ކުށުގެ ވެއްޓާއި ދުރު ކުރުމަށް ޒުވާނުން ސަގާފީ ކުޅިވަރަށް އަހުލުވެރި ކުރުވައި ޒުވާނުންނަށް އެ ކުޅިވަރު ދަސްކޮށް ދިނުމަށް ފުލުހުންނާއި ފެލިދޫ ކުޅިވަރު ގުރޫޕުން އެއްބަސްވެއްޖެ އެވެ.
ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް އަމާން މާޙައުލެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ސަޤާފީ ބައެއް ކުޅިވަރުތައް ކަމުގައިވާ ގާއޮޑި ލަވައާއި ދަނޑިޖެހުމާއި މާފަތި ނެށުމާއި ތާރަޖެހުންފަދަ ކުޅިވަރުތަކަށް ފުރާވަރުގެ ކުދިންނާ ޒުވާނުން އަހުލުވެރި ކުރުވައި ކުޅިވަރުތަކަށް ޒުވާނުން ތަމްރީނު ކޮށްދިނުމަށް ތައްޔާރަށް ތިބިކަމުގައި ވ. ފެލިދޫ ސަޤާފީ ކުޅިވަރު ކުޅުންތެރިންނާއި ޙަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ވ. ފެލިދޫގައި ސަޤާފީ ކުޅިވަރުތައް ކުޅެ ކުޅިވަރު ދިރުވައި އާލާ ކުރުމުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އެއްބަސްވެފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިދިޔަ ހަފްތާގައި ފެލިދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ޒުވާނުންގެ ޖަމްޢިއްޔާ، ޒުވާނުންގެ އެކުވެރިކަމުގެ ދިރުން (ޒެޑް) ގެ މެމްބަރުންނާއ ކުޅިވަރު ކުޅޭ ފަރާތްތަކުން ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާ ތަކުގައި ކަމަށް ފުލުހުން ވިދާލުވިއެވެ.
ފެލިދޫގައި ކުޅެމުންދާ ސަޤާފީ ކުޅިވަރުތަކަށް ޒުވާނުން އަހުލުވެރި ކުރުވައި ޒުވާނުންނަށް އެކުޅިވަރުތަކުން ތަމްރީނުދީ ކުޅިވަރުގެ ގުރޫޕްތައް އުފެދިއްޖެނަމަ އެފަދަ ގުރޫޕުތްކުގެ އެހީގައި ރާއްޖޭގެ އެކިއެކި ރިޒޯޓުތަކުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ގެންދެވި ޒުވާނުންނަށް ޢާމްދަނީ ހޯދުމުގެ ފުރުޞަތުވެސް މިކަމުން ފަހިވެގެންދާނެތީ އެކަމުގައި ފުލުހުންނާއެކު ގުޅިގެން މަސައްކަތް ކުރުމަށް މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެއްބަސް ވެފައެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް އަމާން މާޙައުލެއް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ފެލިދޫގެ ސަޤާފީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެވޭނެކަމަށް މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފެލިދޫގައި ކުޅިވަރު ކުޅޭ ފަރާތްތަކުގައި ދަންނަވާފައެވެ.
ފެލިދޫގައި މިހާރު ސަޤާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމުގެ މަސައްކަތްކޮށް ކުޅިވަރުގެ ޙަރަކާތްތައް ހިންގަމުންދަނީ ޒެޑް ޖަމްޢިއްޔާގެ ފަރާތުންނެވެ. ޒެޑް ޒަމްޢިއްޔާ އާއި ފެލިދޫ ރައްޔިތުން ގުޅިގެން ހިންގާ ސަޤާފީ ކުޅިވަރުގެ މިޙަރަކާތްތައް ދިރުވައި އާލާކުރުމަށާއި ޒުވާނުންނަށް މިކަމުގެ ތަމްރީނު ދިނުމަށް މަގުފަހިކުރުމުގައި ފުލުހުންގެ ފަރާތުން ވެދެންހުރި އެހީތެރިކަމެއް ވެދެއްވާނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ ވިދާޅުވެފައެވެ.
ވ. ފެލިދޫއަކީ ޒަމާނުއްސުރެ ބޮޑު ބެރު ޖެހުމާއި ތާރަޖެހުމާއި ދަނޑި ޖެހުމާއި މާފަތި ނެށުމާއި ގާއޮޑި ލަވައާ ސަޤާފީ ކުޅިވަރުތަކަށް މުޅި ރާއްޖޭގައި ނަން މަޝްހޫރު ބައެކެވެ. އަދި އެކުޅިވަރުތައް ރާއްޖޭގައި ދިރުވައި އާލާކުރުމުގެ މަސައްކަތް ކުރަމުންދާ ބައެކެވެ. ހަމައެހެންމެ ސަރަޙައްދީ ބައެއް ފެސްޓިވަލްތަކުގައި ރާއްޖޭގެ ސަޤާފީ ކުޅިވަރުތައް ދައްކާލައި ރާއްޖެއަށް ރީތި ނަން ހޯދައި ދިނުމުގައިވެސް ވ. ފެލިދޫ ކުޅިވަރު ގުރޫޕް ވަނީ ޙަރަކާތްތެރި ވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...