އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިއުމަށް އެމީހުން އަތުން ފައިސާ ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ މެނޭޖިންގ ޑިރެކްޓަރ، މާލެ، މ. އެކްސަލް، މުސްޠަފާ މުޙައްމަދު (68އ) ގެ ބަންދުގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރު ކޮށްފިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ޙަޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަސް ވަނީ އިތުރުކޮށްދީފައެވެ. އޭނާގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މި މަހު 18 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު 2014 ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 18:00 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި އަހަރު ޙައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ، އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް ގިނަ ބަޔަކު ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ، އެމީހުންގެ އަތުން ފައިސާ ނަގާފައިވާކަން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން މި އަހަރު ޙައްޖަށް ދިއުމަށް ފައިސާ ދީފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް އެ މަޢުލޫމާތު ފުލުހުންނާ ހިއްސާ ނުކުރާ ފަރާތެއް ވާނަމަ، އެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާ ކުރެއްވުމަށް މޯލްޑިވްސް ޕޮޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ވަނީ ގޮވާލާފައެވެ. އެ ފަދަ ފަރާތްތަކުން އެ ޑިޕާރޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވާފައި ވެއެވެ.
މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުޤީޤުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...