ހދ މަކުނުދޫގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މަކުނުދޫ ދީނީ ރޫހުގެ ފަރާތުން ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ފޯރަމެއް ބާއްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ފަރާތުން ވާހަކަދެއްކި އަހުމަދު ރިފްޢަތު ބުނީ ރަމަޟާންމަހުގެ ރޭތައް އިޚްޔާކުރުމުގެ ގޮތުން މިދިޔަ ހުކުރުދުވަހުގެރޭ އެޖަމިއްޔާއިން ފޯރަމެއް ބާއްވާފައިވާ ކަމަށާއި މިފޯރަމްގައި ބައިވެރިވެ ވާހަކަދެއްކެވީ އައްޝައިޚް އަލީ ޒައިދު ކަމަށެވެ.

ރިފްއަތު އިތުރަށް ފާހަގަކުރިގޮތުގައި ޒުވާނުންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިފޯރަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި ފޯރަމްއަށް ހާޟިރުވި މީހުންގެތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް ވަރަށް ހާއްސަ އިނާމެއްވެސް ދީފައިވާ ކަމަށެވެ.
އިޚްޔާފޯރަމްގެ އިތުރުން ހުކުރުދުވަހު އަޞުރު ނަމާދަށްފަހުގައި އެރަށު މަސްޖިދުލް ތަޤްވާގައިވަނީ ޝައިޚް އަލީ ޒައިދުގެ ދަރުހެއްވެސް ބާއްވާފައެވެ.
ރިފްއަތު ވިދާޅުވީ ފޯރަމްގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދެއެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައިވެސް މިފަދަ އެހެން ފޯރަމެއް ކުރިއަށް ގެންދިޔުމަށް ރާވަމުންދާ ކަމުގައި އެފަރާތުން މައުލޫމާތު ދެއްވިއެވެ.

















ޚިޔާލު