ސްކޫލްތަކުގެ އިސްވެރީންނާއި މުދައްރިސުން ގުޅިގެން ދަރިވަރުންގެ ކިބައިގައި ފޮތްކިއުމުގެ އާދަ އަށަގެންނެވުމަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކްއެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އެދިވަޑައިގެންނަވައިފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އިސްލާމިކް މިނިސްޓްރީ އިން މާލޭގެ ސްކޫލްތަކަށާއި ޤައުމީ ކުތުބުޚާނާ އަށް ފޮތް ހަދިޔާކުރުމަށް އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި މާލޭގެ ވަރަށްގިނަ ސްކޫލްތަކުންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބައިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ހަމައެދުވަހު ޤައުމީ ކުތުބުޚާނާ ގައި އިސްލާމިކް ލައިބްރަރީގެ ކޯނަރއެއް ވެސް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ ހުޅުވާދެއްވާފައެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ނޭޝަނަލް ލައިބްރަރީގައި ހުޅުވުނު އިސްލާމިކް ލައިބްރަރީގެ ކޯނަރގެ ސަބަބުން އިސްލާމިކް ލައިބްރަރީ ގިނަބަޔަކަށް ތަޢާރަފް ވެގެންދާނެ ކަމުގައެވެ.
މިރަސްމިއްޔާތުގައި ނޭޝަނަލް ލައިބްރަރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަމުން ވިދާޅުވީ މިކޯނަރަކީ ވަރަށް މުހިއްމު މަޤްޞަދެއްގައި ހުޅުވާ ކޯނަރެއް ކަމަށެވެ. އަދި މިމަސައްކަތުން ވެސް ރަމްޒުކޮށްދެނީ ދިވެހިރާއްޖެ މިނިވަން، އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެކަން ކަމަށާއި، މާތްﷲ ވާގިފުޅާއެކު އިއްޔެ ހުޅުވުނު އިސްލާމިކް ކޯނަރަކީ މައުލުމާތު މުއްސަނދި ތަނަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ޤައުމީ ކުޠުބުޚާނާ އިން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.
ރާއްޖޭގައި ލައިބްރަރީގެ ޚިދުމަތް ދެމުންގެންދާތާ އަހަރުތަކެއް ފާއިތުވެފައިވީ ނަމަވެސް އިސްލާމީ ޢިލްމަށް ޚާއްޞަކޮށްގެން ޤައުމީ ކުޠުބުޚާނާގައި މިފަދަ ޚިދުމަތެއް ދޭން ފެށުނު ދުވަހަކީ ޤައުމީ ކުޠުބުޚާނާގެ ތާރީޚްގައި މުހިއްމު ދުވަހެއްކަމަށް ވެގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޤައުމީ ކުޠުބުޚާނާ އިން ހާމަކުރައްވާ ގޮތުގައި މިއީ އިސްލާމިކް މިނިސްޓްރީ އާއި އެކުޠުބުޚާނާ ގުޅިގެން ކުރިއަށްގެންދާނެ ޤައުމީ ކުޠުބުޚާނާގެ ބައެއް ކަމަށާއި، ކުޠުބުޚާނާގެ ހަރުގައި ފޮތްތަކެއް ބެހެއްޓުމުގެ ބަދަލުގައި އެކަމަށް ކޯނަރެއް ޚާއްޞަ ކުރުމުގެ ބޭނުމަކީ އެކޯނަރުން ތަފާތު ހަރަކާތްތައް ހިންގައި އިސްލާމީ މައުލޫމާތު ފަތުރަން މަސައްކަތް ކުރުންކަމަށާ އިސްލާމިކް މިނިސްޓްރީ އާއި އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު އެފަދަ ހަރަކާތްތައް ހިންގަވާނެ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ ލައިބްރަރީގެ އިތުރުން މިކޯނަރ ހުޅުވުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށާއި، ޤައުމީ ކުޠުބުޚާނާއަކީ ގިނަ ޢަދަދަކަށް މީހުން އައިސް ޚިދުމަތް ހޯދާ ތަނަކަށް ހެދުމަށް ބޭނުންވާ ކަމަށް އެކުތުބުޚާނާ އިން ހާމަކުރައްވައެވެ.
ޤައުމީ ކުތުބުޚާނާ މިހާރު ހިންގަމުންދަނީ ޗައިނާ ސަރުކާރުގެ އެހީގައި ސަލްޓަންޕާކްގައި މެދުޒިޔާރަތްމަގަށް ވާގޮތަށް ޢިމާރާތްކޮށްފައިވާ ތަނުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...