އޮފީހެއްގެ އަންހެން މުވައްޒަފުންތަކެއް "ޗެރިޓީ ފުޓްބޯޅަ މެޗެއް" ކުޅުމަށް ރާވަމުން ދިޔައެވެ. އެމީހުންގެ މަޤްޞަދަކީ ޚާއްޞަ އެހީ ބޭނުންވާ ކުޑަކުދިންތަކަކަށް ފައިސާ އެއްކުރުމެވެ. މިގޮތުން މިކަން ރޭވުމުގައި އެއޮފީހުގެ ފަރާތުން އުޅުނު އަންހެން ކުއްޖަކު އޮފީހުގެ އެހެން ސެކްޝަންތަކަށް މިމެޗް އިންތިޒާމްކުރުމަށްޓަކައި ފައިސާގެ އެހީ ހޯދުމަށް ދިޔައެވެ.
އަންހެނުން އައުރަނިވާނުވާ ހާލު، ކުރު ސޯޓު ބުރި ލައިގެން ބޮޑު ދަނޑަކަށް ޢާއްމުންގެ ކުރިމައްޗަށް ކުޅެން ނުކުތުމަކީ އިސްލާމްދީނުގައި ކިހިނެއް، ކޮންގޮތަކުން ހުއްދަވާނެ ކަމެއް ހެއްޔެވެ؟ އާދެ ! މިއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަން ވަރަށް ގިނަ މީހުންނަށް އެނގެއެވެ. ވުމާއެކު އެއަންހެންކުއްޖާ އަށް އޮފީހުގެ އެހެން ބައެއް ކުދިން ޖަވާބު ދެމުން ދިޔައެވެ. ތިޔަ "ޗެރިޓީ ފުޓްބޯޅަ މެޗް" އިންތިޒާމްކުރުމަށް ފައިސާގެ އެއްވެސް އެހީއެއް ނުދެވޭނެއެވެ. ސަބަބަކީ އެއީ ދީނީ ގޮތުން ރަނގަޅު ކަމަކަށް ނުވާތީއެވެ. މީގެ ޖަވާބުގައި އަންހެން ކުއްޖާ ބުނީ އޭނައަށްވެސް އެއީ ގޯސް ކަމެއް ކަން އެނގޭ ކަމަށާއި، ނަމަވެސް ވަރަށް ބޮޑު ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށާއި، އެކަން ކެންސަލް ކުރެވެން ނެތްކަމަށެވެ. އަދި މިމީހުން މި "ޗެރިޓީ ފުޓްބޯޅަ މެޗް" ކުޅެ ފައިސާ އެއްކޮށް، ޚާއްޞަ އެހީ ބޭނުންވާ ކުޑަކުދިން ބަލަހައްޓާ މަރުކަޒާއި ޙަވާލުކުރިއެވެ. މިޚަބަރު މީޑިއާތަކުގައިވެސް ފެނިގެން ދިޔައެވެ.
ސުވާލަކީ، ﷲ ޙަރާމް ކުރައްވާފައިވާ ފާފައަކަށް އަރައިގެން ނޫނީ، ބަޔަކަށް އެހީއެއްވެސް ފޯރުކޮށްނުދެވެނީ ހެއްޔެވެ؟ މިއީ ރާއްޖޭގައި ވަރަށް ޢާއްމުވެފައިވާ ކަމެކެވެ. މިފަދަ ތަފާތު ހަރަކާތްތައް ރާވާ ހިންގަމުންދާއިރު އެކަމަކީ ﷲ ޙަރާމްކުރައްވާފައިވާ ނުބައި ކަމެއްކަން އެނގިތިބެވެސް އެކަންތައް ދަނީ ކުރަމުންނެވެ.
ޖަޕާނަށް 11 މާޗް 2011 ވީ ހުކުރު ދުވަހު އައި ބޮޑު ޒަލްޒަލާ އާއި ސުނާމީ ގައި ހާލުގައި ޖެހުނު މީހުންގެ ހިތާމައިގައި ބައިވެރިވެ، ޖަޕާނަށް އެހީފޯރުކޮށްދިނުމަށްޓަކައި، ދިވެހިން ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައިވެސް ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ކުރަމުން ގެންދާ ކަމަކީ އިންތިހާއަށް ހިތާމަހުރި ކަމެކެވެ. ހިތާމައިގެ ދަނޑިވަޅުގައި އިންސާނިއްޔަތަށްޓަކައި އެހީވުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް، އަޅުގަނޑުމެންނަށް މިކަންކުރެވޭގޮތް މުޅިން ރަނގަޅުބާވައެވެ؟ މަޢުލޫމާތުލިބޭގޮތުގައި، މިރެއިން ފެށިގެން މާދަމާގެ ހެނދުނުވަންދެން ޖަޕާނަށް އެހީވުމަށްޓަކައި ލޮނުޒިޔާރަތްކޮޅުގައި ދަނީ މިއުޒިކް ޝޯ ބޭއްވެމުންނެވެ. ޖަޕާނަށް އެހީވުމުގެ ނަމުގައި ޙަރާމް މިއުޒިކް ޝޯ އާއި ހިލޭ އަންހެނުންނާއި ފިރިހެނުން އެއްވެ މުޅިރޭގަނޑު ނާޗަރަންގީގެ ކުޅިވަރު ކުޅެން ޖެހޭ ހެއްޔެވެ ؟
ކިތަންމެ ވަރަކަށް ސޭފް އައިލެންޑް ހެދިޔަސް، ކިތަންމެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވިޔަސް ﷲ ކޯފާ ފޮނުއްވުމަށް އިރާދަކުރައްވައިފިނަމަ، އެއްވެސް ބަޔަކަށް ސަލާމަތެއް ނުވެވޭނެއެވެ. ޒަލްޒަލާ އާއި ސުނާމީ ފަދަ ކާއިނާތުގައި ހިނގާ މިފަދަ ކަންކަމަކީ ކާއިނާތު ވަކި ނިޒާމަކުން ބަލަހައްޓަވާ ﷲ ޞުބްހާނަހޫވަތައާލާ އިންސާނުންނަށް ޢިބްރަތެއްގެ ގޮތުގައި ފޮނުއްވާ ކަންކަމެވެ.
