
ނޫސްވެރިކަމުގެ ކޯސް ކުރިއަށް ގެންދިއުމަށް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް އަދި އެސްއެމްސީގެ ސީއީއޯ މުޙައްމަދު ޝަހީބު އެއްބަސްވުމުގައި ސޮއިކުރައްވަނީ
ޖަމްޢިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ (އެސްއެމްސީ) ގުޅިގެން ނޫސްވެރިކަމުގެ ކޯހެއް ހިންގުމަށް ހަމަޖައްސައިފި އެވެ.
މި ކޯސް ކުރިއަށް ގެންދިއުމަށް އެ ދެފަރާތުގެ ދެމެދުގައި އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސަލަފުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމެވެ. އަދި އެސްއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޗެއާމަން އަދި ސީއީއޯ މުޙައްމަދު ޝަހީބެވެ.
ސަލަފުން ބުނި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ 2 ން 15 ށް ހިންގާ "ބޭސިކް ޖާނަލިޒަމް ޓްރޭނިން ކޯސް"ގައި ކިޔަވައިދެއްވާނީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިއެއް ކަމަށްވާ މުޙައްމަދު ޝަހީބެވެ. ޝަހީބަކީ މިހާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސެވެ. އޭނާ ވަނީ މީގެ ކުރިން "ހަވީރު" ނޫހާއި "ސަން" މީޑިއާގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.
މި ކޯހުގައި ޝަހީބުގެ އިތުރުން، ތަޖުރިބާކާރު ގިނަ ފަރާތްތަކަކުން މިކޯހުގައި ތަޤުރީރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަލަފުން ބުންޏެވެ. އަދި ރާއްޖޭގައި މީޑިއާގެ ވަސީލަތްތައް ގިނަވެ، ނޫސްވެރިންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިފައިވާ މިދަނޑިވަޅުގައި، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ޚިޔާރުކުރާ ކުދިންނަށާއި ފަށައިގަންނަ ނޫސްވެރިންނަށް މުހިންމު ކޯހެއް ކަމުގައި ވާނެ ކަމަށް އެ ޖަމްޢިއްޔާ އިން ބުންޏެވެ.
މިކޯހުގެ ކޯޑިނޭޓަރ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވީ މިކޯހަކީ ދެ ޖިންސުގެ ބޭފުޅަންނަށްވެސް ހުޅުވާލެވިފައިވާ ކޯހެއް ކަމަށާއި، ކޯހުގެ ޖާގަ މަދުކަމާއެކުގައިވެސް ނޫސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެތެރޭގައި ތިއްބެވި ފިރިހެން ބޭފުޅުންނެކޭ އެއްފަދައިން އަންހެން ބޭފުޅުންނަށްވެސް މިކޯހުގައި ފުރުޞަތުދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މިކޯހުގައި، ނޫސްވެރިކަމުގެ އަސާސީ ހުނަރުތަކުގެ އިތުރުން، ލިޔުންތެރިކަމުގައި ނޫސްވެރިންގެ ދައުރާއި، ދިވެހި ނޫސްވެރިކަމަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ތަޖުރިބާކާރުން ތަޤްރީރުކުރައްވާނެ ކަމަށް ޝަހީބު ވިދާޅުވިއެވެ.
ސަލަފުން ބުނީ އެ ޖަމްޢިއްޔާ އާއި އެސްއެމްސީގެ ފަރާތުން މިކޯހުން ފާސްވާ ދަރިވަރުންނަށް ސެޓްފިކެޓް ދޭނެ ކަމަށެވެ. ދެހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް އަމާޒުކުރެވިފައި ވަނީ 40 މީހުންގެ ޖާގަ އަށެވެ. ކޯހުގައި ބައިވެރިވުމުގެ ފީއަކީ 2,500.00 ރުފިޔާ އެވެ. ކޯސް ކުރިއަށް ދާނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 ން 22:30 ށް ކަމަށް ސަލަފުން ބުންޏެވެ.
މި ކޯހާބެހޭ އިތުރު މައުލޫމާތު ހޯދުމަށް ނަމްބަރު 7411078 ފޯނާއި ގުޅުމަށް އެ ޖަމްޢިއްޔާ އިން އެދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...