ދިއިސްލާމް ޔުނެސްކޯގެ ބައްދަލުވުމުގައި އިޒްރޭލު އަދި އެމެރިކާގެ ވަފުދެއްގެ ބޭފުޅަކު ރާއްޖޭގެ ވަފުދާ ބައްދަލެއްނުކުރޭ : ޑރ. ނަޒީރު

ޔުނެސްކޯގެ ބައްދަލުވުމުގައި އިޒްރޭލު އަދި އެމެރިކާގެ ވަފުދެއްގެ ބޭފުޅަކު ރާއްޖޭގެ ވަފުދާ ބައްދަލެއްނުކުރޭ : ޑރ. ނަޒީރު

ޔުނެސްކޯގެ ބައްދަލުވުމުގައި އިޒްރޭލު އަދި އެމެރިކާގެ ވަފުދެއްގެ ބޭފުޅަކު ރާއްޖޭގެ ވަފުދާ ބައްދަލެއްނުކުރޭ : ޑރ. ނަޒީރު

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ޔުނެސްކޯގެ ދާއިމީ މެމްބަރަކަށް ފަލަސްތީނު ހެދުމާމެދު އެ ޖަމްޢިއްޔާގެ 36 ވަނަ ކޮންފަރެންސުގައި ވޯޓުނަގައި ގޮތެއް ނިންމާފައިވާއިރު، އެ ކޮންފަރެންސުގެ ތެރޭގައި ފަލަސްތީނާ އެއްކޮޅަށް ވޯޓު ނުދިނުމަށް އެދި އިޒްރޭލު އަދި އެމެރިކާގެ ވަފުދުގެ އެއްވެސް ބޭފުޅަކު ރާއްޖޭގެ ވަފުދާ ބައްދަލުނުކުރާ ކަމަށް، އެތަނުގައި ރާއްޖެ ތަމްސީލުކުރެއްވި ބޭފުޅެއް ކަމަށްވާ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.

އދ. ގެ ތަޢުލީމާ ސައެންސާ އަދި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ، ޔުނެސްކޯގެ މި ކޮންފަރެންސަށް ރާއްޖެއިން ވަޑައިގެންނެވީ ނަޒީރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުޙައްމަދު އެވެ.

"ދިއިސްލާމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ނަޒީރު މިއަދު ވިދާޅުވީ ފަލަސްތީނާ ދެކޮޅަށް އެތަނުގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރި ޖަރުމަނާއި، ކެނެޑާގެ ވަފުދުން ރާއްޖޭގެ ވަފުދާ ވާހަކަދެއްކި ކަމަށެވެ. ކެނެޑާގެ ވަފުދުގެ އިސްބޭފުޅާ ރާއްޖޭގެ ވަފުދާ ބައްދަލުކޮށް، ކެނެޑާ ސަރުކާރުން އެދެނީ ރާއްޖެއިން ފަލަސްތީނާ އެއްކޮޅަށް ވޯޓު ނުދިނުމަށް ކަމަށާއި، އިޒްރޭލާއި، ފަލަސްތީނު އެތަނުގައި އޮންނަން ބޭނުންވާ ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު ކެނެޑާއިން ބޭނުންވަނީ ފަލަސްތީނު މައްސަލަ ވާހަކަދައްކައިގެން އަދި ޙައްލު ކުރުމަށް ކަމަށް އެބޭފުޅާ ވިދާޅުވި ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެންނެވިން ނެގޯޝިއޭޓް ފެއިލްވެއްޖޭ. ނެގޯޝިއޭޝަންސްތަކަށް ފުރުޞަތު ދެވިއްޖޭ. އިންޓަނޭޝަނަލް ޤާނޫނުތަކެއް ވެސް އެބަހުއްޓޭ ކަނޑައެޅިފައި. ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުން އެކުރަމުން އަންނަ މިނިވަންކަމުގެ މަސައްކަތަށް ތަޢީދުކުރާ ބެއެކޭ. ދިވެހި ސަރުކާރުވެސް، ދިވެހިރާއްޖެ އިން ޤަބޫލުކުރެއޭ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ލިބެންޖެހޭނެ ކަމަށް. ޔުނެސްކޯގެ މެމްބަރޝިޕަކީ މާކުރިންވެސް އެމީހުންނަށް ލިބިފައި އޮންނަން ޖެހޭނެ އެއްޗެއް ކަމަށޭ ދެކެނީ. އެހެންވީމާ އަޅުގަނޑުމެން މިއަށް ވޯޓު ލާނަމޭ. އަޅުގަނޑުމެން މި ޤަރާރަށް ސަޕޯޓް ކޮށްފީމޭ." ކެނެޑާގެ ބޭފުޅާ އަށް ރާއްޖޭގެ ވަފުދުން މިފަދައިން ޖަވާބު ދިން ކަމަށް ނަޒީރު ވިދާޅުވި އެވެ.

