ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ބޭނުންވާ ވަކި ދާއިރާ ތަކެއް އެ ޕާޓީއަށް ނުދޭނަމަ ކޯލިޝަނާއި ވަކިން އިންތިޚާބުގައި ވާދަ ކޮށްފާނެ ކަމުގެ ޢިޝާރާތެއް ޢަދާލަތު ޕާޓީން ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢަދާލަތަށް ތާއީދު ބޮޑު ދާއިރާ ތައް އެ ޕާޓީއަށް ނުލިބޭ ގޮތަށް އެޕާޓީން އެއްވެސް ޑީލެއް އެއްވެސް ފަރާތަކާއި އެކު ނުހަދާނެކަމަށެވެ.
އަންނަ މާޗް މަހުގެ ބާވީސް ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީއާ ނުލައި، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ގޮނޑިތައް ބަހާލާފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީން ބޭނުންވާ ފަސް ދާއިރާއެއް ނުހިމެނޭގޮތަށް ޑީލެއް ހެދުމަށް އެޕާޓީއަށް ފަސޭހަ ނުވާނެކަމަށެވެ.
އެގޮތުން މަކުނަދޫ، ވައިކަރަދޫ، ކޮމަންޑޫ، އިނގުރައިދޫ، ފަރެސްމާތޮޑާ ނުހިމެނޭގޮތަށް ޑީލެއް ނަހަދާނެކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ އަށާވީސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި އަދާލަތު ޕާޓީއަށް ދިނުމުންވެސް، އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގަބޫލު ނުކުރެއްވި ކަމަށް، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.
އަދާލަތު ޕާޓީއާ ނުލައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ގޮނޑިތައް ބަހާލާފައިވާ މައްސަލަ ހައްލު ނުވުމުން އަދާލަތު ޕާޓީން ވަކިން އިންތިޚާބަށް ނުކުތުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.
އަދާލަތުގެ ކެންޑިޑޭޓުން މިހާރު ވަނީ ބައެއް ދާއިރާތަކުގައި ކެމްޕޭންވެސް ފަށާފައެވެ.
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުން މަޖިލީހުގެ އަށްޑިހަ ފަސް ދާއިރާ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ބަހާލާފައިވާއިރު، ޕީޕީއެމްއަށް ސާޅީސް ނުވަ ގޮނޑި، ޖުމްހޫރީ ޕާޓީއަށް އަށާވީސް ގޮނޑި އަދި އެމްޑީއޭ އަށް ނުވަ ގޮނޑި ދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...