ބައެއް ދިވެހިން ޝާފިޢީ މަޛްހަބަށް އުޅެމުންދާ ކަމަށް ކުރާ ދަޢުވާ އަކީ ދޮގު ދަޢުވާއެއް ކަމުގައި ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެރޭ މަސްޖިދު އިބްރާހީމްގައި "ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަށް ތަބަޢަވުން" މިމައުޟޫއަށް ދެއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝައިޚްގެ ދަރުސްގައި ވަކި މަޛްހަބަކަށް ތަޢައްސުބު ވުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމާއި، އެއީ ނުރައްކާތެރި އަދި ބިރުވެރިކަމެއް ކަން ބަޔާންކޮށްދެއްވިއެވެ. އަދި އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. މަޛްހަބްތަކުގެ އިމާމުން ވެސް މަސައްކަތްކުރެއްވީ ސުންނަތާއި އެއްގޮތަށް މީސްތަކުންނަށް ކަންތައްތައް އޮޅުން ފިލުވާދެއްވުމަށް ކަން ކިޔައިދެއްވިއެވެ.
ޝާފިޢީގެފާނު ވިދާޅުވެފައިވަނީ އެކަލޭގެފާނު ދިރިހުންނެވި އިރުގައިވެސް އަދި އަވަހާރަވުމަށްފަހުގަވެސް އެކަލޭގެފާނުގެ ބަސްފުޅަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތާ އެއްގޮތަށްވާ ބަސްފުޅު ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އަދި މީހަކަށް ރަސޫލާގެ ސުންނަތް ފާޅުވުމަށްފަހު، ދެން މިވެނި މީހަކު ބުންޏޭ ބުންޏޭ ކިޔާފައި ރަސޫލާގެ ސުންނަތް ދޫކޮށްލުން އޭނަ އަށް ހުއްދަވެގެން ނުވާކަން ހުރިހާ މުސްލިމުންވެސް އެއްބަސްވެ އިއްތިފާޤްވެފައިވާ ކަމަށް ޝާފިޢީގެފާނު ވިދާޅުވެފައިވާކަން ޝައިޚް ކިޔައިދެއްވިއެވެ.
ޝައިޚް ވިދާޅުވީ ބައެއް ދިވެހިން އަމިއްލަ ގޮތްތަކެއް ހަދައިގެން އެގޮތަށް ތަބާވެގެން ތިބެ ތިމަންނަމެން މިއުޅެނީ ޝާފިޢީ މަޛްހަބަށް ކަމަށް ދަޢުވާ ކުރަމުންދާ ކަމަށެވެ. އެފަދަ ދިވެހިން ބުނަމުންދަނީ ޝާފިޢީ މަޛްހަބަށް އުޅުނީމަ އިސްލާމްދީނަށް އުޅެވުނީ ކަމަށާއި އަދި ސުންނަތަށްވެސް ތަބާވެވުނީ ކަމަށެވެ. އެބައިމީހުން ޝާފިޢީ މަޛްހަބްގައި އޮތީ ޙައްޤު ގޮތް ކަމަށްބުނެ އެމީހުން އުޅެނީ ޙައްޤު ގޮތަށް ކަމަށް ދަޢުވާ ކުރަމުންދާ ކަމަށެވެ. އެކަމަކު އެފަދަ މީހުން ތަބާވަނީ ސުންނަތުން ޘާބިތުނުވާ ކަންތައްތައް ކަމަށާއި، ހަދީޘްފުޅުތައް އަޑުއިވޭއިރުވެސް އެގޮތަކަށް ތަބާނުވެ، އުޅެމުން ދަނީ ހަދީޘްފުޅުތަކާ މުޅިން ޚިލާފަށް ކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ އެފަދަ މީހުން ނަމާދުކުރާއިރުވެސް ޢަމަލުކުރަމުންދަނީ ޝާފިޢީ މަޛްހަބްގައި އޮތްގޮތަކަށް ވެސް ނޫން ކަމަށާއި ހަމައެކަނި އެމަޛްހަބަށް ނިޞްބަތްކުރަނީ ކަމަށެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް މުސްލިމް ފިރިހެނުންނަށް ތުނބުޅިތައް ދިގުކުރުމަށް އަމަރުކުރައްވާފައިވާއިރު، ތުނބުޅި ބާލައިގެން ތިބޭ މީހުން ތިމަންނަމެން މިތިބީ ޝާފިޢީ މަޛްހަބަށޭ ބުނަމުންދާ ކަމަށާއި، ބިދުޢަތައް ހަދާ މީހުން ވެސް ތިމަންނަމެން މިތިބީ ޝާފިޢީ މަޛްހަބަށޭ ބުނަމުންދާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
