ރާއްޖޭގެ ޚަބަރު ޢީދު ޗުއްޓީ އަށް ރަށުން ބޭރަށްދާ ފަރާތްތަކުން ވަގުންނަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

ޢީދު ޗުއްޓީ އަށް ރަށުން ބޭރަށްދާ ފަރާތްތަކުން ވަގުންނަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

ޢީދު ޗުއްޓީ އަށް ރަށުން ބޭރަށްދާ ފަރާތްތަކުން ވަގުންނަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތީ އަޟްޙާ ޢީދުގެ ބަންދު ދުވަސްތައް ކަމަށްވުމާއެކު ބަންދު ދުވަސްތަކުގައި ރަށުން ބޭރަށް ވަޑައިގަތުމުގެކުރިން ގޯތިގެދޮރު ރަނގަޅަށް ތަޅުލައްވައި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކަށް ގޯތިގެދޮރުގެ މަޢުލޫމާތު ދެއްވައި ފުލުހުންނާވެސް އެފަދަ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

އަޟްޙާ ޢީދު ބަންދު ދުވަސްތަކަކީ ގިނަ ބަޔަކު ރަށުން ބޭރުގައި އުޅޭނެ ދުވަސްވަރަކަށްވާތީ ގޭގޭގައި ދިރިއުޅޭ ހުރިހާ މީހުން ރަށުން ބޭރަށް ދާނަމަ ނުވަތަ ގިނަބަޔަކު ގެ ދޫކޮށް ގެއިން އިން ބޭރުގައި ގިނަ ވަގުތު ހޭދަކުރައްވާނަމަ އެގެއެއްގައި ހުންނަ، ކޮންމެހެން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އަގުބޮޑު މުދަލާއި އެހެނިހެން ސާމާނު ރަނގަޅަށް ރައްކާ ކުރައްވައި އަލަމާރި އާއި ކޮޓަރިފަދަ ތަންތަން ރަނގަޅަށް ތަޅުލެއްވުމަށްފަހު އެގެއެއްގެ ކަންކަން ޒިންމާދާރުކަމާއެކު ބެލެހެއްޓޭނެ ފަރާތަކާ އެމަޢުލޫމާތު ޙިއްސާކުރައްވައި އެފަދަ ގެއަކާއި އެންމެ ގާތުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އެ މަޢުލޫމާތު ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ފުލުހުން ވިދާޅުވީ އެގެއެއްގައި ދިރިއުޅޭ ހުރިހާ މީހުން ރަށުން ބޭރަށް، ގެ ތަޅުލާފައި ދާނަމަ ގޭގައި އަލިކަން ބެހެއްޓޭނެ ނުވަތަ ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުއްވޭނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، އެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމުން ގޭގައި ހުންނަ ތަކެތި ގެއްލިގެން ދިއުމުން ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.

ހަމައެހެންމެ ޢީދު ބަންދުގައި ނުވަތަ އެނޫންވެސް ވަގުތުތަކުގައި ގެއިން މީހުން ހުސްވެގެންދާނަމަ ބޭރުން ގެއަށް ވަދެވެންހުރި ކުޑަދޮރުތަކާއި ފެންލައިޓްފަދަ ތަންތަން ރަނގަޅަށް ތަޅުލައްވައި، ގެއަށް ބޭރުން ފަސޭހައިން ނުވަދެވޭނެފަދަ ގޮތަކަށް ބަންދުކުރައްވާފައި ބެހެއްޓުމަށް ވެސް ފުލުހުން ވަނީ ހަނދުމަފުޅުކޮށް އަރުވާފައެވެ.

މީގެ އިތުރުން ފަހަކަށް އައިސް އަލިފާނުގެ ނުރައްކާތެރި ޙާދިސާތައް ހިނގުން އިތުރުވަމުންދާއިރު މިކަމަށްވެސް ރައްޔިތުން ފުރިހަމައަށް ސަމާލުކަން ދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަރަންޓް ޝޯޓެއް ވެދާނެފަދަ ކަމެއް ހުރިތޯ ރަނގަޅަށް ބައްލަވައި އެކަންކަން ޙައްލުކުރެއްވުމަށާއި، އެފަދަ ނުރައްކާތެރި ޙާދިސާއެއް ހިނގާފާނެ ކަމެއް ހުރިތޯ ރަނގަޅަށް ބައްލަވައި ސަލާމަތީ ގޮތުން އަޅަންހުރި ފިޔަވަޅުތައް އެޅުއްވުމަކީ އިސްކަންދެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ޢީދު ބަންދުގެ ދުވަސްވަރު އެއްވެސް މީހަކަށް ނުރައްކަލެއް ކުރިމަތިވެ މުދަލަށް ގެއްލުންލިބޭފަދަ ކަމެއް ކުރިމަތިވާނަމަ އެކަން ވީއެންމެ އަވަހަކަށް ފުލުހުންނަށް 3322111 ނުވަތަ 119 އަށް ގުޅުއްވައި އަންގަވައި ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.