އުފާވެރި އަޟްޙާ ޢީދާ ގުޅިގެން މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގައި ޢީދުގެ އުފާ ފާހަގަ ކުރަމުން ދިޔައިރު ރައްކާތެރި ވެއްޓެއް ޤާއިމް ކުރުމަށް ފުލުހުން ކުރި މަސައްކަތުން ވަރަށް ރަނގަޅު ކުރިއެރުމެއް ފެނިގެން ދިޔަކަމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން ޢީދު ބަންދުގައި ފުލުހުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ ގޮތާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިސްމާޢީލް ނަވީން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ރައްޔިތުން ޢީދުގެ އުފާ ފާޅުކުރަމުންދިޔައިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހުނު ފިޔަވަޅުތައް ފުލުހުން އަޅަމުން ދިޔަކަމަށެވެ. މީގެ އިތުރުން މާލެއިން ގިނަ ބަޔަކު ވިލިމާލެއަށާއި ހުޅުމާލެއަށް ޒިޔާރަތް ކުރަމުން ގޮސްފައިވާއިރު އެފަރާތްތަކަށްވެސް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންގެ ޙަރަކާތްތައް އިތުރުކޮށްގެން މަސައްކަތް ކުރެވިފައިވާކަމުގައި އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
މިއަހަރުގެ އަޟްޙާ ޢީދު ބަންދާ ގުޅިގެން ސެންޓްރަލް އޮޕަރޭޝަންގެ ފުލުހުން ކުރަމުންދިޔަ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންގޮސްފައިވާތީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގައި މަސައްކަތް ކުރާ ފުލުހުންގެ ނަމުގައި ރައްޔިތުންނަށް ޝުކުރު އަދާކުރާކަމުގައިވެސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...