ރާއްޖޭގެ ޚަބަރު

ރިސާލަތު ޢައްމާންގެ 34 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުރުދުންގެ ޢައްމާންގައި ކުރިއަށް ދިޔަ ރިސާލަތު ޢައްމާންގެ 34 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ޝަރީފާއި ޑރ. އަހްމަދު މައުމޫނެވެ.

ޢަންމާން ރިސާލަތަކީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިން2 ގެ ސީދާ ބެއްލެވުމުގެ ދަށުން އަރަބި އަދި އިސްލާމީ ގައުމުތަކުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި ވަސަތިއްޔަތު ދެމެހެއްޓުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިންނާއި ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވަމުންދާ ދާޢީންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި ބެހޭ ސީދާ މައިލޫމާތު ފޯރުކޮށްދިނުމަށް 26 ރަމަޟާން 1425 ގައި ރިސާލަތު ޢައްމާން ގެ ނަމުގައި ފެށިގެން ދިޔަ ހަރަކާތެކެވެ.

މިއަހަރުގެ ރިސާލަތު ޢަންމާންގައި ޖުމްލަ 20 ގައުމަކުން 44 ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، ބަންގުލަދޭޝް، ޕާކިސްތާން، މެލޭޝިއާ، ފުރާންސް، މިސްރު، ކުރުދިސްތާން، އިރާޤް، އަލްޖަޒާއިރު، ސޫދާން، އިޓަލީ، ލެބެނާން، ފަލަސްތީން، ސައުދީ އަރަބިއާ، ސާހިލުލްއާޖު، ކޮސޯފާ، ޖަރުމަން، އަލްބާނިއާ، ތޫނިސް އަދި އުރުދުން އެވެ.

މި މަހާސިންތާގައި މުހިންމު މައުޟޫއުތަކަށް މަޝްވަރާ ބައްދަލުވުންތަކާއި މަސައްކަތު ބައްދަލުވުންތައް ބާއްވައި، ކަމާ ގުޅުން ހުރި މުހިންމު ތަންތަނުގެ އިތުރުން ތާރީހީ ތަންތަނަށް ވަނީ ޒިޔާރަތް ކޮށްފަ އެވެ.

މަހާސިންތާގެ ބައިވެރިން ޒިޔާރަތް ކުރި ތަންތަނުގެ ތެރޭގައި ރޯޔަލް ޖޯޑޭނިއަން ނޭޝަނަލް ޑިފެންސް ކޮލެޖާއި، މުއުތާ ހަނގުރާމަ ހިނގި ސަރަޙައްދާއި، އަހުލު ކަހުފްގެ ހޮހޮޅަ ހިމެނެ އެވެ. އަދި އުރުދުންގެ ދެކުނު ބޯޑަރލައިން އަސްކަރީ ބޭސްއަށާއި އަލްބަތްރާ އަށް ވެސް ވަނީ ޒިޔާރަތް ކޮށްފަ އެވެ.

މި އަހަރުގެ ބައްދަލުވުމުގެ ސެޝަންތަކުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައި ވެސް ދީނީ ޔުނިޓެއް ގާއިމު ކުރެވި ރަސްމީ ހުއްދަދެވިފައިވާ ދީނީ އިލްމުވެރިޔަކު ހުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުންނާއި، ގައުމީ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދީނީ އިލްމުވެރިންގެ ދައުރު ފުޅާކުރުމުގެ މުހިއްމު ކަމާއި، މީޑިއާގެ ތެރޭގައި ދައުލަތުން އައްޔަން ކުރާ ދީނީ އިލްމުވެރިން ތިބުމުގެ މުހިއްމުކަމާއި އެ ބޭފުޅުންގެ ދައުރު ފުޅާކުރުމުގެ މައްޗަށް ވާހަކަދެކެވި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އަދި މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކާއި ސަކޫލް މަދަރުސާތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިއްމުކަމާއި، ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ހިލާފުތައް ކުޑަކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާ މަދުވެގެން ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމުގެ މުހިންމު ކަމާއި އޭގެން ނިކުންނާނެ ނަތީޖާގެ މައްޗަަށް ވެސް ފައިދާ ހުރި މަޝްވަރާތަކެއް ކޮށްފައި ވާކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *