ސުރުޚީގައިއެވަނީ އިޒްރޭލްގެޖަލެއްގައިވާ ފަލަސްޠީނުގެ ޒުވާނަކު އޭނާގެ ބައްޕައަށް ދެއްވި ޖަވާބެކެވެ. ކަންހިނގާދިޔަގޮތް ބައާންވެގެންވަނީ މިފަދައިންނެވެ. ފަލަސްތީނުގެ ވިލެޖެއްގައި އުޅުނު މުސްކުޅި ބައްޕަޔަކު، އިޒްރޭލްގެ ޖަލުގައި ހައްޔަރުކޮށްފައިވާ އޭނާގެ ހަމައެކަނި ހުންނަ ފިރިހެން ދަރިފުޅަށް ކުރުނޯޓެއް ފޮނުވިއެވެ. އެނޯޓްގައި ބައްޕަގެ ބޭނުން ފުއްދުމަށް މަސައްކަތެއް ކުރެވޭތޯ ބަލަންބޭނުންކަމާއި މިގޮތުން ހުސްކޮށްއޮތް އަމިއްލަ ދަނޑުގައި އަލުއި އިންދުމަށް ބޭނުންވާ ވާހަކަ ބަޔާންކޮށް އެކަންކުރާނެ ގޮތަކާމެދު މަޝްވަރާއަކަށްއެދިފައިވެއެވެ.
ބައްޕަގެ މުސްކުޅިކަމާއި ހަށިގަނޑުގެ ބަލިކަށިކަމުން އެދަނޑުގައި ފަސްގަޑުޖަހައި އަލުއި ހެއްދުމަށް ތައްޔާރު ނުކުރެވޭނެކަން ދަރިފުޅަން އެނގެއެވެ. މިހެންވެ ވިސްނާލުމަށްފަހު ކުރު ޖަވާބެއް ބައްޕައަށް ފޮނުވިއެވެ. "ﷲ ބައްޕަ ރައްކާތެރިކުރައްވާ ދަމަހަށްޓަވާށިވެ! އޭބައްޕާއޭ އެބިމުގައި ފަސްގަނޑު ނުޖަހާށެވެ! އަހަރެން އެތާނގައި ހަތިޔާރު ވަޅުލާފައިވާނެވެ."މިސިޓީ ލިބުނު ދުވަހުގެ ހަވީރު ނުވަނީސް އިޒްރޭލް ސިފައިންގެ ބަޔަކު އައިސް އެދަނޑު ކަށަވަރުކޮށްފައި ހަތިޔާރު ހޯދުމަށްޓަކައި ދަނޑުގައި އެއްކޮށް ފަސްގަޑުޖަހާފައި ހަތިޔާރު ނުފެނުމުން ހިނގަންޖެވެ. ދެން ސިޓީ ލިބުނު ވާހަކައާއި އަދި އެއަށްފަހު ކަންހިނގިގޮތް ދަރިފުޅަން އެންގުމުން ދަރިފުޅުގެ ޖަވާބުއައީ " ލޮބުވެތި ބައްޕާއެވެ. މިހާރު ބައްޕައަށް އަލުއި އިންދިދާނެވެ." ދަރިފުޅުގެ ހުޝިޔާެރުކަމާއި ތޫނުފިލިކަމުގެ ސަބަބުން ބައްޕައަށް ޖެހުނު ދަތިކަން ޖަލުގައި އޮވެގެން އަދި ދުޝްމިނުން ލައްވާ ކޮށްލީއެވެ.
ތޫނުފިލިކަމަކީ އަދި އުފެއްދުންތެރި ވިސްނުމަކީ ދިރިއުޅުމުގައި ވަރަށްގިނަ ފަސޭތައް ލިއްބައިދޭނެ މުހިންމު ސިފައަކަށްވެގެންދެއެވެ. ތޫނުފިލިކަމާއި އުފެއްދުންތެރި ވިސްނުމުގެ ސަބަބުން މުޖްތަމަޢުގައި އުފެދޭ އަރައިރުން މައިތިރިކޮށްލެވިދެއެވެ. ހަމައެހެންމެ ޝަރަފުވެރިކަމާއި މަތިވެރި މަޤާމު ތިމާއަށް ލިބި ތިމާގެ ނަންފަވާލެވިދެއެވެ.
