އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އިސްލާމީގައުމުތަކަށް ދީނީ ބައިވައިވުން އުފެއްދުމަށް މަޖުބޫރު ކުރުވާ ކަމަށާއި ރާއްޖޭގައިވެސް އިންސާނީ ހައްގުތައް ނެތީ އެއް ޖިންސުން ކައިވެނި ކުރުމާއި ދީނީ މިނިވަންކަން ނެތުމުން ކަމަށް ބައެއް ގައުމުތަކުން ދެކެމުން އަންނަކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އުމަރު ނަސީރު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ
އިސްލާމްދީނާ ހިލާފު ކަންކަމާއި ދީނީ މިނިވަން ކަން ދިނުމަށް ބާރުއަޅަމުންދަނީ އިންސާނީ ހައްގުތަކާއި ޑިމޮކުރަސީގެ ނަމުގައި މަސައްކަތް ކުރާ ފަރާތް ތަކުން ކަމަށާއި، ނަމަވެސް ރާއްޖެއަކުން އެ ފުރުސަތު ނުދޭނެ ކަމަށް މިނިސްޓަރ ވިދާލުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެގައި އެހެން ދީން ތަކަށް ފުރުސަތު ނުދޭތީ ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށް ދަތިކުރަމުންދާ ކަމަށާއި، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބަޔަކު ބާރުއަޅަމުންދާ ކަމަށެވެ.
"އެހެން ދީން ތަކަށް ފުރުސަތު ނުދޭތީ ރާއްޖޭގައި އިންސާނީ ހައްގެއް ނެތޭ ބުނެ ރާއްޖެ އަށް ދަތިކުރޭ،" މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ، ދީނީ ބައެއް ކަންކަންމުގައި ރާއްޖޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައްނައްތާލުމަށް އިލްވެރިން ކުރަމުންދާ މަސައްކަތް މިހާރަށް ވުރެ އިތުރު ކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުންވެސް އިސްލާމް ދީންހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"މި ސަރުކާރުން މިސްކިތްތައް ބަލަހައްޓާނަން،ގުރުއާން ކިޔަވަން ދަސްކޮށް ދޭނަން، ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭނަން. މިސްކިތްތަކަށް އިމާމުން އަޅުގަނޑުމެން ތަމްރީނު ކުރާނަން. ގުރުއާން ކިޔަވަން ދަސްކޮށްދޭ ޓީޗަރުން ތަމްރީނު ކުރާނަން. ގާރީން އުފައްދާނަން، އިސްލާމް މުދައްރިސުންއުފައްދާނަން. ހުކުރު ހުތުބާތައް ތައްޔާރު ކުރާނެ، ޒަކާތް ނަގާނެ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށެއްގެ އެންމެނަށް އަޑު އިވޭ ގޮތަށް ވަގުތުން ވަގުތަށް ބަންގި ގޮވާނެ، ނަމާދު ވަގުތަށް މިސްކިތްތަކުގައި ނަމާދު ކުރާނެ އަދި މިސްކިތްތައް އިތުރު ކުރަމުން ގެންދާނެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިދެންނެވި ކަންކަމަކީ ދިވެހިދައުލަތުގެ ރައްކާތެރި ކަމުގައި އިސްލާމްދީން ހިމާޔަތްކޮށް ބާއްވަން ދައުލަތުން އަޅާފައިވާ ވާތަކެއްކަމަށާއި، މި ވާތައް މުހާލައި ކަނޑައިލަން އެކިފަހަރުއެކި ނަންނަމުގައި ވާހަކަ ދައްކާފާނެ ކަމަށެވެ. އަދި ބައެއް ފަހަރު ހަރަދު ކުޑަކުރުމުގެ ނަމުގައްޔާއި ޑިމޮކްރްސީގެ ނަމުގައި އިސްލާމް ދީނާއި ދައުލަތް ވަކި ކުރަންބަޔަކު ވަކާލަތު ކޮށްފާނެ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
ދީނީ ހިލާފުތަކުގެސަބަބުން ދީނީ ބައިބައިވުންތަކެއް އުފެދޭ ކަމަށް އިޝާރާތް ކުރައްވާމިނިސްޓަރު ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލަ އާއި ފާހިޝް އަމަލުތަކުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލަތައް ކަމަށާއި، އޭގެސަބަބުން މަދުން ނަމަވެސް ބައެއް ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށި ވަމުން ދިއުމުގެ ހިތާމަ އޮތް އިރު އެކަންކަން އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ކަންކަމުން ސަލާމަތް ވުމަށް އެންމެން އެއްބައިވެގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވަމުން މިނިސްޓަރވަނީ ރާއްޖޭގެ ހުރިހާ މައިންނަށާއި ބައްޕައިންނަށާއި ބޭބެއިންނަށާއި ދައްތައިނަށް، ބަލަދުވެރިންނަށާއި ބެލެނިވެރިންނަށް މުދައްރިސުންނާއި މުދައްބިރުންނަށް އިހުލާސްތެރި ކަމާއެކު މަސައްކަތް ކޮށްދިނުމައް ގޮވާލައްވާފައެވެ.
ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1942 ގެ ނޮވެމްބަރ28 އެވެ.
މިއަހަރު 1435 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ފާހަގަ ކުރެވިފައިވަނީ ރާއްޖެ އިސްލާމްވިތާ 887 ވަނަ އަހަރު ފުރުމުގެ މުނާސަބަތެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް ނެތީ އެއް ޖިންސުން ކައިވެނި ކުރުމާއި ދީނީ މިނިވަންކަން ނެތުމުން ކަމަށް ބަޔަކު ދެކޭ. ޢުމަރު
ކޮމެންޓް (0)
ލޯޑް ކުރަމުން...