ސީއެޗްއެސްއީގެ އިސްލާމިކް ފޯރަމްގެ ފަރާތުން ސްކޫލުގެ މެނޭޖްމެންޓާ ގުޅިގެން ސީއެޗްއެސްއީގެ ހޯލުގައި އިއްޔެ ދަރުސެއް ބާއްވައިފިއެވެ.
މި ޙާއްސަ ދަރުސް ދެއްވީ އައްޝައިޚް އަބްދުލް އަޒީޒްއެވެ. އަދި މި ދަރުހުގައި އުސްތާޛް އަބްދުލް ސަލާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދަރުހެގެ މައުޟޫއަކީ " ރޯދަ މަހަށް ތައްޔާރުވުން" މިއެވެ. މީގެ އިތުރުން މި ދަރުހުގައި ސުވާލާއި ޖަވާބު ސެޝަނެއްވަނީ ކުރިއަށް ގެންގޮސްއައެވެ. ސުވާލުތަކަށް ޖަވާބު ދެއްވީ ޝައިޚް އަޒީޒް އާއި އުސްތާޛް އަބްދުލް ސަލާމެވެ.
ޝައިޚް އަބްދުލް އަޒީޒް ވަނީ މި ބަރަކާތްތެރި މައްސަރުގައި ހެޔޮކަން ކުރުމަށް އަވަސްވެގަތުމަށް ގޮވާލައްވައިފައެވެ." އޭ ހެޔޮކަންތަކަށް އެދޭމީހާއޭ.އަންނާށޭ ލިބިގަންނާށޭ. އައިސް ލިބިގަންނާށޭ، ހޯދާށޭ.ހިތް އަލިކުރަން އެދޭ މީހާ އަންނާށޭ.މުއްސަނދިވާން އެދޭ މީހާ އަންނާށޭ.ރަނގަޅު އަންހެން ކުދިން ފިރިހެން ކުދިން ހޯދަން ބޭނުންވާ މީހާ އަންނާށޭ. ތިމާ މޮޅު މީހަކަށް ވޭތޯ ދުޢާ ކުރަން އެދޭ މީހާ އަންނާށޭ.ތިމާ ސުވަރުގެ ވަންނަން ބޭނުންވާ މީހާ އަންނާށޭ." މި ރަމަޟާން މަހު ހެޔޮކަމަށް އެދި އަންނަ މީހާއަށް ﷲގެ ރަހުމަތުން ލިބޭނެ ދަރުމަ ބަޔާން ކުރައްވަމުން ޝެއިޚް ވިދާޅުވިއެވެ.
މީގެއިތުރުން ގިނަ ގިނައިން ﷲ އަށް ދުޢާއަށް ކުރުމަށް ޝެއިޚް ގޮވާލެއްވިއެވެ. "ހެއްދެވި ފަރާތުން މި އަންގަވަނީ ދެއްވާނަމޭ އަންނާށޭ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރާށޭ .އަންނާށޭ ތެދުވެގެން.އައިސް ތިމަން ﷲއަށް ދަންނަވާށޭ .ކާކުހޭ ފާފަފުއްސެވުމަށް އެދި ދަންނަވާނީ ތިމަން ރަސްކަލާނގެ ފާފަފުއްސަވާ ހުށީމެ." މި ބަރަކާތްތެރި ރަމަޟާންމަހު ގިނަ ގިނައިން ފާފަ ފުއްސެވުމަށް އެދި ދެންނެވުމުގެ މުހިއްމުކަން ބަޔާންކުރައްވަމުން ޝެއިޚް ވިދާޅުވިއެވެ.
" ރޯދަ ހިފާށޭ. ކަލޭމެންނަށް އޭގެ އަޖުރު ތިމަން ﷲ އޭ ދެއްވާނީ. ތިމަން ﷲ ދެއްވާ އެއްޗެއް.މިންގަނޑެއް ނޭނގެ.ދެން ﷲ ސުބުޙާނަހޫ ވަޠައާލާ ސުވަރުގޭގައި ދޮރެއް ޙާއްޞަ ކުރެއްވި" ރޯދަ ވެރިޔާއަށް ލިބޭ ދަރުމައިގެ ވާހަކަ ކިޔައިދެއްވަމުން ޝެއިޚް ވިދާޅުވިއެވެ.
"ރޯދަ މަހަކީ ހޭދަ ކުރުމުގެ މައްސަރު. ކުދިންނޭ! ޖީބުގައި އެއް ރުފިޔާ އޮތިއްޔާ ބައި ރުފިޔާއެއް ހެން ކުއްޖަކަށް ދެވޭތޯ ބަލާ. ނަރަކައިން ސަލާމަތް ވުމަށްޓަކައި" މި މަހުގައި ގިނަ ގިނައިން ﷲގެ މަގުގައި ހޭދަ ކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވާ ޝެއިޚް ވިދާޅުވިއެވެ.
މީގެ އިތުރުން ރޯދަ ވެރިޔަކަށް ރޯދަ ވިއްލުމަށް ދޭ މީހާއަށް ލިބޭ ހެވާ ޘަވާބުގެ ވާހަކަ ޝެއިޚް ބަޔާންކޮށްދެއްވިއެވެ. އަދި ޤުރުއާނާއި ހަދީޘްގެ އަލީގައި ރަމަޟާން މަހާ ބެހޭ ގިނަ ގުނަ ވާހަކަތައް ބަޔާންކޮށްދެއްވިއެވެ.
މި ދަރުހުގައި ސީއެޗްއެސްއީގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...