
ދިވެހި ޙައްޖު ފެޑެރޭޝަން އިފްތިތާޙްކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ : ހަވީރު ނޫސް / ލިޔުނީ : ޙަސަން ޝިޔާޒް
ދިވެހި ޙައްޖު ފެޑެރޭޝަން ރޭ އިފްތިތާޙްކޮށްފިއެވެ. މި ފެޑެރޭޝަން އިފްތިތާޙް ކުރީ ރޭ އެކަމަށްޓަކައި ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ޖަލްސާ އެއްގައެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން މިފެޑެރޭޝަންގެ ވައިސް ޗެއާޕާސަން އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވީ ދިވެހި ހުރިހާ ޙައްޖު އަދި ޢުމްރާ ގްރޫޕްތައް ބައިވެރިވާ ގޮތަށް ޖަމްޢިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާ މިފެޑެރޭޝަންގެ މަޤްޞަދަކީ ދިވެހިންގެ ޙައްޖު އަދި އުމްރާގެ ކަންތައްތަކުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މިފެޑެރޭޝަންގެ ފަރާތުން ސަޢުދީގެ ޙައްޖު މިނިސްޓްރީއާ މުޢާމަލާތްކުރުމާއި، ދިވެހި ޙައްޖު ގްރޫޕްތަކުން ޢަމަލުކުރަނީ ސަޢުދީގެ އިދާރާގެ ޤަވާއިދުތަކާ އެއްގޮތަށް ތޯ ބަލާ، ދިމާވާ މައްސަލަތަކުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި ވަކާލާތުކުރުމުގެ ދައުރު އަދާކުރާނެ ކަމަށެވެ.
ޝައިޚް ޝަރީފް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކާއި އެފެޑެރޭޝަނާ ގުޅިގެން ޙައްޖާއި އުމްރާ އަށް މީހުން ފޮނުވުމުގައި އެހީތެރިވުމަށް ފަންޑް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި ބޭރުގެ ޤައުމުތަކާ ގުޅިގެން ޙައްޖު ޕެކޭޖްތަކުގައި ބައިވެރިވުމާއި، ދިވެހިން ޙައްޖަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނާ ވާހަކަ ދައްކާ ގްރޫޕްތައް މެދުވެރިވެ މީހުން ޙައްޖަށް ފޮނުވުމުގައި ވެސް ދައުރު އަދާކުރާނެ ކަމަށެވެ. ޙައްޖާއި އުމްރާ އަށް ދަތުރުކުރާ ދިވެހިންގެ ވިސާފީ ދެއްކުމާއި ހޮޓާ ހިފުން ފަދަ ކަންތަކުގައި އިދާރީ ގޮތުން ގްރޫޕްތަކަށް އެހީތެރިވެދޭނެ ކަމަށް ވެސް ޝައިޚް ޝަރީފް ވިދާޅުވިއެވެ.
ފެޑެރޭޝަން އިފްތިތާޙްކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި ޝަރަފްވެރި މެހްމާން ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ހާޖީންނަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ހާޖީންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހޭނަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މިފެޑެރޭޝަންގެ ޗެއާޕާސަނަކަށް ހަމަޖައްސާފައި ވަނީ އަތަމާ ޙައްޖު ޖަމާޢަތުގެ ވެރިޔާ ޢަބްދުﷲ ޢަބްދުއްލަޠީފް އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...