ފުލުހުންގެ ޢަދަދު މަދު ނަމަވެސް ރައްޔިތުންނާ ގުޅިގެން ނަތީޖާ ނެރެވޭފަދަ މަސައްކަތްތަކެއް ކުރުމަށް ފުލުހުންގެ މަސައްކަތަށް ބަދަލުގެންނަމުންދާ ކަމަށާއި އެކަމަށް ހުރިހާ ފުލުހުންވެސް މަސައްކަތް ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އެދިވަޑައިގެންފިއެވެ.
ވ. އަތޮޅު ފެލިދޫގައި މަސައްކަތް ކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މިއަދު ފުލުހުންގެ މަސައްކަތުގެ ވެށި ބަދަލުކުރަމުންދަނީ ފުލުހުންގެ މުއައްސަސާގައިތިބި މަދު ފުލުހުން ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވަން ކަމަށެވެ. އެހެންކަމުން ފުލުހުންގެ ކޮންމެ މަރުކަޒެއްގައި މަސައްކަތްކުރާ ފުލުހަކުވެސް މިވިސްނުމުގައި މަސައްކަތް ކޮށްދެއްވުމަށް ފެލިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގަތެވެ.
ފެލިދޫގައި މަސައްކަތްކުރާ ފުލުހުންނަކީ ހަމައެކަނި ފެލިދޫގެ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ތިބޭ ބައެއްގެ ގޮތުގައި ވިސްނުން ބަހައްޓަވައިގެން ނުވާނެކަމަށް ފުލުހުންނާ ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ވ. އަތޮޅުގެ އެހެން ރަށެއްގައި މިވަގުތު ފުލުހުންގެ ޚިދުމަތް ނުދެވުނު ނަމަވެސް ފެލިދޫގައި ތިބޭ ފުލުހުންގެ ޚިދުމަތުން ވ. އަތޮޅުގައި މީހުން އުޅޭ އެހެން ރަށްރަށަށްވެސް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެވޭގޮތަށް މަސައްކަތްތައް ރާވާލައިގެން ގެންދިއުން މުހިއްމުކަމަށެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފެލިދޫގައި ތިބޭ ފުލުހުންގެ މަސައްކަތާ ދޭތެރޭ ވ. އަތޮޅު ކައުންސިލުންނާއި ފެލިދޫ ކައުންސިލުން ހިތްހަމަޖެހުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންވީ މިއަދު ކައުންސިލްތަކުންނާ ރައްޔިތުންގެ ފަރާތުން ފާހަގަކުރާ ފަދައިން ފުލުހުންގެ މަސައްކަތާ ޚިދުމަތްތައް މިހާރަށްވުރެވެސް އިތުބާރު ހުރި ގޮތުގައި ދަމަހައްޓައި މުޅި ޤައުމުގައި އަމާން މާޙައުލެއް ޤާއިމްކޮށް ދިނުމަށް މަސައްކަތްކުރުން މުހިއްމު ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވިއެވެ.
އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތާ ދޭތެރޭ ކައުންސިލްތަކާ ރައްޔިތުން ދެކޭގޮތް ބެއްލެވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރޭގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މިދަތުރުފުޅުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޝް އާއި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ނަބީލްގެ އިތުރުން ފުލުހުންގެ ބައެއް އޮފިސަރުން ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...