ނަޒީރު އަދި ވިދާޅުވީ އޭނަ އަރިހުގައި، ރާއްޖޭގެ ވަފުދުގެ ސްޓޭޓްމަންޓުގައި ވެސް ޤަރާރަށް ސަޕޯޓްކޮށްފައި ވާހަކަ ދައްކަން ނިންމާފައިވާ ކަމަށާއި، އެތަނުގެ ތެރޭގައިވެސް ހަރަކާތްތެރިކޮށް އެކަމަށް ކެމްޕޭނުކުރަމުންދާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ކެނެޑާގެ އެދުން ޤަބޫލެއް ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ދެންނެވުމުން ކެނެޑާގެ ބޭފުޅާ ވިދާޅުވެފައި ވަނީ "ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ ކަމަށާއި، "ރާއްޖޭގެ ނިންމުމަށް އިޙްތިރާމް ކުރާ ކަމަށް" ކަމުގައި ޑރ. ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ، ޔުނެސްކޯގެ ދާއިމީ މެމްބަރަކަށް ފަލަސްތީނު ހެދުމަށް އެ ޖަމްޢިއްޔާގެ އެގްޒެކެޓިވް ކައުންސިލަށް ހުށައަޅާފައިވާ ޤަރާރު ޖެނެރަލް އެސެމްބްލީ އަށް ފޮނުވުމަށް ކޯސްޕޮންސަރކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެއިން ބައިވެރިވި ކަމަށެވެ. ރާއްޖެއިން މިފަދައިން މަސައްކަތްކޮށްފައިވާ ކަމަށް ސަރުކާރުގެ ކަމާބެހޭ ބޭފުޅުން ވިދާޅުވި ނަމަވެސް، ދިވެހިރާއްޖެ ހިމެނިފައި ވަނީ މި ވޯޓަށް ޙާޟިރު ނުވާ ޤައުމުތަކުގެ ތެރޭގައެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، ޔުނެސްކޯގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުޙައްމަދު ވަޑައިގެންނެވި ނަމަވެސް ޔުނެސްކޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުގެ ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނީ މުހިންމު ކަމެއްގައި އެނބުރި މިދިޔަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ޖެހުމުންނެވެ.

ޑރ. ނަޒީރު "ހަވީރު" ނޫހަށް އިއްޔެ ވިދާޅުވެފައި ވަނީ ޔުނެސްކޯގެ ބައްދަލުވުމަށް ވަޑައިގެންނެވިއިރު ވެސް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޟިރުވާގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ. އެހެންކަމުން ޔުނެސްކޯގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފްރާންސަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއާ މަޝްވަރާކުރެއްވި ކަމަށާއި، އެކަމަކު ފަރަހަނާޒް ވެސް އޮސްޓްރޭލިއާގެ ޕާތުގައި ހުންނެވުމުން އެ ބައްދަލުވުމަށް ވަޑައިނުގެންނެވުނީ ކަމަށް ނަޒީރު ވިދާޅުވެފައި ވެއެވެ.

އަދި މިނިސްޓަރު ޝިފާ ރާއްޖެ ވަޑައިގަންނަވަން އޮތް ދުވަހަށް ޓިކެޓް ހަމަނުޖެހުމަކީ ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުނު ސަބަބެއް ކަމަށް ނަޒީރު ވިދާޅުވި އެވެ.

"ވޯޓު ނެގިއިރު އަޅުގަނޑުމެން ބައްދަލުވުމުގައި ވެސް ނެތިން. މިކޮޅަށް [ރާއްޖެ އަށް އައުމުގެ] ދަތުރުމަތީގައި ތިބީ. އެކަމަކު ފަލަސްތީނު ޔުނެސްކޯގެ މެމްބަރަކަށް ހެދުމަށް ތާއީދުކޮށް ކުރެވެން އޮތް މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިން" ނަޒީރު އެނޫހަށް ވިދާޅުވެފައި ވެއެވެ.

ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި އިދާރާގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 107 ޤައުމަކުން ފަލަސްޠީނަށް އެއްކޮޅަށް ތާއީދުކޮށް ވޯޓުދީފައިވާތީ، މިހާރު ފަލަސްތީނު ވަނީ އެ ޖަމްޢިއްޔާގެ ދާއިމީ މެމްބަރަކަށްވެފައެވެ.

މި ވޯޓަށް އެއްގޮތަކަށް ވެސް ޙާޟިރު ނުވެފައި ވަނީ 20 ޤައުމެއްގެ ސަރުކާރުންނެވެ. ޙާޟިރުވި ނަމަވެސް، 52 ޤައުމަކުން މިވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއެވެ. ފަލަސްތީނާ ދެކޮޅަށް ވޯޓުދީފައިވަނީ 14 ޤައުމަކުންނެވެ. އޭގެ ތެރޭގައި އިޒްރޭލް، އެމެރިކާ، ޖަރުމަން، ސްވިޑްން، އަދި ނެދަލޭންޑް ހިމެނެއެވެ.

ފަލަސްތީނާ އެއްކޮޅަށް ވޯޓު ދިނުމުގައި ބައިވެރި ނުވުމުން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަނީ މިކަން ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު 3 ޕާޓީއަކުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. މިވޯޓުގައި ބައިވެރިނުވީ ސަރުކާރުން ޒަޔަނިސްޓު ޚިޔާލުތަކަށް ތާއީދު ކުރާތީ ކަމަށް ޑީއާރުޕީން ބުނެފައިވާއިރު، ޕީޕީއެމް އިން ބުނީ އެފަދައިން ސަރުކާރުން ކަންތައްކުރީ އެކި ފަރާތްތަކުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. ޢަދާލަތުން ބުނިގޮތުގައި ވޯޓުގައި ރާއްޖެ ބައިވެރި ނުވުމަކީ  ސަރުކާރުން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ގޮވާލަން ޖެހޭވަރުގެ ކަމެކެވެ.

ދިވެހިން ތިބޭނީ ފަލަސްތީނާ އެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށް ދިވެހި ސަރުކާރުގެ ހާރިޖިއްޔާ އިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައި ވެއެވެ.

ވިކިލީކްސްގެ އިން މީގެ ކުރިން ލީކުކޮށްލާފައި ލިޔުމެއްގައި ބުނާ ގޮތުގައި، ސްރީލަންކާގައި ހުންނެވި ރާއްޖޭގެ ހައިކޮމިޝަނަރ އަލީ ޙުސައިން ދީދީ އާއެކު އެމެރިކާގެ އެމްބަސީގެ އޮފިޝަލުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، އިޒްރޭލާ ދެކޮޅަށް އދ. އިން ފާސްކުރަން އުޅުނު ޤަރާރަކަށް ރާއްޖެއިން ތާޢީދުނުކުރުމަށް އެމެރިކާ އިން އެދިފައި ވެއެވެ. އެލިޔުމުގައި ވާގޮތުގައި އަލީ ޙުސައިން ދީދީ ވިދާޅުވެފައި ވަނީ ޤަރާރަށް ވޯޓް ދިނުމާ މެދު ސަރުކާރުން ވަރަށް ފުންކޮށް ވިސްނަމުންގެންދާ ކަމަށެވެ.

އަދި މި ޤަރާރާމެދު ދިވެހިރާއްޖެ އިން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް، ވަކި ކޮޅަކަށް ވޯޓް ނުދިނުން، ނުވަތަ ވޯޓުގައި ބައިވެރިނުވުން ކުރެ އެއްގޮތަކަށް ޢަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖެއާ އިޒްރޭލާ ދެމެދު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން ފާހަގަކޮށް ޢަލީ ޙުސައިން ވިދާޅުވި ކަމަށް ވިކިލީކްސްގެ އެލިޔުމުގައި ވަނީ "ރަނގަޅު ގޮތެއް ވާނެ" ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.