ރާއްޖޭގެ އިސްލާމީ ޝަޚުސިއްުޔަތު ނައްތާލުމަށް މަސައްކަތްކުަރަމުންދާ ބޭރުގެ ފަރާތްތަކާއި އެކަމަށް ޖާގަ ތަނަވަސްކޮށްދޭ ދިވެހި ޚާއިނުންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށް ދިވެހި ސަލާމަތީ ޚިދުމަތުގައި ތިބި ސިފައިންނާއި ފުލުހުންނަށް އަދި އެންމެހައި ދިވެހި އަފްރާދުންނަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުން ގޮވާލައިފިއެވެ.
އެޕާޓީގެ ޢިލްމުވެރިންގެ މަޖްލިސްއިން މިފަދައިން ގޮވާލާފައިވަނީ އީޔޫގެ އިލެކްޓޯރަލް ފޮލޯއަޕް މިޝަނުން އާންމުކުރި ރިޕޯޓުގައިވާ ކަންކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އިޔޫގެ ރިޕޯޓުގައި މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ސުންނީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކުރުމަށް ދިން ލަފަޔާއި ގުޅޭގޮތުން އަދާލަތު ޕާޓީއިން ބުނެފައިވަނީ ދިވެހިރާއްޖެއަކީވެސް ބައިނަލްއަޤްވާމީ މުޖުތަމައުގެ ފަރުދެއްކަމަށާއި ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ހިމެނޭ އިސްލާމްދީނާއި ފުށުއަރާ ކަންކަމާމެދު ރާއްޖެއިން ޒަމާނުއްސުރެ ބަރީއަވަމުން އަންނައިރުވެސް އެކިއެކި މިނިވަންކަން ދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުން ދާކަމީ ދިވެހިން އެކަމަށް ސަމާލުވެ ތިބެންޖެހޭ ކަމެއްކަމަށެވެ.
މިބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ބޭރުގެ ފަރާތްތަކުގެ ނޭދެވޭ އަސަރު ވަންނަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މުއައްސަސާތަކުގެ ބާރުކެނޑި ރައްޔިތުން ބައިބައިވެ ނުނިޔަތުގައާއި އަމިއްލަ އެދުމުގައި ދިވެހިންނަށް ގެއްލުންދޭންތިބި ޚާއިނުންގެ މަދަދުވެރިކަން ލިބުންކަމަށެވެ. އަދި މިއަދުގެ ރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާއިރު މުއައްސަސާތައް މުލުން ލުހެލައި ދީނަށާއި ޤައުމަށް ވަފާތެރި ފަރާތެއް ހުރިނަމަ އެފަރާތެއްގެ އަނގަ ބަންދުކުރުވާ ދީނާއި ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ މަސްދަރުތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
ދައުލަތުގެ ދީނަކީ އިސްލާމް ދީންކަން ކަނޑައަޅާފައިވާ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ މިހާލަތަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ފަރާތްތަކަށް ފުރުޞަތު ފަހިވެފައިވާ ހާލަތެއް ކަމަށާއި ދީން ނިވައިފަތްގަނޑެއް ކަމުގައި ހަދައި ބަޔަކު މީހުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ދީނާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ދުސްތޫރީ ގޮތުން އެކުލަވާލާފައިވާ މުއައްސަސާތައް ބާރުކެނޑި އެތަންތަން ވަނީ ކިލަނބުވެފައި ކަމަށެވެ.

















ޚިޔާލު