ކީރިތި ރަސޫލާގެ ސީރަތުގައި އެކަލޭގެފާނާބެހޭގޮތުން އަންނަ ވާހަކައެކެވެ. އިބްރާހީމް ޢަލައިއްސަލާމް ގެފުޅު ބިނާކުރެއްވި ބިންގަލުގެ މައްޗަށް ގުރައިޝުވަންހައިގެ މީހުން އަލުންއެތަން ބިނާކުރަންޖެހި އެމީހުންގެ އަތުގައި ހުރި ޙަލާލުފައިސާއިން ކުރެވެން ހުރިވަރަށް ގެފުޅުގެ ޢިމާރާތް ފުރިހަމަކޮށްފިއެވެ. ދެންއޮތީ ޙަޖަރުލް އަސްވަދުބެހެއްޓުމެވެ. ހިނދު އެކަމުގެ ޝަރަފު ހޯދަން މައްކާގެ ކޮންމެ ޤަބީލާއެއްގެ ރައީސަކުބޭނުންވިއެވެ. ނަމަވެސް އޮތީ އެންމެ ހިލައެކެވެ. ދިހަވަރަކަށް ޤަބީލާގެ ދިހަ ރައީސުންނަށް މިކަމުގެ ޝަރަފްދޭނޭ ގޮތަކާއި މެދު އަރައިރުންބޮޑުވެ 3 ދުވަސް ނުވަތަ 4 ދުވަސް މިކަމުގައި ފާއިތުވެދިޔައެވެ. އެންމެ ފަހުން ޤަބީލާތަކުގެ މެދުގައި ލޭއޮހުރުވަނިވި ހަނގުރާމައެއް ފެށުމަށް ކައިރިވެފައިވަނިކޮށް އެމީހުންގެ ތެރޭގައިހުރި އެންމެ ދުވަސްވީ މީހާ އަބޫއުމައްޔާބުން އަލްމުޣީރާ ގޮތެއްހުށަހެޅިއެވެ. އޭނާ ބުންޏެވެ. މި މައްސަލައިގައި ދެން ގޮތްކަނޑައަޅާނީ އެންމެ ފުރަތަމަ މިސްކިތުގެ ދޮރުންވަދެގެން އެބައިމީހުންގެގާތަށް އަންނަމީހެކެވެ. އެންމެންވެސް އެފަރާތުގެ ނިންމުމަށް ރުހޭންވާނެވެ. މި ހުށަހެޅުމާ ހުރިހާ ޤަބީލާތައްވެސް ފިކުރާވެއްޖެވެ.
ﷲގެ ރަޙުމަތުން އެތަނަށް އެންމެ ފުރަތަމަ ވަޑައިގަނެވުނީ މުޙައްމަދުބްނުޢަބްދިﷲއަށެވެ. އެކަލޭގެފާނު ފެނުމާއެކު މީސްތަކުން ގޮވާލިއެވެ. މިއީ މުޙަންމަދުގެފާނެ އަމާންނެތެރިޔާއެވެ. އަހަރެމެން ރުހިއްޖައީމެވެ. ރުހިއްޖައީމެވެ. މައްސަލައެކަލޭގެފާނަށް އެނގި ވަޑައިގެންނެވުމުން ކަންކުރެއްވި ޙިކްމަތްތެރިގޮތް ދަންނައެވެ. އިތުރުއެކަލޭގެފާނުގެ ފޮށާކޮޅު ނައްގަބިމުގައި ފަތުރައިލައްވައި އެކަލޭގެފާނުގެ އަތްޕުން ޙަޖަރުލްއަސްވަދު ނަންގަވައި ފޮށާމަތީ ބޭއްވެވިއެވެ. އެއަށްފަހު ޤަބީލާތަކުގެ ވެރީން އެފޮށާގައި ހިފައިގެން ގެންދިޔުމަށް އެންގެވިއެވެ. ޙަޖަރުލް އަސްވަދު ބަހަށްޓަންވީ ތަނާ ހަމަވުމުން އިތުރުއެކަލޭގެފާނުގެ އަތްޕުން އެ ހިލަކޮޅުނަންގަވައި އެ ހުންނަންވި ތަނުގައި ބެހެއްޓެވިއެވެ. ޤަބީލާތަކުގެ އަރައިރުން ނިމުނީއެވެ. ޙަޖަރުލް އަސްވަދު ބެހެއްޓުމުގެ ޝަރަފް މުޙައްމަދުގެފާނަށް ލިބުނީއެވެ.
