ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީ، ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިޔާ (ޔޫ.ކޭ.އެމް)އާ ދެމެދު އެއްބަސްވުމެއް މިއަދު ސޮއިކޮށްފިއެވެ.
ޔޫކޭއެމް ގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިއާ ގެ ފަރާތުން ސޮއި ކުރީ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކެޑެމިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ޕްރޮފެސަރ ޑރ. ރިޒާ އާތިޤް ބިން އޮރޭންގް ކާޔާ ރަޙްމަތްއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ މެލޭޝިޔާގެ ތައުލީމީ ނިޒާމަކީ ނަމޫނާ އަދި ފުރިހަމަ ވެފައިވާ ނިޒާމެއް ކަމަށާއި މެލޭޝިޔާގެ ޤައުމީ ޔުނިވަރސިޓީއިން މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އެތަނުގެ ވެރިންނާއި، މުވައްޒަފުންނާއި، ދަރިވަރުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުވައްޒަފުންގެ ތަޢުލީމަށާއި، ދެ ޔުނިވަރސިޓީގެ ތަރައްޤީއަށް ގިނަ ކުރިއެރުންތަކާއި އެހީތެރިކަން ލިބިގެންދާނެކަމަށް ޑރ ޝަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދު ސޮއިކުރެވުނު މިއެއްބަސްވުމުގައި މައިގަނޑުކަންތައް ތަކަކީ:
- ދެ ޔުނިވަރސިޓީ ދެމެދު ފެކަލްޓީ އެކްސްޗޭންޖް ޕްރޮގަރާމްގެ ފުރުޞަތު ތަނަވަސްކޮށްދިނުން
- ރިސަރޗްގެ ދާއިރާއާއިގުޅޭ ޕްރޮޖެކްޓުތައް ހިންގުން
- ބޭނުންތެރި ދާއިރާތަކުން ކުރު މުއްދަތުގެ ޢިލްމީ ޕްރޮގަރާމްތައް ހިންގުން
- އިންޓަރނޭޝަނަލް ކޮންފަރެންސްތަކާއި، މަހާސިންތާތަކާއި، ސެމިނަރތައް ހިންގުން
- ދެ ޔުނިވަރސިޓީ ގުޅިގެން، މުވައްޒަފުންނަށް، ތަމްރީނާއި ތަޖުރިބާ ލިބިގަތުމުގެ ޕްރޮޖެކްޓްތައް ހިންގުން
މެލޭޝިޔާގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުންވެސް އެހެން ބައެއް ޔުނިވަރސިޓީތަކާއެކުވެސް އައިޔޫއެމްއިންވަނީ ތައުލީމާއި ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު އާއި، އިސްލާމިކް ޔުނިވަރސިޓީ ބުރުނާއީ ފަދަ ޔުނިވަރސިޓީތައް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...