އަދާލަތު ޕާޓީގެ ނައިބް ރައީސް އަލް އުސްތާޛު އަލީ ޒާހިރު ވަގުތުން މިނިވަންކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް އެޕާޓިގެ ފަރާތުން ގޮވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އަދާލަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުތަކާއި ގަވައިދުތަކުގެ ބޭރުން އެއްވެސް ހުއްޖަތެއްނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެޕާޓީގެ ނައިބް ރައީސް އުސްތާޛު އަލީ ޒާހިރު ވަގުތުން މިނިވަންކުރުމަށް ކަމާގުޅޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށެވެ.
އިތުރަށް މިބަޔާނުގައި ބުނެފައިވަނީ އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤާނޫނު އަސާސީގެ 27 އަދި 32 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސުލްހަވެރި އެއްވުމެއްގެ ތެރެއިން ކަމަށާއި ފުލުހުންގެ މަސްއޫލިއްޔަތަކީ މިފަދަ ސުލްހަވެރި އެއްވުންތަކުގެ ހަމަޖެހުމާއި އަމަން ބަލަހައްޓާ މިފަދަ އެއްވުންތަކަށް އެއްބާރުލުން ދިނުން ކަމުގައި ވީހިނދު ސަރުކާރުގެ ފަރާތުން ސިޔާސީ ނުފޫޒުން ކުރަމުންގެންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވެ ދިވެހި ރައްޔިތުންގެ ފަރުދީ އަދި އަސާސީ މިނިވަންކަމަށް އަރައި ނުގަތުމަށް ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ.
އަލީ ޒާހިރު ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގޭގާއި ބޭއްވި "ހަވީރު ސައި" ހަރަކާތުގައި އެއްވެ ތިބި މީހުންނާއި މުޚާތަބުކޮށް ވާހަކަދައްކާ ނިންމާލިތާ އިރުކޮޅެއް ފަހުންނެވެ.
އަދާލަތުގެ ބަޔާނުގައި މިއަދު ހަވީރު ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަގުތުން މިނިވަންކުރުމަށް ގޮވާލާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...