މިއަދު އިސްލާމީ ދައުލަތްތަކުގައި ޢާއްމުވެފައިވާ މަންޒަރަކީ ހިތާމަކުރުން ޙައްޤު މަންޒަރެކެވެ. އެއީ ރަށްވެހިކަމާއި ޙަޟާރަތާއި ގުޅިފައިވާ ކަންކަމުގައި ވިސްނުން ދޫކޮށްލައި އެހެން މީހުންގެނެސްގެން ކަންކުރަން އުޅުމެވެ. އެހެންގޮތަކަށް ބުނާނަމަ މުޖްތަމަޢުގައި ހުރި އިސްލާޙުކުރަންޖެހޭ ކަންތައް، މައްސަލަތައް ޙައްލުކުރުމަށްޓަކައި އެކަމަށް ތިމާމެން ވިސްނުމުގެ ބަދަލުގައި ބޭރުން ކޮންސަލްޓެންޓުން ގެނައުމެވެ. ދާޚިލީ މައްސަލަތައް އުފެދުނު ގޮތާއި އެކަމަށް ފަހިވި ސަބަބުތައް އެނގޭނީ އެތަނެއްގެ މީހުންނަށެވެ. އަވަށުގެ މީދާ އަވަށަށް ގަދަވާންޖެހޭނެވެ. ޙަޤީޤަތަކީމިއެވެ. އެބައެއްގެ މުޖްތމަޢުގައި ހުރި ބަލިފައިތަކާއި އޭގެ ސަބަބުތަކަކީ ކޮބައިކަމާއެއްމެބޮޑަށް އެނގޭނީ ހަމަ އެތަނެއްގެ އަހުލުވެރިންނަށެވެ. ވީމާ މައްސަލަ ޙައްލުކުރަން ފަސޭހަވާނީ ހަމައެތަނެއްގެ މީހުން އެއްވެ ވިސްނައިގެން އެކަމެއް އުފެދުމަށް މެދުވެރިވި ސަބަބުތައް ނައްތާލައިގެންނެވެ.
ކިތަންމެމޮޅަށް މަސްވެރިކަން ކިޔަވައިފައިވާ ޖަޕާނުގެ މައްސަވެރި ޢާލިމަކު، ދޮށީގެ މަސްވެރިކަން ތަރައްޤީކުރަން ރާއްޖެގެނައިކަމުގައިވިޔަސް ދިވެހިންނަށް ވާނެފައިދާއެއް ނޯންނާނެވެ. އޭގެބަދަލުގައި އެމީހަކަށް ރާއްޖޭގެ މަސްކަނޑުތަކާއި އެންމެ ބޮޑަށް ދިވެހިން ނޫޅޭ ޙިސާބާދަނޑިވަޅު ދަސްވެ ދިވެހި ކަނޑުގެ ފައިދާ ލިބިގަނެވިދާނެ މޮޅުވިސްނުމާއިގެން އެނބުރި ޤައުމަށް އޭނާ ދާނީ އެޤައުމުގެ އަޅެއްގެ ގޮތުގައެވެ. ދެންކަންތައްވާނީ މިހާރު ދިވެހި ކަނޑުތަކުގައި ބޭރުމީހުން ކަންކުރާގޮތީ އަޑުތަށް އިވެމުންދާގޮތަށެވެ.
މީހުންކުޅޭ ކުޅިވަރެކެވެ. ދިހަވަރަކަށް މީހުން އެކަކު އަނެކެއްގެ އަތުގައި ހިފައި ކޮންމެ މީހަކުވެސް އަނެކާގެ ދެއަތުގައި ހިފައި ގަތާލެވިފައިވާ ޗޭނޭހެއް ވަރަށްބޮޑަށް އޮޅުން ބޮޅުން ހުންނަގޮތަށް ހުރިހާ މީހުންގެ އަތްތައް ގުޅުވާލުމަށްފަހު ބޭރުން އެއްވެސް މީހަކު ޗޭނުން ވަކިނުވެ އެ އޮޅުން ފިލުވައި މައްސަލަޙައްލުކުރަން ބޭރުންމީހަކު ގެނައެވެ. އޭނާ އެކަމުގައި އުޅެ ވަރުބަލިވީއިރުވެސް އެކަމުގެ ޙައްލެއްނައެވެ. ވަގުތާއި އޭނާއަށް ދިޔަޚަރަދު ބޭކާރު އެއްޗަކަށް ވިއެވެ. ދެން އެ މައްސަލައިގެ އަސްލުމީހުން ޙައްލުކުރަން އުޅުމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޙައްލުވެގެންދިޔައެވެ. އެންމެންގެ އަތްތައް ގުޅިފައިހުރމާއެކު އޮޅުންތައްފިލައި މައްސަލަ ޙައްލުވެގެންދިޔައެވެ.
ވީއިރު އަމިއްލަ ކަންތައް ޙައްލުކުރުމަށް ބޭރުން މީހުންގެނައުމުގެ ބަދަލުގައި އެންމެން އެކަތިގަނޑަކަށްވެ އެއްބައެއްގެ ގޮތުގައި މުޖްތަމަޢުގެ މައްސަލަތަކާމެދު ވިސްނާފިކުރުކޮށް ޙައްލުކުރަން ފުރަތަމަ އުޅުން މިއީ ވިސްނާލަންޖެހޭކަމެއް ނޫންބާވައެވެ؟
[1] Alresalah.et
[1] ރަވްޟަތުލްއަންވާރު ފީސަތިއްނަބިއްޔިލް މުޚްތާރް ، ޞަފިއްޔުއްރަޙްމާން އަލްމުބާރިކްޕޫރީ
ކޮމެންޓް (0)
ލޯޑް ކުރަމުން...