އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް (އައިއެފްއެމް) އިން ޓީވީ ޗެނަލެއް ހިންގުމަށް ތައްޔާރުވާން ފަށައިފިއެވެ.
އެޖަމްޢިއްޔާގެ ރައީސް އިބްރާހީމް ފައުޒީ ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި އެޖަމްޢިއްޔާ އިން ޓީވީ ޗެނަލެއް ހިންގުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް މިމަހު 19 ވަނަ ދުވަހު ވަނީ ހުށަހަޅާފައެވެ.
އެމްބީސީ އަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އައިއެފްއެމް އިން ޓީވީ ޗެނަލެއް ހިންގުމަށް ޤަސްދުކޮށް އެކަމަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކޮށްގެން ސްޓޫޑިއޯ އާއި އޮފީސް އިމާރާތެއް ނިންމާ ގިނަ ސާމާނުވެސް ހޯދާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ފިތުނަ ފަސާދަ އާއި ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން ނައްތާލައި ސުލްޙަމަސަލަސް މުޖްތަމަޢެއް ބިނާކޮށް އެކުވެރި އުފާވެރި ދިރިއުޅުމެއް ހޯދާދިނުމަށްޓަކައި މިފަދަ ޗެނަލެއްގެ މުޙިންމުކަން ވަރަށް ބޮޑު ކަމަށް އެޖަމްޢިއްޔާއިން ދެކޭ ކަމަށެވެ.
އެސިޓީގައި އިތުރަށް ބުނެފައިވަނީ މިޗެނަލަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހަކަމާއެކު ބަލާލެވޭ އިސްލާމްދީން ހުއްދަކުރާ އުޞޫލްތަކާއި މިންގަނޑުގެ ތެރޭގައި މުނިފޫހިފިލުވުމާއި، ދީނީ، އިޖްތިމާޢީ، އަޚްލާޤީ ކަންކަމުގެ އިތުރުން ޖުމްލަކޮށް ހުރިހާ ކަމެއްވެސް އެކުލެވޭނެހެން ގެނެސްދެވޭނެ ޗެނަލެއް ކަމަށެވެ. އަދި މިއީ އެއްވެސް މީހެއްގެ އަބުރާ ބެހި ޒާތީ ކަންކަމާ ބެހޭނެ ޗެނަލެއް ނޫންކަމަށް ބުނެފައިވެއެވެ.
އައިއެފްއެމްގެ މިހުށަހެޅުމަށް އެމްބީސީ އިން މިމަހު 20 ވަނަ ދުވަހު ދެއްވާފައިވާ ޖަވާބުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ފްރީކކުއެންސީ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި ފްރީކުއެންސީ ދޫކުރުމުގެ ޤަވާއިދު އިޞްލާޙްކުރަން ފަށާފައިވާ ކަމަށާއި ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމަށް 2007 މާޗްގައި ހަދާފައިވާ އެގްރީމަންޓް މުރާޖަޢާކޮށް ޤަވާއިދު އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިޤަވާއިދުތައް ހަދާ ނިމުމުން ޢާއްމުކޮށް ފުރުޞަތު ހުޅުވާލާނެ ކަމަށާއި، އެފުރުޞަތު ހުޅުވާލުމުން ކުރިމަތިލުމަށެވެ.
"އިސްލާމިކް ފައުންޑޭޝަނުން ދީނީ ޗެނަލެއް ހެދުމުގެ ހުއްދަ އަށް އެދެފި" މިސުރުޚީގައި "ހަވީރު" ނޫހުގައި އިއްޔެ ޖަހާފައިވާ ޚަބަރާއި ބެހޭ ގޮތުން ސުވާލުކުރުމުން ފައުޒީ ވިދާޅުވީ އެޚަބަރު ޝާއިޢުކޮށްފައި ވަނީ މުޅިން ރަނގަޅަކަށް ނޫން ކަމަށާއި އެޖަމްޢިއްޔާއިން ހުއްދަ އަށް އެދުނުއިރު އެއީ ދީނީ ޗެނަލެއް ކަމަށް ބަޔާންކޮށްފައި ނުވާނެ ކަމަށާއި، ހުއްދައަށް އެދުނީ ޓީވީ ޗެނަލަކަށް ކަމަށެވެ. އެމްބީސީގެ އިސްވެރިންނާއި ބައްދަލުކުރިއިރުވެސް ވިދާޅުވެފައިވާނީ އިސްލާމްދީނުގެ މިންގަނޑުގެ ތެރޭގައި ޓީވީ ޗެނަލެއް ހަދަން ބޭނުންވާ ކަމަށެވެ. އަދި އެޚަބަރު "ހަވީރު"ން އެގޮތަށް ފަތުރާފައިވަނީ މީޑިއާއިން އެކަންތައްތައް ބޮޑު ކޮށްލުމަށް ކަމަށެވެ. އައިއެފްއެމް އިން ހިންގުމަށް ރާވާފައިވާ ޗެނަލުން އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
އެމްބީސީގެ ނައިބް ރައީސް މުޙައްމަދު ޝަހީބް އާއި ޙަވާލާދީ "ހަވީރު" ނޫހުގައި ބުނެފައި ވަނީ އިސްލާމިކް ފައުންޑޭޝަނުން ދީނީ ޗެނަލެއް ހެދުމަށް ހުއްދަ އަށް އެދިފައިވާ ކަމަށާއި، ދީނީ ޗެނަލެއް ހަދަން ހުއްދަ ދޭއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އުޞޫލެއްގެ ގޮތުން މިހާރު ލައިސަންސް ދޫކުރަނީ ހުރިހާ އެއްޗެއް ދެއްކުމަށް ކަމަށާއި، ދީނީ ޗެނަލެއް ހަދާއިރު ލައިސެންސް ދޫކުރެވެނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ.
ރާއްޖޭގައި މިހާރު 5 ޓީވީ ޗެނަލެއް ހިންގަމުންދެއެވެ. އެއީ އެމްއެންބީސީ ވަން، ވީޓީވީ، ދިޓީވީ، ރާއްޖެ ޓީވީ އަދި ޔޫތް ޓީވީ އެވެ. މިޗެނަލްތަކުން އިސްލާމީ ޝަރީޢަތާއި ޚިލާފް ކަންތައްތައް މުޖްތަމަޢުގައި ފަތުރަމުންދާތީ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ކެނޑިނޭޅި އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...