"ހަމަހިލާ އެހެނެއް ނޫން. ތުނބުޅީގެ މައްސަލާގައި ޖޯޖް ބުޝްގެ މަޛްހަބަށް. ރާބުއިން، ނޫނީ މަސްތުވާތަކެތީގެ މައްސަލާގައި އަބޫޖަހުލުގެ މަޛްހަބަށް. މީ ދިވެހިންގެ ޙާލަތު. ޒަކާތް ނުނެރުމުގެ މައްސަލާގައި ޤާރޫންގެ މަޛްހަބަށް. އަންހެނުން އޮރިޔާންކުރުމުގެ މައްސަލާގައި ކޮންމެވެސް އެހެން ކާފަރު ފަރަންޖީއެއްގެ މަޛްހަބަށް. ޞުބްހާނަﷲ. ހުރިހާ ކަމަކަށް ބައްލަވާ. ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ގޮތްކޮޅު ބާއްވާފަ އެކަލޭގެފާނުގެ ގޮތްކޮޅަށް ތަބާނުވެ ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް ތަބާވެ ތިބެގެން މިބުނަނީ ތިމަންނަމެން މިއުޅެނީ ޝާފިޢީ މަޛްހަބަށޭ." ބައެއް ދިވެހިންގެ ޙާލަތާމެދު ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އެފަދަ މީހުން ދީނީ އަދި ދުނިޔަވީ ހުރިހާ ކަމެއްގައިވެސް ހުރިހާ ނުބައެއްގައި ޝާމިލްވަމުންދާ ކަމަށާއި، އެހުރިހާ ނުބައެއް ޝާފިޢީގެ ފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާ ކަމަށެވެ.
"އަދި ކޮބައިތޯ، މިކަހަލަ މީހުން ސުންނަތަށް އުޅޭ މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން ކިޔަނީ "ތީ ރޯނު އެދުރުންނޭ". އަޅުގަނޑާ ދިމާވި އައްޑު އަތޮޅުގެ ބަޔަކު ކިޔަނީ "ތީ ފުޅަ ކާ ދަންނަ ބޭކަލުންނޭ، ތިމަންނަމެންގެ ދަންނަ ބޭކަލުން ތިބީ ފައްތުކިތާބުން ކިޔަވައިގެންނޭ". އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުމެންގެ އިސްލާމީ އުންމަތުގައި މަޝްހޫރު ފޮތެއްވެސް ނޫން. އަޅުގަނޑުމެންނަށް އެނގެނީ ޞަހީޙް ބުހާރީ އާއި ޞަހީޙް މުސްލިމް އާ މިފޮތްތައް" ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އެބައިމީހުން އެފަދަ ވާހަކަދައްކަނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށާއި ސުންނަތަށް ނޫޅެން ނުވަތަ ސުންނަތް ޤަބޫލުނުކުރަން ވެގެން ކަމަށެވެ. އަދި ކާފަރެއް ފެނުނީމަ ވަރަށް އުފާވާ މީހުން އެބައުޅޭ ކަމަށާއި، އެކަމަކު ސުންނަތަށް އުޅެން މަސައްކަތްކުރާ މީހަކު ފެނުނީމަ ރުޅިއަންނަ މީހުން އެބައުޅޭ ކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ އެފަދަ މީހުން ސުންނަތަށް އުޅެން މަސައްކަތްކުރާ މީހުންނާ ދިމާއަށް "މުއްލާ" ނުވަތަ "ވައްޙާބީ" ފަދަ ލަޤަބްތައް ދެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ހީކޮށްގެން ނުވާނެ މިއަދު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަށް ފުރައްސާރަކޮށް ޖެއްސުން ކުރީމަ އަޅުގަނޑުމެންނަށް ﷲ ގެ އަޛާބު ނާންނާނެ ކަމަށް. އަޅުގަނޑުމެންނަށް ﷲ ގެ އަޛާބުން ރެކެވޭނެ ކަމަށް، އަޅުގަނޑުމެންނަށް އީމާންކަންމަތީ ތިބެވޭނެ ކަމަށް ހީކޮށްގެން ވެސް ނުވާނެ. ﷲ ޞުބްހާނަހޫ ވަތައާލާގެ އަޛާބާއި ކޯފާ އަވަސްވެގެންވޭ އެފަދަ މީހުންގެ މައްޗަށް. ފަހަރުގައި ދުނިޔެ މަތީގައި އެބައިމީހުންނަށް އެކޯފާ ﷲ ޞުބްހާނަހޫ ވަތައާލާ ދެއްވާނެ. އެމުޞީބާތް މެދުވެރިކުރައްވާނެ." ޝައިޚް ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނުގެ ޙަދީޘްފުޅަށް އިންކާރުކުރި މީހަކަށް ކޯފާ ލިބިގެންދިޔަ ގޮތުގެ ޙާދިޘާއެއް ޝައިޚް ކިޔައިދެއްވިއެވެ. އަދި އިސްލާމީ ތާރީޚްގައި ސުންނަތަށް ފުރައްސާރަކުރި މީހުންނަށް ކުރިމަތިވެފައި ހުރި ކަންތައްތަކުގެ ވާހަކަ ކިޔައިދެއްވިއެވެ.
