމާ މިހުރިހާ ކަމެއް ބަލަހައްޓާ މީހާ ނުވަތަ ޢާއިލާގެ ބައްޕަ ނުވަތަ ފިރިމީހާ އަނބިދަރިންގެ ކިބައިން އެއް ބަކަރި ކަތިލުން ހުއްދަވެގެންވޭ. އެނޫން ގޮތަކަށް ބަކަރިއެއްގައި ބައިވެރިވުން ހުއްދަވެގެން ނުވޭ. ތިޔަ ވިދާޅުވި ގޮތަށް ބައެއް ބޭފުޅުން އަޅުގަނޑާ ސުވާލުކޮށްފައި އެބަހުރި މިހެން 200 ރުފިޔާ އިން ޖަމާކުރަމުން ގޮސް އެންމެން ވެގެން އެއް ބަކަރި ކަތިލުން ހުއްދަވާނެހޭ. އެއީ އެއްގޮތަކަށްވެސް ހުއްދަވާނެ ގޮތެއް ނޫން." ޝައިޚް ފިކުރީ ވިދާޅުވި އެވެ.

ޝައިޚް ފިކުރީ ވިދާޅުވީ އެގޮތަށް އެފައިސާ ޖަމާކުރާ ބޭފުޅުންނަށް މި ޚަރަދުކުރެވޭ ގޮތާއި އަދި މީގެ ސަބަބުން ކަތިލެވޭނީ ކޮން ބަކަރިއެއް ކަމާ، އެގަނެގެން އެކަތިލެވެނީ ކޮން އުސޫލަކުންކަން އެނގެން ޖެހޭ ކަމަށެވެ. އަދި އަމުދުން ރާއްޖެ އަކީ ގެރި ބަކަރި އުޅޭ ނުވަތަ ގެންގުޅޭ ތަނެއް ނޫން ކަމަށާއި، އެގެނައުމާއި، އެއްތަނުން އަނެއް ތަނަށް ޓްރާންސްޕޯޓްކުރުމުގެ ޚަރަދުތައް ބޮޑު ކަމަށެވެ. އެހެން ކަމުން ތިމާ އަށް އަޅުކަމެއްގެ ގޮތުގައި މިކުރެވޭ ޚަރަދުގައި ކަންތައްތައް ހިނގާ ނުހިނގާ ވާނުވާ ބަލައި ދެނެގަތުމަކީ އަމިއްލަ ފަރުދީ ޒިންމާ އެއް ކަމަށެވެ. އަދި މަޢުލޫމާތު ނޭނގޭ ބޭފުޅުން އެކަމާމެދު ސުވާލުކުރައްވާތީ އުފާކުރައްވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝައިޚް ފިކުރީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިކަން ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެން ދަނީ ޙަޤީޤަތުގައި އަލަށެވެ. އަދި ވިދާޅުވީ  ޝައިޚްގެ ނަސޭހަތަކީ އެގޮތަށް އެކަން ކުރައްވާ ބޭފުޅުން ވެސް އެސާފުކުރައްވާ އެއް ބަކަރީގެ ފުރިހަމަ އަގު ދެއްކެވުން ކަމަށާއި، އުޟްހިޔާގެ ޘަވާބު ލިބޭނީ އެއް ބަކަރީގެ އަގު ދައްކައިގެން ކަމަށެވެ.

"ބަކަރިކަތިލުމަށް ފައިސާ ޖަމާކުރެވޭ އިރުގައި ނޭނގިތިބެ ބަޔަކު އެކަން ކުރާ ކަމުގައި ވާނަމަ، އަޅުގަނޑު ދަންނަވާލާނީ މިއީ ބައެއްގެ އަޅުކަމެއް ކުރާ ކަމެކޭ. މިކަންކަން ނޭގިތިބެ އޭގެ ޙުކުމްތައް ދިރާސާނުކޮށް ނުކުރައްވާށޭ. ހަމައެއާއެކު އެނގިގެން ތިބެ މީސްތަކުންގެ އަތުން ފައިސާ ނަގަމުން، 200 ރުފިޔާއިން 200 ރުފިޔާއިން ނަގަމުން ގޮސް 3,000 ރުފިޔާ ހަމަކޮށްގެން އޭގައި 10 ވަރަކަށް މީހުން ލައްވާ އެއް ބަކަރި ކަތިލުވާނަމަ އެއީ ހަމަ ޙަރާމް ގޮތުގައި ބައެއްގެ މުދާ އެއްކޮށްގެން ކެއުން. ﷲ ޞުބްހާނަހޫވަތައާލާ ނިސާ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީކުރައްވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭ، ތިޔަބައިމީހުން މެދުގައި އެއްބަޔަކު އަނެއް ބައެއްގެ މުދާތައް ބާޠިލް ގޮތުގައި ނުކާށޭ" އޭގެ ތެރޭގައި މިފަދަ ހުރިހާ މުޢާމަލާތެއް ހިމެނިގެންދޭ. އަދި ޚާއްޞަކޮށް މީސްތަކުންގެ އަޅުކަމަކަށްޓަކައި އޮޅުވާލައިގެން މަކަރާ ހީލަތް ހަދައިގެން ކުރާކަމުގައި ވާނަމަ ބޮޑު ފާފަ ލިބޭނެ ކަމެއް އެއީ. ދެން ނޭނިގި ތިބެ ކުރާކަމުގައި ވާނަމަ، އެއްގޮތަކަށް ވެސް ބައެއްގެ އަޅުކަމުގެ ތެރެއަށް ނޭނގި ފުރިހަމަ އަށް މަޢުލޫމާތު ނުލިބި ތިބެ، މިފަދަ ކަމެއް ހިންގުމަކީ ހުއްދަވާނެ ކަމެއް ނޫން." ޝައިޚް ފިކުރީ ވިދާޅުވި އެވެ.

ޝައިޚް ފިކުރީގެ ވާހަކަ ކޮޅު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.