މިދިޔަ ހަފްތާގައި މާލޭގެ އެކި ސަރަޙައްދުތައް 3600 އަށްވުރެ ގިނަ ފަހަރު ފުލުހުން ބަލައިފާސްކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އަމާން މުޖުތަމަޢުއެއް ޤާއިމްކޮށް ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި މާލޭގެ އެކި އެކި ސަރަޙައްދުތައް 3600 ށް ވުރެ ގިނަ ފަހަރު ބަލައިފާސްކޮށްއެތަންތަނުގައި ހުރި ޖިނާޢީ ކުށަށް މަގުފަހިވާ ކަންކަން ނައްތާލުމުގެ މަސައްކަތް ކޮށްފައި ވާކަމަށެވެ.
މާލެތެރޭގައި އަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތަށް ބަލައި ތަފާތު މީހުން ހުއްޓުވައި ބަލައި ފާސްކޮށް ކަނޑައެޅޭ ތަންތަން ބަލައި ފާސްކުރަމުންދާއިރު ވޭދުވެދިޔަ ހަފްތާގައި މާލޭގެ އެކި ސަރަޙައްދުތައް 3640 ފަހަރު ބަލައިފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި ޖިނާޢީ ކުށަށް މަގުފަހިވާފަދަ ޢަމަލުތައް ހިންގާ ތަންތަނާއި ޖިނާޢީ ކުށްކުރުމަށް ބޭނުންކުރާ އާލާތް ރައްކާކުރާ ތަންތަންވެސް ހިމެނެއެވެ. އަދި މި މުއްދަތުގައި 372 މީހަކު އެސަރަޙައްދުތަކުން ހުއްޓުވައި ބަލައިފާސްކޮށްފައިވާއިރު މި މުއްދަތުގައި 2003 މީހަކަށް ވަނީ ނަސޭހަތް ދީފައިވެއެވެ.
ވޭތުވެދިޔަ ހަފްތާތެރޭގައި މާލޭގައި ޓެރެފިކް ޗެކް ޕޮއިންޓްތައް ޤާއިމްކޮށް ގިނައަދަދެއްގެ އެއްގަމު އިންޖީނުލީ އުޅަނދު ހުއްޓުވައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތަށް ކަންކަން ފުރިހަމަކޮށްފައިހުރިތޯ ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުންނާ މާލޭސިޓީ ފުލުހުންގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންގެ މަސައްކަތުން 3680 އުޅަނދު ވޭތުވެދިޔަ ހަފްތާގައި ބަލައިފާސްކޮށްފައިވެއެވެ.
ރައްކާތެރި އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މި މިމަސައްކަތުގެ ދަށުން، ރޭގަނޑުގެ ވަގުތުތަކުގަޢާއި ދުވާލުގެ ވަގުތުތަކުގައިވެސް ކަމެއް ނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ނަސޭޙަތްދީ ހަދާފައިވެއެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަނާއި ވެހިކަލްތައް ބަލައި ފާސްކޮށްފައި ވެއެވެ.
ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނާއި މާލެ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ޓްރެފިކް ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މިމަސައްކަތުން މާލޭގައި ރައްކާތެރި މާޙައުލެއް ޤާއިމްކޮށް މަގުތައް ތަރުތީބުކުރެވި ރައްޔިތުންނަށް އަމާންކަމާއެކު އުޅުމަށް މަގުތަނަވަސްވެގެންދެއެވެ.
މި މަސައްކަތަކީ ފުލުހުންގެ މި އަހަރުގެ ބިޒްނަސް ޕްލޭންގައިވާގޮތުގެ މަތިން ކުށްމަދުކުރުމާއި، ކުށް ހިނގިޔަ ނުދިނުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...