ކުށް ކުރާ ސަބަބު ދެނެގަތުމަށް ފުލުހުން މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަ ކުރައްވާ ފުލުސް އޮފީހުން ވިދާޅުވީ، ކުށުގެ ޙާލަތު ބަދަލުވުމުން ދާއިރު މިހާރު މަސައްކަތުގެ އަމާޒަކީ ކުށް ހިނގާ ސަބަބު ދެނެގަނެ ކުށް ހިންގަން ކުރާ މަސައްކަތް ހުއްޓުވުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެފައި ވާކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިހެން ވިދާޅުވީ އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ރަށު ކައުންސިލްތަކާއި ރައްޔިތުންނާއެކު މަޝްވަރާ ކުރުމަށް ތިލަދުންމަަތީ އުތުރުބުރިއަށާއި އެ އަތޮޅު ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހދ. މަކުނުދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި ކުށްމަދު އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ރަށްރަށުގެ ކައުންސިލާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށާއި ރަށްރަށުގެ ކައުންސިލްތަކުން ފުލުހުންގެ ޚިދުމަތް ދިނުމަށް އެއްބާރުލައި ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތް ބޮޑުކަމަށް ވިދާޅުވިއެވެ. ކުށުގެ ހާލަތު ބަދަލުވަމުންދާކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިހާރު ފުލުހުންގެ މަސައްކަތުގެ އަމާޒަކީ ކުށް ހިނގާ ސަބަބު ދެނެގަނެ ކުށް ހިންގަން ކުރާ މަސައްކަތް ހުއްޓުވުންކަމަށެވެ. އަދި އެއްވެސް ފަރާތަކުން ފުލުހުންގެ މަސައްކަތްތަކާ ދޭތެރޭ އިތުރުބާރު ގެއްލޭގޮތަށް މަސައްކަތްކުރުމަކީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަކުނުދޫ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މަކުނުދޫގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތަކާ މެދު ވަރަށް ހިންހަމަޖެހޭކަމަށާއި ފުލުހުންގެ އެންމެ އިސް ބޭފުޅުން މަކުނުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންގެ ހާލަތު ބައްލަވާލެއްވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.
މަކުނުދޫ ކައުންސިލް މެމްބަރުން މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މަކުނުދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ފުލުހުންގެ މަރުކަޒެއް ހެދުމުގައި އެކައުންސިލްގެ ފަރާތުން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީގެ އިތުރުން، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި، ކޮމިޝަނަރސް ބިއުރޯގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މައްނާނު ޔޫސުފާއި، އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަހުދީ ޝިހާދާއި އަޕަރ ނޯތު ޕޮލިސް ޑީވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަޞްރުﷲ ޖަލީލް ބައިވެރިވެލެއްވިއެވެ. މަކުނުދޫ ކައުންސިލްގެ ފަރާތުން، މަކުނުދޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ
ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ރަށު ކައުންސިލްތަކާއި ރައްޔިތުންނާއެކު މަޝްވަރާ ކުރުމަށް ތިލަދުންމަަތީ އުތުރުބުރިއަށާއި އެ އަތޮޅު ދެކުނުބުރިއަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...