ޕާކިސްތާނުން ދިވެހިރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކޮށްދެއްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް އިޢުލާނުކުރައްވައިފިއެވެ.
ނަވާޒު ޝަރީފް މިކަން އިއުލާން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަވާޒު ޝަރީފް ވިދާޅުވީ ޕާކިސްތާނުގައި ޞިއްޙީ ދާއިރާއާއި، އިންޖިނިއަރިންގއާއި، ފާމަސީ އަދި ޑެންޓިސްޓްރީ ހިމެނޭގޮތަށް މަތީ ތަޢުލީމް ހާސިލްކުރުމަށް ދަރިވަރުންނަށް އިތުރު ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދޭން އެޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.
ނަވާޒު ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބުކަމަށާއި ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތަނުގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.
ނަވާޒް ޝަރީފްގެ މިދަތުރުފުޅުގައި ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ހަ ދާއިރާއަކުން އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކުގައި އިއްޔެވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ޚާރިޖީ ދާއިރާއާއި ވިޔަފާރިއާއި ތިމާވެށީގެ ދާއިރާގެ އިތުރުން ތައުލީމާއި ސިވިލް ސަރވިސްގެ ދާއިރާ ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...