އަންނަ މަހުން ފެށިގެން، އިސްލާމީ މަރުކަޒު ފިޔަވާ މާލޭގައި ހުރި އެހެން މިސްކިތްތައް ބެލެހެއްޓުމާއި މާލޭ ސިޓީ ކައުންސިލުން ހަވާލުވާގޮތަށް ހަމަޖައްސައިފިއެވެ.
ލާމަރިކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން، މާލޭގައި ހުރި މިސްކިތްތަކާއި ސަހަރާތައް ބެލެހެއްޓުމާއި ހަވާލުވުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމުގައި މާލޭ ސީޓީ ކައުންސިލްގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވެފައިވެއެވެ. އޭނާ އިތުރަށް ފާހަގަކުރައްވާފައިވާގޮތުގައި، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ކުރަމުން އައި މަސައްކަތްތައް ހިމެނޭގޮތަށް އޮނިގަނޑެެއް ވެސް ވަނީ އެކުލަވާލެވިފައެވެ. އަދި ކައުންސިލްގެ ދަށަށް އިސްލާމީ މަރުކަޒު ބަދަލްކުރުމަށް އަދި ހަމަޖެހިފައި ނުވި ނަމަވެސް، ޤާނޫނުގެ ދަށުން އެމަރުކަޒު ވެސް ކައުންސިލުގެ ބެލެހެއްޓުމުގެ ދަށަށް ގެނައިމާއި މެދު މެމްބަރުންގެ މެދުގައި މަޝްވަރާކުރެވެމުން އަންނަ ކަމުގައި ޙަސަން ވިދާޅުވިއެވެ.
ވިލިމާލެ އާއި ހުޅުމާލޭގެ ސަހަރާތަކާއި މިސްކިތްތަކުގެ އިތުރުން، މިސްކިތްތަކުގެ މުދިމުންނާއި އެހެނިހެން މުއްޒަފުން ވެސް ބަލަހައްޓާނީ މިކައުންސިލުންކަމުގައިވަނީ ހަމަޖެހިފައެވެ. ސަހަރާތަކުގެ އެތެރޭގައި ހިނގާ ނޭދެވޭ ޢަމަލްތައް ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން، ދާދިފަހުން ވަނީ މާފަންނު ސަހަރާގެ މަގުފާރުތަޅާލާފައެވެ. ސަހަރާތަކުގެ މަގުފާރުތައް ތިރިކުރުމަށްފަހު އެތަންތަނުގައި ފެންސް ޖަހާ އިޝްތިހާރު ހަރުކުރުމަށްޓަކައި ބިޑަށްލުމާއި މެދު މާލޭ ސިޓީ ކައުންސިލުން އަންނަނީ މަޝްވަރާކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...