ދިވެހިރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ބޭއްވި ޓްރައިލެޓްރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަތަރުވަނަ ބައްދަލުވުން އިއްޔެ ނިމިއްޖެއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އަންގާރަ ދުވަހު ފެށި މި ބައްދަލުވުމުގައި، މިއަހަރު މާޗްމަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ތިންވަނަ ބައްދަލުވުމުގައި ތިން ޤައުމު ގުޅިގެން ކުރަން ނިންމަވާފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިއަންނަ އަހަރު ކުރީކޮޅު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަތަރުވަނަ ބައްދަލުވުމަށް ހުށަހަޅަންޖެހޭ ކަރުދާސްވެސް ވަނީ އެކުލަވާލައްވާފައެވެ.
މީގެއިތުުރުން، ދިވެހި ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިއާ ގުޅިގެން، ކަނޑުގެ ސަރަޙައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ގޮތްތަކާއި، ކަނޑު ފޭރުމުގެ ނުރައްކަލުން މިސަރަޙައްދު ރައްކާތެރިކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކާއި، ކަނޑުގެ މާޙައުލު ތަޣައްޔަރުވުމުގެ ޙާދިސާތަކުގައި ތިން ޤައުމު ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ކަނޑުގެ ވެށީގައި ހިނގާ ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުން ހިނގަމުންދިޔައިރު އިއްޔެ ވަނީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވަޑައިގެން މަންދޫބުންނާ ބައްދަލުކުރައްވައި ބައްދަލުވުން ހިނގާދިޔަގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ޓްރައިލެޓްރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަތަރުވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސް މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަލްފާޟިލް މުޙައްމަދު ޒުހައިރެވެ. ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ޖަގަތް ޖަޔަސޫރިޔާ އެވެ. އަދި އިންޑިއާއިން އެޤައުމުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، މރ. އަރުވިންދު ގުޕްތާ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...