ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު އެއް ރިޔަލު ޔޮޓް އުލިގަމު ބަނދަރަށް ލަފައިފި އެވެ.
މި ޔޮޓް އުލިގަމަށް ލަފާފައި ވަނީ މި މަހުގެ ދިހަވަނަ ދުވަހުއެވެ.
ވަރުގަދަ ސަލާމަތީ ފިޔަވަޅު ތަކާއި އެކު އުލިގަމުގެ ބަނދަރަށް ލެފި މި ޔޮޓުގެ އެތެރޭގެ އެއްވެސް ހިސާބެއް ފޮޓޯ ނެގުމާއި ޢާއްމު ކޮށް ދެއްކުން ވަނީ މަނާ ކޮށްފައެވެ.
މި ޔޮޓު އުލިގަމަށް މަޑުކޮށްފައި ވަނީ ސިންގަޕޫރަށް ދިޔަ މަގުމަތީގައެވެ. މި ދަތުރަކީ ހަމައެކަނި ޔޮޓުގެ ފަޅުވެރިން ކުރި ދަތުރެކެވެ.
އެހެން ނަމަވެސް އުލިގަމުން ލިބުނު ފުރިހަމަ ތަރުޙީބާއި އެކު އަދި އެއްފަހަރު އުލިގަމަށް އަންނާނެ ކަމަށާއި، މި ދަތުރު އަންނަ އޭޕްރީލް މަހުގެ ތާރީޚަކަށް ހަމަޖެއްސޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް މި ޔޮޓުގެ ކެޕްޓަނާއި ހަވާލާދީ އުލިގަމުން މި ޔޮޓުގެ ކަންކަމުގައި އެހީތެރިވި ފަރާތަކުން ދި އިސްލާމަށް މަޢުލޫމާތު ދެއްވިއެވެ.
އަދި މި ޔޮޓުގެ ކުރިޔަށް އޮތް ދަތުރުގައި އުލިގަމަށް އަންނާނީ ގިނަ ޢަދަދެއްގެ މަހުޖަނުން ތަކަކާއި އެކުގައި ކަމަށާއި، އެބައިމީހުންނަށް ބެނުންވާނެ ބައެއް ޙަރަކާތްތައް ރާވައި އިންތިޒާމް ކުރުމަށް އެހީތެރި ވުމަށް އެދިފައި ވާކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ރިޔާ ނަގައިގެން ދުނިޔޭގައި ދުއްވާ އެންމެ ބޮޑު، އަމިއްލަ އެއްޔޮޓް އީއޯއެސް އަކީ 100 މިލިޔަން ޕައުންޑަށްވުރެ އަގުބޮޑު 1500 ޓަނުގެ ޔޮޓެކެވެ. މި ޔޮޓުގެ ދިގުމިނުގައިވެސް 310 ފޫޓު ހުރެއެވެ. މި ޔޮޓުގައި ޢާއްމުކޮށް ދަތުރުކޮށް އުޅެނީ ދުނިޔޭގެ އެންމެ މުސްއަނދިންގެ ފަންތީގެ މީހުންނެވެ.
މި ޔޮޓު އުލިގަމުން ފުރާފައި ވަނީ އިއްޔެ ހަވީރުއެވެ.








ކޮމެންޓް (0)
ލޯޑް ކުރަމުން...