ޖަޕާނަށް ކުރިމަތިވި ބޮޑު ޒަލްޒަލާ އާއި ސުނާމީގެ ކާރިޘާ އިން ޢިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙްކޮށް ތަޢުބާވެ، ﷲ ގެ މަގަށް ރުޖޫޢަ ވުމުގެ ބަދަލުގައި، ބައެއް ދިވެހިން ފަސާދަ އާއި މުންކަރާތްތަކަށް އަރައިގަންނަމުންދާކަމީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަންޖެހޭ ކަމެކެވެ. މިފަދަ މުންކަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެނީ ކީއްވެބާއެވެ؟
ﷲ ގެ ކޯފާއެއް އަންނަ ހިނދު އެތަނެއްގައި ހަލާކުވެދާނީ ހަމައެކަނި އެތަނެއްގައިތިބޭ ނުބައި މީހުން އެކަންޏެއް ނޫނެވެ. އެތަނުގައި ތިބޭ ރަނގަޅު މީހުންވެސް ހަލާކުވެދާނެއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ހަދީޘްފުޅުން ޘާބިތުވާ ޙަޤީޤަތެކެވެ.
ދިވެހި މުޖުތަމަޢުގައި މާރާމާރީ ހިންގުމާއި، ކަޓަރުއެޅުމާއި، ޒިނޭ ކުރުމާއި، ޒިނޭ ޚާނާތައް ހިންގުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ރާބުއިމާއި، ވައްކަންކުރުމާއި ލޫޓުވުމާއި، ރިބާ އާއި، ޚިޔާނާތްތެރިވުމާއި، ފާޙިޝް މިއުޒިކް ޝޯތަކާއި، ޑީޖޭތަކާއި، މިއުޒިކާއި ލަވަކުޅޭ މީހުން އިންތިހާ އަށް ގިނަ ވުމާއި، "ޑިމޮކްރަސީ" އޭ ކިޔާ ކުފުރުގެ ނިޒާމަށް ގިނަ ބަޔަކު ބޯލަނބާ އެއަށް ތާޢީދުކުރުމާއި، މިފަދަ ނުރައްކާތެރިކަން ބޮޑު ފާފަތައް ވަނީ ޢާއްމުވެފައެވެ. ވީމާ، އަޅުގަނޑުމެންގެ މިނުބައި ފާފަތައް ކުރުން ހުއްޓާލައި، މުޖުތަމަޢު އިޞްލާޙްކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، ޖަޕާނަށް ދިމާވި ކާރިޘާ އިން ޢިބްރަތް ލިބިނުގަނެ، ޖަޕާނުގެ މީހުން ފުން ހިތާމައެއްގައިވާއިރު ދިވެހިން ޖަޕާނަށް އެހީވުމުގެ ނަމުގައި ނާޗަރަންގީ ކުޅެމުންދާއިރު، އަޅުގަނޑުމެންގެ ހިތްތަކުގައި ﷲ އަށް ބިރުވެތިވުމުގެ ކަންފުޅެއްވެސް ނުވަނީބާއެވެ؟ އަޅުގަނޑުމެންގެ މައްޗަށް ﷲ ގެ ކޯފާއެއް ނާންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
ޔާ ﷲ ! އަޅަމެން އެންމެންނަށް ހެޔޮވިސްނުންދެއްވާ ހިދާޔަތު ދެއްވާށިއެވެ. އަޅަމެންގެ މުޖުތަމަޢު އިޞްލާޙްކުރައްވާނދޭވެ. އަޅަމެންގެ ތެރެއިން ފާފަކުރާމީހުންގެ ފާފައިގެ ސަބަބުން އެންމެންގެ މައްޗަށް ޢާއްމުވެ، ޝާމިލްވާފަދަ ކޯފާއެއް، އަޛާބެއް ނުފޮނުއްވާނދޭވެ ! އާމީން !

ކޮމެންޓް (0)
ލޯޑް ކުރަމުން...