
ސައްބީސް ވަނަ ޤައުމީ ޤުރްއާން މުބާރާތް އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށްދަނީ - ފޮޓޯ : ދިއިސްލާމް / ލިޔުނީ: ޙަސަން ޝިޔާޒް
ކީރިތި ޤުރްއާނާ ބެހޭ މަރްކަޒާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ބާއްވާ 26 ވަނަ ޤައުމީ ޤުރްއާން މުބާރާތް މެއި 26 ވަނަ ދުވަހުގެ ރޭ ފަށައިފިއެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރްކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި ދުވާލަކު 3 ދަންފަޅި އަށް ބަހާލައިގެން އިސްލާމީ މަރްކަޒްގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ މި މުބާރާތް ކުރިއަށް ދަނީ 6 އުމުރު ފުރައަކަށް ބަހާލެވިގެންނެވެ. މި މުބާރާތުގައި މާލޭގެ ސްކޫލްތަކާ، ޤުރްއާން ކްލާސްތަކާ، ޕްރީސްކޫލްތައް އެއްކޮށް 411 ދަރިވަރުން ބައިވެރިވެފައިވެއެވެ.
ވ. އަތޮޅު ފިޔަވާ ކޮންމެ އަތޮޅަކުން 15 ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 249 ދަރިވަރުން ވަނީ ޤައުމީ މުބާރާތުގައި ބައިވެރިވެފައެވެ. މިގޮތުން މާލެ އާއި އަތޮޅުތެރެ އެއްކޮށް މުޅި ޖުމްލަ 660 ދަރިވަރުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.
އަތޮޅުތަކުން މުބާރާތަށް ދަރިވަރުން ބައިވެރިކުރެވުނީ ކޮންމެ ރަށެއްގައި ވަކިވަކިން ރަށު ފެންވަރުގެ މުބާރާތްތައް ބޭއްވި، އޭގެތެރެއިން އެންމެ މޮޅު 15 ދަރިވަރުން ވާދަކޮށް އަތޮޅު ފެންވަރުގައި މުބާރާތް ބާއްވާ އެންމެ މަތީ މާކްސް ހޯދި ކުދިން ހޮވައިގެންނެވެ.
ޤުރްއާނާ ބެހޭ މަރްކަޒްގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުﷲ ސަޢީދު ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.
މިމުބާރާތުގެ މަޤްޞަދަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސާ އެފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި، ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުގެ މަގަށް ކިޔެވުމަށް ހިތްވަރުދިނުމާއި، ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ފެންވަރުގެ ކުދިން އުފެއްދުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...