މޫނު ބުރުގާ އަޅައިގެން ކިޔަވަދޭންދާތީވެ އ.އ މަތިވެރި ސްކޫލްގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ އެރަށު ދޫރެސް އާއިޝަތު ސުޒީއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސުޒީ ވަޒީފާއިން ވަކިކުރިކަން އަންގާ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފޮނުވި ޗިޓުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސްގެ ގަވާއިދުތަކާ ހިލާފުވެގެން ކަމަަށެވެ.
ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓުގައި ބުނެފައި ވަނީ ސުޒީ ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސް ގަވާއިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަމްބަރަށް ރިއާޔަތްކޮށް ސިވިލް ސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ.
ސިވިލް ސާވިސް ގަވައިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 20 ވަނަ ނަމްބަރުގައި ބުނެފައި ވަނީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާ ކޯޑް އޮފް ކޮންޑަކްޓާއި އަދި ހަދާފައިވާ ޕޮލިސީތަކާއި ގަސްތުގައި ހިލާފުވުމަކީ ކުށެއް ކަމަށެވެ.
ސިވިލް ސާވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަމްބަރުގައި ބުނެފައި ވަނީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި އަދި ހަދާފައިވާ ޕޮލިސީތަކާއި ގަސްތުގައި ހިލާފުވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއް ކަމަށެވެ.
ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ސުޒީ މަތިވެރި ސްކޫލްގައި ވަޒީފާ އަދާކުރާތާ ހަތް އަހަރު ވެއްޖެއެވެ.
މޫނު ބުރުގާ އަޅާތީވެ މީގެ ކުރިންވެސް އެޑިއުކޭޝަނުންވަނީ އއ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކުވެސް ވަޒީފާއިން ވަކިކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...