ޝައިޚް ވިދާޅުވީ ސުންނަތޭ ބުނުމުން ގިނަ ބަޔަކަށް އޭގެ މާނަ ދޭހަނުވާ ކަމަށެވެ. ސުންނަތަށް ތަބާވުމަކީ ކޮބައިކަން ވަރަށް ފުރިހަމަ އަށް ޝައިޚް ބަޔާންކުރެއްވިއެވެ. ސުންނަތަށް ތަބާވުމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް އަށް އީމާންވުމުގެ ތެރެއިން ވާކަމެއް ކަމާއި ސުންނަތަށް ތަބާވެގެން މެނުވީ ޙަޤީޤަތުގައި ﷲ އަށް ފުރިހަމަ ގޮތުގައި އީމާން ނުވެވޭނެ ކަން ޝައިޚް ބަޔާން ކޮށްދެއްވިއެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވުމަކީ އެކަލޭގެފާނު އަމުރުކުރެއްވި ކޮންމެ ކަމަކަށް ބޯލަނބައި ކިޔަމަންވެ، ޚަބަރުދެއްވި ކޮންމެ ކަމެއް ތެދުކުރުން ކަން ޝައިޚް ކިޔައިދެއްވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތަކީ އެކަލޭގެފާނުގެ ގޮތްކޮޅު ކަން ޝައިޚް ބަޔާން ކޮށްދެއްވިއެވެ.
ސުންނަތުގެ ކަންތައްތަކުގައި ޢުންމަތުގެ އިމާމުން ކަންތައް ކުރެއްވި ގޮތް ކިޔައިދެއްވިއެވެ. އަދި އެބޭކަލުންނަށް ޙައްޤު ބަސް އެނގުނީމަ ރުޖޫޢަވެފައިވާ ކަން ބަޔާންކޮށްދެއްވިއެވެ. ޝައިޚް ވިދާޅުވީ ޢިލްމު ލިބުނު މީހުން ޢިލްމު ލިބެމުން ލިބެމުން ދިޔަވަރަކަށް އެބޭކަލުން ހިތްތިރިވީ ކަމަށާއި އެއާ ޚިލާފަށް ދިވެހިން ކިޔެވި ތަނެއް ނެތި، އުނގެނުނު ފޮތެއް ނެތި، ޖާހިލުކަން މަތީ ތިބެ ބޮޑާވަމުންދާ ކަމަށެވެ.
"ދިވެހިން ބުނަމުން މިދަނީ އެމީހުން ތިބީ ޙައްޤުގޮތުގައޭ. ދެން މިއެއް ބަދަލެއް ނުކުރާނަމޭ. ކާބަފައިން ކުރި ގޮތަށޭ ކުރާނީ." ބައެއް ދިވެހިންގެ އާދަހުރިގޮތް ޝައިޚް ވިދާޅުވިއެވެ.
ޝައިޚްގެ ދަރުސްގައި ނަފްސުތައް އިޞްލާހްކޮށް ސުންނަތާ އެއްގޮތަށް ހުރިހާ ކަމެއް ބައްޓަންކުރުމަށް ނަޞޭހަތް ދެއްވިއެވެ. ގާތްގަނޑަކަށް އެއްގަޑިއިރާއި ދިހަ މިނެޓްގެ މިދަރުސް އަޑުއެހުމަށްޓަކައި ގިނަ ބަޔަކު މިސްކިތަށް ޙާޟިރުވެފައިވެއެވެ. މިދަރުސް އިންތިޒާމް ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އިންނެވެ.
____
ފޮޓޯ : ރާއްޖެއިސްލާމް

ކޮމެންޓް (0)
ލޯޑް ކުރަމުން...